އަލީ ވަހީދު ކުރެއްވި ތުހުމަތުތައް ތަހުގީގްކޮށް ފިޔަވަޅު އެޅުމަށް އިދިކޮޅުން ގޮވާލައިފި

އަލީ ވަހީދު ކުރެއްވި ތުހުމަތުތައް ތަހުގީގްކޮށް ފިޔަވަޅު އެޅުމަށް އިދިކޮޅުން ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
21 ސެޕްޓެމްބަރ 2021 01:01
0

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ރައީސް ޞާލިހަށް ކުރެއްވި ތުހުމަތުތައް ތަހުގީގު ކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އަލީ ވަހީދު ކުރެއްވި ސީރިއަސް ތުހުމަތުތަކަކީ ސަރުކާރުން މިހާރުން މިހާރަށް ބަލަންޖެހޭ ކަންތައްތަކެއް ކަމަށެވެ.

އަޅުގަނޑު ހަމަ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަން މިހާރުން މިހާރަށް މި މައްސަލަ ތަހުގީގު ކޮށްދެއްވުމަށް. އަދި ހަމައެއާއެކު ރައީސް ސޯލިހަށް ގޮވާލަން މި މައްސަލަ އިންސާފުވެރިކަމާ އެކީގައި ތަހުގީގު ކުރުމަށް ޖާގަ ދެއްވުމަށްޓަކައި މަނިކުފާނު އިސްތިއުފާ ދެއްވާށޭ.

– އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ރައީސް ޞާލިހު އަދ.ގެ އާންމު މަޖިލީހުގައި ތަޤުރިީރު ކުރައްވަންވީ ވަގުތު ނޫންކަމަށެވެ. މިހާލަތުގައި އިސްކުރަންވީ ޤައުމީ މަސްލަހަތު ކަމަށާއި، ބޮޑެތި ތުހުމަތުކޮށް ރައްޔިތުންގެ ފައިސާގައި ޖެހިފައިވާ ބޭފުޅަކު ޤައުމު ތަމްސީލް ކުރުމަށް އދ.ގައި ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. މިކަމުގައި އަވަސް ތަހުގީގެއް ހިންގައިވައި ސަރުކާރުން ޖަވާބު ދާރީ ވާންޖެހޭކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދީބު އަތުން ފައިސާ ނެގި މީހުންގެ ތެރޭގައި އެމްޑީޕީގެ އެންމެ އިސް ބޭފުޅުން ހިމެނޭ ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަނީ ވިދާޅުވެފަ އެވެ. އަދި އަދީބު އޭރު އުޅުއްވި ރެހެންދި ފްލެޓުން 35 މިލިއަން ރުފިޔާ ކަޅު ދަބަހަކަށް އަޅައިގެން ގެންދެވީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކަމަށާއި އެ މަނިކުފާނު ފައިސާއާއެކު ނުކުމެވަޑައިގަންނަވާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖު ވެސް ކަމާ ބެހޭ ފަރާތްތަކުގައި ހުންނާނެ ކަމަށް އިނގިރޭސި ވިލާތުގައި ހުންނަވައިގެން ބޭއްވި ވާޗުއަލް މީޑިއާ ބްރީފިންގައި އަލީ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 ބޭފުޅަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރަކަށްވެސް ޚިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތަޙްޤީގު އިދާރާތަކުން ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.