އެމްއާރްއެމްގެ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އެމްއާރްއެމްގެ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
16 ސެޕްޓެމްބަރ 2021 10:13
0

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިސްވެ އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ އެކި މަޤާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެޕާޓީގެ އެކި މަޤާމުތަކަށް ހުޅުވާލި ފުރުސަތު މިއަދު ހަވީރު 16:00 އަށް ވަނީ ހަމަވެފައެވެ. ނަމަވެސް ބައެއް މެމްބަރުން އެކި މަޤާމުތަކަށް ޝައުގުވެރިކަން ފާޅު ކުރަމުންދާތީ އިތުރު ފުރުސަތު ދިނުމުގެ ގޮތުން މި މަހުގެ 22 ގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އެމްއާރުއެމްގެ ބޮޑެތި ގިނަ މަޤާމުގަކަށް މިހާރުވެސް މެމްބަރުން ވަނީ ކުރިމަތިލާފައެވެ. އެގޮތުން އެޕާޓީގެ ޒައީމްކަމުގެ މަޤާމަށް ޕާޓީގެ މިހާރުގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްވަނީ ކުރިމަތިލައްވާފައެވެ. އެމްއާރުއެމްގެ ރައީސްކަމަށް ކުރިމަތި ލެއްވި ފާރިސް މައުމޫނަކީ، ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު ސިޔާސީ ކަންކަމުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް ފަހުން މިދިޔަ ދެތިން އަހަރު ސިޔާސީ މަސައްކަތްތަކުގައި ފާރިސް މާބޮޑަށް ފެނިފައިނުވެއެވެ.

އެމްއާރުއެމްގެ ނާއިބް ރައީސްކަމަށްވެސް ވަނީ ތިން ބޭފުޅަކު ކުރިމަތިލާފައެވެ. އަންހެން ބޭފުޅުންގެ ތެރެއިން އިންތިޚާބުކުރާ ނާއިބް ރައީސް ކަމަށް ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކާއެކު އިސްކޮށް މަސައްކަތް ކުރެއްވި އާމިނަތު ނާދިރާވަނީ ކުރިމަތި ލައްވާފައެވެ. ފިރިހެން ބޭފުޅުންގެ ތެރެއިން ނާއިބް ރައީސް ކަމުގެ މަޤާމަށް އިންތިޚާބުކުރާ މަޤާމަށް ކުރިމަތިލައްވާފައިވަނީ މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމާއި، ޓްރާސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒު ޢަލީއެވެ.

އެމްއެމާރުއެމްއިން ހުޅުވާލާފައިވާ މަޤާމުތަކުގެ ތެރޭގައި އެގްޒެކްޓިވް ކޮމެޓީގެ މެންބަރު ކަމަށް 20 ބޭފުޅުން އިންތިޚާބު ކުރާނެއެވެ. އެއީ 10 ފިރިހެނުންނާއި 10 އަންހެނުންނެވެ. ދެން ހުޅުވާލާފައި އޮތީ ޒުވާނުންގެ ކައުންސިލްގެ ރައީސް ކަމަށާއި ޒުވާނުންގެ ކައުންސިލްގެ ނާއިބު ރައީސް ކަމަށާއި އެކައުންސިލަށް އިތުރު 30 މެންބަރުންނެވެ. އެއީ 15 ފިރިހެނުންނާއި 15 އަންހެނުންނެވެ. އަދި އަންހެނުންގެ ކައުންސިލްގެ ރައީސް ކަމަށާއި ނާއިބު ރައީސް ކަމަށާއި އަންހެނުންގެ ކައުންސިލަށް 20 މެންބަރުން ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިންތިޚާބު ކޮމެޓީއާއި ސުލޫކު ކޮމެޓީއާއި އިސްތިއުނާފު ކޮމެޓީންކުރެ ކޮންމެ ކޮމެޓީއަކަށް ފަސް މެންބަރުން އިންތިޚާބު ކުރާނެއެވެ.

އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ދިނީ 2019ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2ގައެވެ. އެމްއާރުއެމްގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިބީ 3048 މެންބަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.