އިސްލާހީ އެޖެންޑާއިން މަގުފަހިކޮށްދިން އެންމެ މުހިންމު އެއް ކަމަކީ، ޑިމޮކްރަސީގެ ހަމަތަކާއި އެއްގޮތަށް ސިޔާސީ ކަންކަމާ މެދު އާންމުންގެ މެދުގައި ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިސްވެ އުފައްދާފައިވާ އެމްއާރުއެމް އިން ބުނެފިއެވެ.
ދުނިޔޭގެ ޑިމޮކްރަސީ ދުވަހުގެ ތަހުނިޔާ ފޮނުވައި ރައީސް މައުމޫންގެ އެމްއާރުއެމް އިން ނެރުނު ބަޔާނެއްގައި ވަނީ، ދުނިޔޭގެ އެހެން ޤައުމުތަކެކޭވެސް އެއްފަދައިން ރާއްޖޭގައިވެސް ޑިމޮކްރަސީއަށް ކުރެވުނު، އަދި ކުރެވެމުންދާ މަސައްކަތަކީ ބުރަ އަދި ނުހަނު ދިގު މަސައްކަތެއްކަމަށެވެ. އެގޮތުން ރާއްޖެ ޑިމޮކްރަސީއަށް ކުރަމުން އައި ދަތުރުގެ ފެށުމުގެ ގޮތުގައި ފާހަގަކުރެވެނީ، 2004 ވަނަ އަހަރުގެ ޖޫން 09 ވަނަ ދުވަހުކަމަށާއި، އެދުވަހުގެ ރޭ، އޭރުގެ ރައީސް، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް އިޢުލާނު ކުރެއްވި އިސްލާހީ އެޖެންޑާގެ ދަށުން ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް މަގުކޮށައިދިންކަމަށް އެމްއާރުއެމް އިން ބުންޏެވެ.
އިސްލާހީ އެޖެންޑާއިން މަގުފަހިކޮށްދިން އެންމެ މުހިންމު އެއް ކަމަކީ، ޑިމޮކްރަސީގެ ހަމަތަކާއި އެއްގޮތަށް ސިޔާސީ ކަންކަމާ މެދު އާންމުންގެ މެދުގައި ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށާއި، ގައުމުގައި އޭރު ހުރި މައްސަލަތައް ހައްލުކުރުމަށް މަގުޗާޓެއް އެކުލަވާލައި ސިޔާސީ ގޮތުން ބޮޑެތި އިސްލާހުތަކެއް އޭގެ ދަށުން ގެނެސް، ސިޔާސީ ޕާޓީތައް ރާއްޖޭގައި އުފެދިގެން ދިޔަކަމަށްވެސް އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.
ދިވެހި ރައްޔިތުން ޑިމޮކްރަސީއަށް ކުރި ދަތުރުގައި އެންމެބޮޑު ކާމިޔާބީއެއް ލިބިގެންދިޔައީ 07 އޮގަސްޓް 2008 ދުވަހުގެ ރެއެވެ. މިހާރު މި އޮތް ފެހި ޤާނޫނުއަސާސީ ތަސްދީޤުކުރުމާއި އެކު އެޤާނޫނުއަސާސީގެ ދަށުން ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ސުލްޙަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ދިވެހިންނަށް ލިބިގެންދިޔައެވެ.ދިވެހި ރައްޔިތުންނަކީ ޑިމޮކްރަސީގެ ހަމަތަކަށް ލޯބިކުރާ ބައެއްކަން ހާމަވެގެންދިޔައީ އާ ޤާނޫނުއަސާސީއަށްފަހު ވޭތުވެދިޔަ އަހަރުތަކުގައި ބޭއްވި އިންތިޚާބުތަކުންނެވެ. އެ އިންތިޚާބުތަކުގައި ދިވެހި ރައްޔިތުންވަނީ އެ ރައްޔިތުންނަށް ޤާނޫނުއަސީސީން ކަށަވަރު ކޮށްދީފައިވާ ވޯޓު ލުމުގެ ހައްޤުގެ ބޭނުންކޮށް އެ ރައްޔިތުންގެ ބަސް އިއްވާފައެވެ. އެގޮތުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަކީ ރާއްޖޭގައި ނެތެމުންދިޔަ ޑިމޮކްރަސީގެ ހަމަތައް އަލުން އިޔާދަކޮށް ޑިމޮކްރަސީގެ މަގުގައި ކުރިއަށް ދިއުމަށް ދިވެހި ރައްޔިތުން ނިންމި މުހިންމު ނިންމުމެކެވެ. އެއީ ދިވެހި ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
– އެމްއާރުއެމް
ޑިމޮކްރަސިއަކީ ހަމައެކަނި ވޯޓު ލުމުގެ ހައްޤެއްނޫންކަމަށާއި، ފުރިހަމަ ޑިމޮކްރަސީއަކަށް، އޭގެ ހަމަތައް ނަގަހައްޓާ ދަމަހައްޓާނޭ ސިޔާސީ ލީޑަރުން ބޭނުންވާކަމަށްވެސް އެމްއާރުއެމް އިން ބުންޏެވެ. ކުރީގެ ސަރުކާރުގެ ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ޑިމޮކްރަސީގެ ހަމަތަކުގެ ބޭރުން ހިނގި ކަންކަމެއްކަމަށްވެސް އެމްއާރުއެމް އިން ބުނެފައިވެއެވެ. އެހެންނަމަވެސް ބައިނަލްއަޤުވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރަމުން ދާއިރު ރާއްޖޭގައި މިހާރު އޮތް ސަރުކާރުން ޑިމޮކްރަސީ ނެގެހެއްޓުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރާނޭކަން އެޕާޓީން ކަށަވަރުކުރާކަމަށާއި، އެކަމަށް ދޭންޖެހުނު ކޮންމެ އެއްބާރުލުމެއް ދިނުމަށް އެމް.އާރް.އެމް އިން ތައްޔާރަށް ތިބިކަން ފާހަގަކުރާކަމަށްވެސް އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.
ކޮމެންޓު ފޮނުވާ