ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އެޅުމަށް ހަވާލުކޮށްފި

ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އެޅުމަށް ހަވާލުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އެޅުމަށް އިސްލާމިކް މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފަވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު މީހުން ވަނީ އާބާދުވާން ފަށާފައެވެ. އެގޮތުން ހިޔާ ފްލެޓްތަކުގައިވެސް ބައެއް އާއިލާތައް ވަނީ ދިރިއުޅެން ފަށާފައެވެ. އަދި ބައެެއް އާއިލާތައް މިހާރު ބަދަލުވާން ދަނީ މަސައްކަތްކުރަމުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދެވަނަ ފިޔަވަހީގައި އަޅާ މިސްކިތަކީ 450 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނީ، މިސްކިތް ހެދުމަށް ބިން ދޫކޮށްފައިވަނީ ހިޔާ ފްލެޓްތައް ކައިރިންކަމަށެވެ. މިސްކިތުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފަވަނީ 2 މަހާއި 20ދުވަހުންނެވެ. މިޕްރޮޖެކްޓަކީ ސަރުކާރުން 4.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގަ އިތުރު މިސްކިތެއްގެ މަސައްކަތްވެސް މިހާރު ކުރިއަށްދެއެވެ. މި މިސްކިތަކީ އަމިއްލަ ފަރާތަކުން ހުޅުމާލޭގައި ތަރައްޤީކުރާ މިސްކިތެކެވެ. "މަސްޖިދުލް އަމީލް ޖަލީލް"ގެ މަސައްކަތް މިހާރުވަނީ ނިމުމަކާ ގާތްވެފައެވެ. މި މަސައްކަތުގައި މިވަގުތު ކުރިއަށްދަނީ ކަރަންޓާއި ފެން ގުޅުމުގެ މަސައްކަތާއި އަދި އެތެރޭގެ ބައެއް މަސައްކަތްތަކެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޮޑު އާބާދީއެއް ދިރިއުޅެން ފެށުމުގެ ކުރިން، އެތަނުގައި އާއްމު ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް އެޗްޑީސީންވަނީ ފަށާފައެވެ. އެގޮތުން އާއްމު ދަތުރުފަތުރުގެ ނިޒާމު ލުއިފަސޭހަކޮށްދިނުމަށް، މިމަހުގެ ތެރޭގައި ދެވަނަ ފިޔަވައްސައް ބަހުގެ ޚިދުމަތް ފެށުމަށްވެސް ތައްޔާރުވެފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި އާއްމު ޚިދުމަތްތަކުގެ ތެރެއިން ފިހާރައާއި، ބޭސް ފިހާރަ، ކްލިނިކް އަދި ސުޕަމާރޓް ފަދަ ތަންތަން ހެދުމަށްވަނީ ޖާގަ ދޫކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *