ރާއްޖޭގެ ޑްރަގުގެ ހާލަތު މިހާރު އޮތީ ވަރަށް ނާޒުކު ހާލެއްގައި ކަމަށާއި، ޑްރަގުގެ ވަބާގައި ޖެހޭ ކުދިންގެ ނިސްބަތް ވަރަށް ބާރު ސްޕީޑެއްގައި މައްޗަށް ދާކަމުގައި ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ޑްރަގް އެޖެންސީ ރީސްޓްރަކްޗަރ ކުރުމާއި، ގުޅޭގޮތުން މިނިސްޓަރ އޮފް ހެލްތުގެ ފަރާތުން މަޖިލީހަށް ވަނީ ވަރަށް ތަފްސީލީ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. މި ޕްރެޒެންޓޭޝަން ހުށަހެޅުގެ ކުރިން ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ ޑަރަގްގެ ބަވާއިން ސަލާމަތްވުމަށް މިހާތަނަށް އެކަށީގެންވާ ވަރާއި ގާތަށްވެސް މަސައްކަތް ކުރެވިފައި ނުވާކަމަށެވެ.
މި ދިރާސާތައް ކޮށްފައި ވަނީ ހެލްތު މިނިސްޓްރީގެ ބައެއް ބޭފުޅުން ހިމެނޭ ގޮތަށް އެންޑީއޭގެ ރިވިއު ޓީމެއް އެކުލަވާލައިގެން ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. ދިރާސާއިން ފާހަގަ ކުރެވުނު އެއް ކަމަކީ ފަރުވާ ދިނުމަށް ފަހު އަލުން އަނބުރާ ޒުވާނުން ދޫކޮށްލެވެނީ އޭނާ ކުރިން ވެސް އުޅުނު މާހައުލަށް ކަމަށް ވާތީ އަނެއްކާ ވެސް އެ ވަބާގައި ޖެހި އެތައް ފަހަރު މަތިން ފަރުވާ ދޭން ޖެހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޕްރެޒެންޓެޝަން ހުށަހަޅުއްވަމުން، ހެލްތު މިނިސްޓަރުގެ ނައިބު ސަފިއްޔާ މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގައި ޑްރަގުގެ ވަބާގައި ޖެހެމުންދާ މީހުންގެ އުމުރު ފުރާއާއި، ޑަރްގު އެތެރެކުރާ މިންވަރާއި، ގޮތްތަކަށް ބަލާއިރުވެސް ވަރަށް ބޮޑަށް ތަފާތުވެފައިވާކަމަށެވެ. ފާއިތުވެދިޔަ 2014 ވަނަ އަހަރަށް ބަލާއިރު ޑްރަގުގެ ވަބާގައި ޖެހިފައިވާ މީހުންގެ އުމުރަކީ 22 އާއި 37 އަހަރާއި ދެމެދު ކަމަށެވެ. ނަމަވެސް މިއަހަރު އުމުރު ފުރާއަށް ބަލާއިރު 17 އަަހަރާއި 68 އަހަރާއި ދެމެދު މީހުން މި ވަބާގައި ޖެހިފައިވާކަމަށެވެ.
ސަފިއްޔާ ވިދާޅުވީ ރެކޯޑްކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ވޭތުވެދިޔަ 10އަހަރުގެ ތެރޭގަ މި ޙާލަތު ވަރަށް ބޮޑަށް ބަދަލުވެފަވާކަން، ހާމަވާކަމަށެވެ. އެގޮތުން ވަރަށް ޅަ އުމުރުގެ ކުޑަކުދިން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ރެކޯޑް ކުރެވިފައިވާއިރު، ވަރަށް އުމުރުން ދުވަސްވީ މީހުންވެސް މަސްތުވާތަކެތި ބޭނުންކުރާކަން ރެކޯޑްތަކުން ފެންނަކަމަށެވެ.
ކުރިން ސިސްޓަމްގަ ރެކޯޑްވެފައިވާ އުމުރުފުރައަކީ 22އަހަރާ 37އަހަރާ ދެމެދު މީހުން. އެކަމަކު ފަހުގެ އަހަރުތަކުގަ 17އަހަރާ 68އަހަރާ ދެމެދުގެ އުމުރުފުރާގަ މަސްތުވާތަކެތި ބޭނުންކުރާ މީހުން އެބަތިބި. އަހަރުން އަހަރަށް މި އުމުރު އަންނަނީ ހަގުވަމުން. އެގޮތުން 14އަހަރުގެ ކުދިންވެސް ސަބްސްޓެންސް ޔޫސަރސްގެ ގޮތުގަ މިހާރު ރެކޯޑްކުރެވެމުންދޭ. އަދި ޖުވެނައިލް ކޭސްތަކަށް ބަލާއިރު 15އަހަރާ 17އަހަރާ ދެމެދުގެ ކުދިން ހިމެނޭ.
– ސަފިއްޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު ރާއްޖޭގައި ވަރަށް ކުޑަކުދިންވެސް މިވަބާގައި ޖެހިފައިވާކަމަށެވެ. އެގޮތުން 8 އަހަރުގެ ކުދިންވެސް މި ވަބާގައި މިހާރު ޖެހިފައިވާކަމަށެވެ. ރާއްޖެއަށް ޑްރަގް އެތެރެ ކުރުމުގައި ޒަމާނީ އުކުޅު ތަކާއިއެކު މައިލް މެދުވެރިކޮށްވެސް ޑްރަގު އެތެރެ ކުރަމުންދާކަމަށެވެ. ރާއްޖެއަށް ޑްރަގު އެތެރެ ކުރުމުގައި މައިގަނޑު ގޮތެއްގައި ހަރަކަތްތެރިވަނީ ދިވެހިން ކަމަށާއި، ބޭރު މީހުން ބޮޑަށް ބައިވެރިވަނީ މަސްތުވާތަކެތި ގެނެސް އުފުލުމުގައި ކަމަށެވެ.
ސަފިއްޔާ ވިދާޅުވީ މިއަދު ރާއްޖޭގައި ޑްރަގުގެ ނުރައްކާ ނެތް އެއްވެސް އަތޮޅެއް ނެތްކަމަށެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައިހެން މިއަދު މިވަބާ އޮތްކަމީ މިކަމުން އަރައިގަތުމަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށެވެ. ނަމަވެސް ރާއްޖޭގައި ހާލަތު އޮތް ގޮތް ދެނެގަނެވުމުން ކުރަންޖެހޭ މަސައްކަތާއި، ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑަށް ސާފުވެފައިވާކަމަށެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން ނެތް އެއްވެސް އަތޮޅެއް ރާއްޖެއަކު ނެތެވެ. އަދި މިއިން ކޮންމެ އަތޮޅެއްގެ ރެކޯޑްތަކަށް ބަލާއިރުވެސް ކުޑަކުދިން ހިމެނެއެވެ. ސަފިއްޔާ ވިދާޅުވީ ޅަ އުމުރުގައި ކުދިން މަސްތުވާތަކެތީގެ ޝިކާރައަކަށްވާ އެންމެ ބޮޑު ސަބަބަކީ އެކުގައި އުޅޭ ރައްޓެހިންގެ ކިބައިން އަންނަ ޕްރެޝަރުކަމަށް ސަފިއްޔާ ވިދާޅުވިއެވެ.
އަދި ދުރާލާ މިފަދަ ކުދިންނަށް އާއިލާއާ މުޖުތަމަޢުގެ އެހީ ލިބޭނަމަ، ޙާލަތު ރަނގަޅުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެންޑީއޭ ހެލްތު މިނިސްޓްރީއާ ހަވާލުވުމާއެކު، މިނިސްޓްރީންވަނީ ހިންގުމުގެ އޮނިގަނޑު ހަރުދަނާކޮށް އެފަދަ ފަރާތްތަކަށް ޙާލަތުން އަރައިގަތުމަށް މުހިންމު ޕްރޮގްރާމްތަކެއް ރާވަން ފަށާފައެވެ. ސަފިއްޔާ ވިދާޅުވީ ވަކި ރަށެއް ބާކީނުކޮށް، ހުރިހާ މުޖުތަމަޢުތައް ހިމެނޭހެން ރިހެބިލިޓޭޝަން ފަރުވާ ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ.