މަސްތުވާތަކެއްޗަށް ފަރުވާ ހޯދާ މީހުންގެ ކިއުއެއް މިހާރު ނެތް: އެންޑީއޭ

މަސްތުވާތަކެއްޗަށް ފަރުވާ ހޯދާ މީހުންގެ ކިއުއެއް މިހާރު ނެތް: އެންޑީއޭ

Author
ހުސައިން
29 އޮގަސްޓް 2024 11:17
0

ހިންމަފުށީގެ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި މިހާރު ފަރުވާ ހޯދަން ޖެހޭ މީހުންގެ ކިޔުއެއް ނެތް ކަމުގައި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯ މުޙައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ. މިއީ ކޯޓު އަމުރުގެ ދަށުންނާއި އަދި އަމިއްލައަަށް ބޭނުންވެގެންވެސް ފަރުވާ ހޯދާ ތަނެކެވެ.

'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ރާޝިދު ފާހަގަކުރެއްވީ މި މަޢުލޫމާތު ބައެއް މީހުންނަށް 'ޝޮކަކަށް' ވެދާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މިހާރު އަމިއްލައަށް އިސްނަގައިގެން ފަރުވާއަށް އަންނަ މީހުންނަށްވެސް ފަރުވާ ދިނުން އަވަސްވާނެ ކަމަށެވެ.

އެންޑީއޭއިން ހިންގާ މެތަޑޯން ޕްރޮގްރާމާ ބެހޭ ގޮތުން ރާޝިދު ވިދާޅުވީ އެ ޕްރޮގްރާމުގައި ކުރިން ބޮޑު ކިޔުއެއް އޮތް ކަމަށެވެ. މި ޕްރޮގްރާމަށް ބަދަލުތަކެއް ގެނައުމަށްޓަކައި މިހާރު ވަގުތީގޮތުން ހުއްޓާލާފައިވާއިރު، އަލުން އެކުލަވާލެވޭ ޕްރޮގްރާމުން ފަރުވާ ހޯދާ މީހުންނަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ޕްރޮގްރާމުގެ ކަންތައްތައް ނިންމުން މިހާރު ވަނީ ފަހު މަރުޙަލާގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފަރުވާ ދިނުމުގައި ދިމާވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ރާޝިދު ވިދާޅުވީ، އަމިއްލައަށް ފަރުވާއަށް ވަންނަ ކުދިން ސެންޓަރުގެ އުސޫލުތަކާ ޚިލާފުވުމުގެ މައްސަލަތައް ކުރިމަތިވާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަމަށް ޖާގައެއް ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޯޓު އަމުރަކުން ފަރުވާއަށް ވައްދާ މީހުން އެކަށީގެންވާ މިންވަރަށް އެއްބާރުލުން ނުދޭނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާޝިދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެންޑީއޭގެ އަމާޒަކީ ވީހާވެސް ގިނަ ބަޔަކަށް ފަރުވާ ދިނުމެވެ. އަދި ފުލް ކެޕޭސިޓީގައި ފަރުވާ ދިނުމަކީ އެޖެންސީގެ އަމާޒެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.