އާންމު ދަތުރުފަތުރުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ޙައްލެއް ގެނައުމުގެ ގޮތުން، ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ފެށިގެންދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ޚިދުމަތް ދިނުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން ޚާއްޞަ އެޕްލިކޭޝަނެއް މެދުވެރިކޮށް ޓެކްސީއަށް އެދެވޭނެ ގޮތަށް 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ ހަމަ އިރާދަކުރެއްވިއްޔާ ޖޫން މަސް ނިމި، ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި މި ހިދުމަތް ތައާރަފުވެގެންދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޚިދުމަތް ފެށުމަށް ބޭނުންވާ ސައިޒުގެ ޓެކްސީތައް ހޯދުމަށް އެމްޓީސީސީން އިޢުލާންކޮށް، ސަޕްލައިކުރުމުގެ މަސައްކަތް ވަކި ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށާއި، ވެހިކަލްތައް ޗާޖުކުރުމާއި މެއިންޓެނަންސްގެ މަސައްކަތްތައް ވެސް ދަނީ ކުރިއަށެވެ.
ސަރުކާރުން ޓެކްސީގެ ޚިދުމަތް ފެށުމާ ގުޅޭގޮތުން ރައްޔިތުން ސުވާލު އުފައްދާތީ، މިކަމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ދޫކޮށްލާފައިވާ ޒަމާންވީ މި ޚިދުމަތަށް ބަދަލެއް ގެންނަން ރައްޔިތުން ބޭނުންވެފައިވާ ކަމަށެވެ. މިހާރު ޓެކްސީގެ ޚިދުމަތަށް 1500 އެއްހާ ކާރު ރަޖިސްޓްރީކޮށްފައި ހުރި ނަމަވެސް، ބޭނުންވާ ގަޑިއެއްގައި ޓެކްސީއެއް ލިބުމާއި ބޭނުންވާ ތަނަކަށް ދަތުރުކުރުމުގެ ދަތިތަކާ އާންމުން ކުރިމަތިލާން ޖެހެއެވެ.
"މި ދަތި އެބަހުރި. ސްޓޭންޑާޑް، ފެންވަރުގެ މައްސަލަތައް ވެސް އެބަހުރި. ހިދުމަތް ދިނުމުގެ ޑިސިޕްލިންގައި ވެސް މައްސަަލަ އެބަ ހުރި،" މިނިސްޓަރު ވިދާޅުވިއެވެ.
ޓެކްސީގެ ޚިދުމަތުގައި ގިނަ މައްސަލަތަކެއް ހުރުމާއެކު، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެކަން ކުރާގޮތް ބަލައި، އެތަންތަނުގައިވެސް އެ ޚިދުމަތް ސަރުކާރުން ކޮންޓްރޯލްކުރާކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ފުރަތަމަ މަރުޙަލާގައި 100 އުޅަނދު ޚިދުމަތަށް ނެރޭނެ ކަމަށާއި، މިކަމުގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
އެމްޓީސީސީން ޓެކްސީގެ ޚިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލްތައް (އީވީ) މެދުވެރިކޮށެވެ. އަދި މި ޚިދުމަތް ދިނުމަށް ޚާއްޞަ އެޕްލިކޭޝަނެއް ޤާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާ އަދި ގްރޭބް ފަދަ ޚިދުމަތްތަކުގެ ސްޓައިލަށް ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ތިން މަރުޙަލާއަކަށް ބަހާލެވިފައެވެ. ފުރަތަމަ މަރުޙަލާގައި މި އަހަރުގެ ތެރޭގައި މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޚިދުމަތް ފޯރުކޮށްދޭން ފަށާނެއެވެ. 2026 އަދި 2027 ވަނަ އަހަރު ދެވަނަ މަރުޙަލާގެ ދަށުން ވިލިމާލެ އަދި ތިލަފުށްޓަށް ޚިދުމަތް ތަޢާރަފްކުރާނެ ކަމަށާއި، ތިންވަނަ މަރުޙަލާގައި ރަސްމާލެ، ގިރާވަރު، އައްޑޫ އަދި ފުވައްމުލަކަށް ޚިދުމަތް ފޯރުކޮށްދޭން ފަށާނެއެވެ. އަދި ހދ. ކުޅުދުއްފުށްޓަށް 2028 އަދި 2029 ވަނަ އަހަރު ޚިދުމަތް ތަޢާރަފްކުރުމަށް ވަނީ ރޭވިފައެވެ.