ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަކަން ގެނެސްދިނުމަށް މީރާއިން އީ-އިންވޮއިސް ނިޒާމެއް ތަޢާރަފްކުރަނީ

ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަކަން ގެނެސްދިނުމަށް މީރާއިން އީ-އިންވޮއިސް ނިޒާމެއް ތަޢާރަފްކުރަނީ

ގުޅުންހުރި

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން، ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި އީ-އިންވޮއިސް ނިޒާމެއް ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާ ވިދާޅުވީ މީރާގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމަކީ މިވަގުތު އެންމެ އިސްކަންދޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ.

"އަޅުގަނޑުމެން މިހާރު ފަށާފައި މިވަނީ ޑިޖިޓަލް ރޯޑް މެޕެއްގެ ތެރެއިން އީ-އިންވޮއިސް ސިސްޓަމެއް ތަޢާރަފްކޮށް އިމްޕްލިމެންޓް ކުރުމުގެ މަސައްކަތް. މި ސިސްޓަމް ތަޢާރަފް ކުރެވުނީމަ ޓެކްސް ދައްކާ ފަރާތްތަކަށް މިހާރު ދިމާވާ ބައެއް ކަހަލަ މައްސަލަތައް ހައްލުކުރެވިގެންދާނެ. ދެން އަޅުގަނޑުމެންގެ މަސައްކަތުގެ ހަލުވިކަން ފެނިގެންދާނެ. ދެ ފަރާތައްވެސް ވަރަށް ފަސޭހަ ގޮތަކަށް މަސައްކަތް ހަމަޖައްސާލެވޭނެ" އަމީޒާ ވިދާޅުވިއެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުން ޑިޖިޓަލައިޒްކޮށް އޮޓޮމޭޓްކުރުމަކީ ނިޒާމު އެންމެ ފަސޭހަކަމާއެކު ހިންގުމަށް އެންމެ ރަނގަޅު ގޮތްކަމަށް ބަލައިގަނެފައިވާކަން ފާހަގަކުރައްވަމުން، މީރާއިންވެސް މިފަދަ ނިޒާމެއް ރާއްޖެއަށް ތަޢާރަފްކުރުމަށް މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މީރާގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ ތެރެއިން އޮންލައިން ޚިދުމަތްތަކަށް ވަނީ މިހާރުވެސް އެކި ބަދަލުތައް ގެނެސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގިނަ ޕޭމަންޓްތަކެއް ހަދަންޖެހޭ ފަރާތްތަކަށް އެއްފަހަރާ ޕޭމަންޓްތައް ހެދޭނެ ގޮތަށް ގެނެވުނު ބަދަލެވެ. މީގެ ކުރިން ފައިސާ ދައްކަންޖެހޭނީ ކޮންމެ ބަޔަކަށް ވަކިންނެވެ. އަދި ޖީއެސްޓީއަށް އޮންލައިންކޮށް ރަޖިސްޓްރީކުރެވޭ ގޮތަށްވެސް ދާދި ފަހުން ވަނީ ބަދަލު ގެނެސްފައެވެ.

ޑިޖިޓަލައިޒޭޝަން މަސައްކަތްތަކުގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކަށާއި މީރާއަށް މަސައްކަތް ފަސޭހަވެ، ޚިދުމަތްތައް އަވަސްވެގެންދާނެކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ