ހދ.ނޮޅިވަރަމްގައި ކޯވިޑްގެ ހާލަތު ގޯސްވެ، ބަލިމީހުން އުފުލުމަށް އެމްބިއުލާންސެއް ނެތްމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިމައްސަލަ މަޖިލީގަށް ހުށަހެޅިއްވީ އެދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. މިމައްސަލަ ބަލައިގަނެ ބަހުސް ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 32 މެމްބަރުންގެ ވޯޓުންނެވެ.
ނަޝީދު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ކޯވިޑް-19ގެ ހާލަތުގައި ތިލަދުންމަތީ ނޮޅިވަރަމް ދާއިރާ މިއަދު ވަނީ ނާޒުކު ހާލަތެއްގައިކަމަށެވެ. އާބާދީގައި 2770 އަށްވުރެގިނަމީހުން ދިރިއުޅޭ ނޮޅިވަރަމުގައި މިއަދާ ހަމައަށް ކޯވިޑު ބައްޔަށް 202 މީހުން ޕޮޒިޓިވް ވެފައިވާއިރުރަށުގެ ސިއްހީމަރުކަޒުގައި ދުއްވާނެ އެމްބިއުލާންސެއް ނެތްއިރު ސިއްހީމަރުކަޒުގައި ބޭނުން ކުރަމުން ދަނީ ޕިކަޕެއްކަމަށެވެ.
މިކަމަކީ ބަލިމީހުންނަށް އެންމެ ރައްކާތެރި ގޮތް ކަމުގައި ނުވާއިރު މިކަމަށް ހައްލެއް ހޯދުމަށް ވަނީ އިންތިހާއަށް ބޭނުންވެފައިކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ކަމާ ބެހޭ ފަރާތުން ރައްޔިތުންނަށް އެންމެ ރައްކާތެރިވާނެފަދަ ވެހިކަލެއް ވީހާވެސް އަވަހަކަށް ސިއްހީމަރުކަޒަށް ހޯދައި ދިނުމަކީ އަދުގެ މަސްރަހު ގޯސްވެފައިވާ ހިސާބުން ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއްކަމަށެވެ.
ސިއްހީމަރުކަޒުގެ ސްޓާފުންގެ ތެރެއިން 3 މީހަކު މިހާރުވެސް ދަނީ މިބައްޔަށް ފަރުވާހޯދަމުން. މިހާލަތުގައި ރަށަށް އަރައިފޭބުމަކީ ދަތި އުނދަގޫ ކަމަކަށްވެ ނޮޅިވަރަމު ރައްޔިތުން މިވަނީ ކޯވިޑުގެ އާލަމީ ވަބާގައި ވަރަށްވެސް ހިތްދަތި ކަންތައްތަކާ ކުރިމަތިލާންޖެހިފަ.
– ނަޝީދު ވިދާޅުވިއެވެ.
އާބާދީގައި 1900 އަށް ވުރެ ގިނަ މީހުން ތިބި ނޮޅިވަރަންފަރުގައިވެސް ދަނީ ކޯވިޑުގެ ބަލި ހަލުވި ކަމާއެކު ފެތުރެމުންނެވެ. އެގޮތުން ނޮޅިވަރަމް ދާއިރާއަށް ޙާއްސަކޮށް ނޮޅިވަރަމަށް ބޭނުންވާ ކާބޯތަކެއްޗާއި ،ސިއްހީ ދާއިރާއަށް ބޭނުންވާނެ އެންމެހާ ތަކެތި ހޯދައިދީ، އަދި ސިއްހީދާއިރާގެ ޤާބިލު ފަރާތްތައް ވީހާވެސް އަވަހަށް ފޮނުވަދިނުމަށްވެސް ނަޝީދު ވަނީ ގޮވާލާފައެވެ.
ނަޝީދުވަނީ މިކަމުގައި ކުޅުއްފުށިން ލިބޭ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހާލަތުން އަރައި ގަތުމަށް ރަށަށް ވީހާވެސް އަވަހަށް އެމްބިއުލާންސެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އޭނާ ވަނީ ގޮވާލާފައެވެ.