ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި، ޤާނޫނުން ދީފައިވާ ބާރުވެރިކަން ކައުންސިލްތަކަށް ދިނުމަށް ބިމާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާޙުތަކަކީ، ރަށްރަށުގެ ބިމުގެ މިލްކުވެރިކަން ރައްޔިތުންނަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ބިލުގައިވާ ގޮތުން ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް ބޭނުންކުރަމާއި ކުއްޔައް ދޫކުރެވޭނީ އެ ރަށް ނުވަތަ ސިޓީއެއްގެ ލޭންޑް ޔޫސް ޕްލޭންއާ އެއްގޮތްވާ ގޮތުގެ މަތިންމެވެ. ނޫން ނަމަ ގެދޮރުއެޅުމަށާއި އިގްތިސާދީ، އިޖުތިމާއީ ކަންކަމަށާއި ތިމާވެށި ރައްކާތެރިކުުރުމަށް އަދި ދައުލަތުގެ ބޭނުމަށެވެ. ހަމަ އެެހެންމެ އިގްތިސާދީ ބޭނުމަށްޓަކައި ކައުންސިލްތަކުގެ ދަށުގައިވާ ބިންތައް ބިމާ ބެހޭ ގާނޫނާ އެހެނިގެން ގާނޫނުތަކާ ހިލާފުނުވާ ގޮތެއްގެ މަތިން ދެވަނަ ފަރާތަކަށް ވިއްކައި ކުއްޔަށްވެސް ދޫކުރެެވޭނެއެވެ.
ބިމާ ބެހޭ ގާނޫނުގައިވާ ގޮތުން ރާއްޖޭގެ ބިމުގެ ދަފުތަރު ހޯމް މިނިސްޓްރީއާއި، ޕްލޭނިން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީން ބަލަހައްޓަން ޖެހެއެވެ. އަދި ގާނޫނަށް އަލަށް ހުށަހެޅި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތަކުގެ މައުލޫމާތު ބިމުގެ ދަފްތަރުގައި ހިމަނަން ޖެހެއެވެ.
ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި، ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން އެކައުންސިލުތަކުން ދޫކޮށް، ކުއްޔަށްދީ ހެދުމުގެ ބާރުވެސް ދީފައިވެއެވެ. ރަށްރަށުގެ ބިންތަކުގެ ތެރެއިން ދިރިއުޅެންނޫން ބޭނުންތަކަށްވެސް ބިންތައް އެކިބޭނުންތަކަށް ދޫކުރުމުގެ ބާރު ކައުންސލްތަކަށް ލިބިދެއެވެ. ބިމުގެ މިލްކުވެރިކަން ކައުންސިލްތަކަށް ލިބިގެންދާއިރު ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް ބޭނުންކުރަންވާނީ އެކި ފަރާތްތަކަށް ދޫކުރަންވާނީ، ނުވަތަ ކުއްޔަށް ދޭންވާނީ، އެބިން އޮތް ރަށެއް ނުވަތަ ސިޓީއަކަށް ކަމާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ވަނީ ބުނެފައެވެ.
ލާމަރުކަޒީ ޤާނޫނުން ލިބިދީފައިވާ ބާރުތައް ކައުންސިލްތަކަށް ދިނުމަށް ސަރުކާރުންވަނީ ލާމަރުކަޒީ ޤާނޫނާއި ފުށުއަރާ ޤާނޫނުތައް އިސްލާހުކޮށް ޤާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހުށަހަޅާފައެވެ. އެގޮތުން ކައުންސިލްތަކަށްލީނު ނެގުމައި ލޯނު ދޫކުރުމުގެ ބާރުވެސް ލިބިދޭ ގޮތަށް ވަނީ އިސްލާހ ހުށަހަޅާފައެވެ. މަޖިލީހުން ބިމާއިބެހޭ ބިލު ފާސްކޮށްފައިވަނީ 42 މެމްބަރުންގެ ވޯޓުންނެވެ.