މިހާރު އޮތް ވެރިކަމުގެ ކޯލިޝަންގެ މެނިފެސްޓޯ އެކުލަވާލިއިރުވެސް ނިޒާމީ ވޯޓު ނެގުމަށް އެންމެ ބޮޑަށް ދެކޮޅު ހައްދަވާފައިވާނީ އެމްއާރުއެމްއިން ކަމަށް އެޕާޓީގެ ކައުންސިލް މެމްބަރު އަނީސާ އަހުމަދު ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ވޯޓަކަށް ދިއުމަށް ވެރިކަމަށް އައުމުގެ ކުރިން އެކުލަވާލި ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީފިޔަވައި ދެން ތިއްބެވި ޕާޓީތަކުން އެއްބަސްވިކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވަނީ ވިދާޅުވެފައެވެ.
ނަޝީދުގެ ވާހަކަތައް އެމްއާރުއެމްއިންވެސް ވަނީ ރައްދު ދީފައެވެ. އެމްއާރުއެމްއިންވެސް ބުނެފައިވަނީ ކޯލިޝަން އެއްބަސްވުމެއްގައިވެސް އަދި އެނޫން އެއްބަސްވުމެއްގައިވެސް ބަރުލަމާނީ ނިޒާމު ގެނައުމަށް ވޯޓެއް ނެގުމަށް ތާއީދު ކޮށްފައި ނުވާނެކަމަށެވެ.
ވެރިކަމަށް އައުމަށް 2018 ވަނަ އަހަރު ކޯލިޝަން ހަދައި، ކޯލިޝަން މެނިފެސްޓޯ އެކުލަވާލުމުގައިވެސް ބައިވެރިވެ ވަޑައިގެންނެވި އެމްއާރުއެމްގެ ކައުންސިލް މެމްބަރު އަނީސާ އަހުމަދު ވިދާޅުވީ މެނިފެސްޓޯ އެކުލަވާލިއިރުވެސް ދައުރުގެ މެދު ތެރެއިން ބަރުލަމާނީ ނިޒާމުގެ ރެފަރެންޑަމް ވޯޓެއް ނެގުމުގެ ވާހަކަތަކެއް ދެކެވުނުކަމަށެވެ. ނަމަވެސް އޭރުވެސް އެވޯޓާއި އެންމެބޮޑަށް ދެކޮޅު ހެއްދެވީ އެމްއާރުއެމްއިންކަމަށް އަނީސާ ވިދާޅުވިއެވެ.
2018ގެ ރިޔާސީ އިންތިޚާބަށް ކޯލިޝަން ޕާޓީތަކުން އެއްބަސްވި ޖޮއިންޓް މެނިފެސްޓޯ އެކުލަވާލުމުގައި، އެމްއާރުއެމްގެ ފަރާތުން ބައިވެރިވި މީހެއްގެ ހައިސިއްޔަތުން ދަންނަވަން ޖެހެނީ ރިޔާސީ ދައުރުގެ މެދެތެރޭގައި ނިޒާމީ ވޯޓު ނެގުމަށް އެންމެ ބޮޑަށް ދެކޮޅު ހެދީ އެމްއާރުއެމް އިންނޭ.
– އަނީސާ ވިދާޅުވިއެވެ.
މޭ 6 ވަނަ ދުވަހު ދިން ނުރައްކާތެރި ހަމަލާއަށްފަހު ރާއްޖެއިން ބޭރުގައި ބޭސްފަރުވާ ހޯއްދަވަމުން ގެންދަވާ ރައީސް ނަޝީދު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކޯލިޝަންގައި ހިމެނޭ ބޭފުޅުންގެ ތެރެއިން ރައީސް މައުމޫންގެ އެމްއާރުއެމްއާއި، ޝައިޚު އިމްރާންގެ އަދާލަތު ޕާޓީން ވެރިކަމުގެ ނިޒާމު ބަދަކުރުމަށް ވޯޓަކަށް ދިއުމަށް ތާއީދު ކުރެއްވިކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ނިޒާމީ މައްސަލައެއްގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުނަކީ ރައީސް ޞާލިހުވެސް ދެކޮޅު ކަމެއް ނޫންކަމަށެވެ. އަދި މިކަން ކުރެވެން އޮތީ ނިޒާމުގެ ވޯޓު ނަގައިގެން ރައްޔިތުންގެ ޚިޔާލު ހުރިގޮތް އެގުމުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުކުންނެވި މެނިފެސްޓޯއަކީ ކޯލިޝަންގެ ޕާޓީތަކުން އެދުނު ގޮތަށް އެއްބަސްވި ކަމަށް މެނިފެސްޓޯ ކަމަށެވެ. އެކަމަކު ފެންނަ ނުފެންނަ ވޯޓަކަށް ދާން އެއްބަސްނުވީ ޖުމްހޫރީ ޕާޓީ އެކަނި ކަމަށް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުން ބުނެފައިވަނީ، އަމަލު ކުރަމުންދަނީ ކޯލިޝަން މެނިފެސްޓޯއަށް ކަމަށާއި، އެމެނިފެސްޓޯގައި ބަރުލަމާނީ ނިޒާމުގެ ވާހަކައެއް ނެތްކަމަށެވެ. އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ ބަރުލަމާނީ ނިޒާމުގެ ޕެޓިޝަނެއް ތައްޔާރު ކުރަމުންނެވެ.