ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ވޯޓަކަށް ދިއުމަށް އެއްވެސް އިރެއްގައި ތާއީދުކޮށް، އެއްބަސްވުމެއް ހަދާފައި ނުވާނެކަމަށް، ވެރިކަން ކުރަމުންދާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން ބުނެފިއެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ވޯޓަކަށް ދިއުމަށް ވެރިކަމަށް އައުމުގެ ކުރިން އެކުލަވާލި ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީފިޔަވައި ދެން ތިއްބެވި ޕާޓީތަކުން އެއްބަސްވިކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދު ވިދާޅުވެފައެވެ.
ރައީސް ނަޝީދު ބޭއްވި ޕްރެސް ކޮންފަރެންސް ނިމުތާ ކުޑަ އިރުކޮޅެއް ތެރޭގައި އެމްއާރުއެމްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށެވެ. އަދި އެނޫން ނިޒާމެއް ރާއްޖެއަށް ގެނައުމަށް ތާއީދުކޮށް، އެއްވެސް ބަޔަކާއި އެގްރިމަންޓް ހަދައި، ވާހަކަ ދައްކާފައި ނުވާނެކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ.
އެމް.އާރް.އެމް އިން އަބަދުވަސް ތާއީދު ކުރަނީ ރިޔާސީ ނިޒާމަށެވެ. އެނޫން ނިޒާމަކަށް ތާއީދު ކުރުމަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެކަން، ނުވަތަ އެއްވެސް ފަރާތަކާއި އެކު އެއްބަސް ވެފައިވެސް ނުވާނެކަން ދިވެހި ލޮބުވެތި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
– އެމްއާރުއެމްއިން ބުނެފައިވެއެވެ.
އެމް.އާރް.އެމް އިން އަބަދުވަސް ތާއީދު ކުރަނީ ރިޔާސީ ނިޒާމަށެވެ. އެނޫން ނިޒާމަކަށް ތާއީދު ކުރުމަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެކަން، ނުވަތަ އެއްވެސް ފަރާތަކާއި އެކު އެއްބަސް ވެފައިވެސް ނުވާނެ ކަން ދިވެހި ލޮބުވެތި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
— Maldives Reform Movement (MRM) ?? (@MRM_Office) September 5, 2021
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ބޭފުޅުންގެ ތެރެއިން ރައީސް މައުމޫންގެ އެމްއާރުއެމްއާއި، ޝައިޚު އިމްރާންގެ އަދާލަތު ޕާޓީން ވެރިކަމުގެ ނިޒާމު ބަދަކުރުމަށް ވޯޓަކަށް ދިއުމަށް ތާއީދު ކުރެއްވިކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ނިޒާމީ މައްސަލައެއްގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުނަކީ ރައީސް ޞާލިހުވެސް ދެކޮޅު ކަމެއް ނޫންކަމަށެވެ. އަދި މިކަން ކުރެވެން އޮތީ ނިޒާމުގެ ވޯޓު ނަގައިގެން ރައްޔިތުންގެ ޚިޔާލު ހުރިގޮތް އެގުމުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުކުންނެވި މެނިފެސްޓޯއަކީ ކޯލިޝަންގެ ޕާޓީތަކުން އެދުނު ގޮތަށް އެއްބަސްވި ކަމަށް މެނިފެސްޓޯ ކަމަށެވެ. އެކަމަކު ފެންނަ ނުފެންނަ ވޯޓަކަށް ދާން އެއްބަސްނުވީ ޖުމްހޫރީ ޕާޓީ އެކަނި ކަމަށް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުން ބުނެފައިވަނީ، އަމަލު ކުރަމުންދަނީ ކޯލިޝަން މެނިފެސްޓޯއަށް ކަމަށާއި، އެމެނިފެސްޓޯގައި ބަރުލަމާނީ ނިޒާމުގެ ވާހަކައެއް ނެތްކަމަށެވެ. އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ ބަރުލަމާނީ ނިޒާމުގެ ޕެޓިޝަނެއް ތައްޔާރު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ