ޗައިނާގެ ސިނޮވެކް ބައޯޓެކްއިން ތައްޔާރު ކޮށްފައިވާ ކޯވިޑް19ގެ ވެކްސިން ތައްޔާރު ކޮށްފައިވަނީ، ހުއްދަ ދީފައިވާ ކާރުޚާނާއެއްގައި ކަމަށް ނުވާތީ، ބްރެޒިލްގައި ހުރި، މި ވެކްސިންގެ 12 މިލިއަން ޑޯޒު ވަގުތީ ގޮތުން ބޭނުން ނުކުރަން ނިންމާފައިވާކަން އެގައުމުގެ ހެލްތު ރެގިއުލޭޓަރ އަންވިސާއިން ހާމަކޮށްފިއެވެ.
ބްރެޒިލްގެ ހެލްތު ރެގިއުލޭޓަރއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ މުވައްސާއަށް މިކަން، ފާއިތުވެދިޔަ ހުކުރުދުވަހު، ސަމާލުކަމަށް ގެނެސްފައިވަނީ، ބްރެޒިލްގައި، ވެކްސިން ފުޅީގައި ބަންދުކުރުމަށްޓަކާ، ސިނޮވެކް ކުންފުންޏާއެކީ ގުޅިގެން މަސައްކަތް ކުރަމުންދާ ބްރެސިލްގެ ކުންފުނި ކަމަށްވާ ޕައުލޯގެ ބުޓަންޓަން އިންސްޓިޓިއުޓުން ކަމުގައެވެ.
އަންވިސާއިން އާންމު ކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ، އެމުވައްސާއިން ހުއްދަ ދޫކޮށްފައިނުވާ، ޗައިނާގެ ކާރުޚާނާއަކުން ތައްޔާރު ކޮށްފައިވާ 25 ބެޗްގެ ނުވަތަ 12.1 މިލިއަން ޑޯޒްގެ ވެކްސިން ބްރެޒިލްއަށް ފޮނުވާފައިވާ ކަމުގައެވެ.
"މި ވެކްސިންތައް އުފައްދާ ޔުނިޓަކީ، މި ވެކްސިން އެމަޖެންސީކޮށް ބޭނުން ކުރުމަށްޓަކާ، އަންވިސާއިން އިންސްޕެކްޓްކޮށް ހުއްދަ ދޫކޮށްފައި ނުވާ ޔުނިޓެއް،" އަންވިސާއިން ނެރުނު ބަޔާޏުގައި ބުނެފައި ވެއެވެ. "މި ވެކްސިން ބޭނުން ކުރުން މަޑު ޖައްސާލަން ނިންމަފައިވަނީ، އާންމު ސިއްހަތައް ކުރިމަތިވެދާނެ ނަރައްކަލަކުން އާންމު ރައްޔިތުން ސަލާމަތް ކުރުމަށްޓަކާ،" މި ބަޔާނުގައި ބުނެފައި ވެއެވެ.
ބުޓަންޓަން އިން އަންވިސާއަށް އަންގާފައިވާ ގޮތުގައި، އިތުރު 17 ބެޗެއްގެ ވެކްސިން ތައްޔާރުކޮށް، ޖުމްލަ 9 މިލިއަން ޑޯޒްގެ، މި ކާރުޚާނާގައި ތައްޔާރު ކޮށްފައިވާ ވެކްސިްނ ޝިޕްމަންޓެއް މިހާރުވެސް ވަނީ ބްރެޒިލްއަށް އައުމުގެ މަގުމަތީގައެވެ.
ބްރެޒިލްގެ ހެލްތު ރެގިއުލޭޓަރ އަންވިސާއިން ބުނެފައިވަނީ، 90 ދުވަސް ވަންދެން މި ވެކްސިން ބޭނުން ނުކުރަން ނިންމާފައިވާ މިމުއްދަތުގައި، މި ކާރުނާ އިންސްޕެކްޓް ކޮށް، އަދި ވެކްސިން އުފެއްދުމުގެ މަރުހަލާގައި ހިމެނޭ ސަލާމަތީ ކަންކަމާ ގުޅޭ ކަންކަން އެ މުވައްސަސާއިން ރަގަޅަށް ބަލާނެއެވެ.
މިއަހަރު ކުރީކޮޅު ބްރެޒިލްގައި ކޯވިޑް19 ވެކްސިން ޖަހަން ފެށިއިރު، އެގައުމުގައި ޖަހަން ފަށާފައިވާ ގިނަ ވެކްސިނަކީ ޗައިނާގެ ސިވޮނެކް ކުންފުނިން ތައްޔާރު ކޮށްފައިވާ ވެކްސިންނެވެ. އެހެންނެމަވެސް އެއަށްފަހު، އެހެން ގައުމުތަކުގައި ަތއްޠާރު ކޮށްފައިވާ ވެކްސިންވެސް ބްރެޒިލްގައި ވަނި ބޭނުންކުރަން ފަށާފައެވެ.
ކޮމެންޓު ފޮނުވާ