އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މަސައްކަތްތައް ކުރާއިރުގައާއި، މައްސަލަތައް ނިންމާއިރު، ސިޔާސީ މަންފާއަށާއި، އަމިއްލަ މަސްލަހަތުގައި މަސައްކަތް ކުރުމުގެ ޖާގައެއް ނޯންނާނެ ކަމަށް އެކޮމިޝަންގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.
އޭސީސީގެ އާވެބްސައިޓް އިފްތިތާހު ކުރުމަށާއި، މުވައްޒިފުންގެ ޚިދުމަތުގެ އަގުވަޒަން ކުރުމަށް ރޭބޭއްވި ޚާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ރައީސާ ޝިއުނާ ވިދާޅުވީ އޭސީސީގެ މަސައްކަތަކީ ދައުލަތުގެ ގިނަ މުވައްސަސާތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކެއް ހުރި މުއައްސަސާއެއްކަމަށެވެ.
ދައުލަތުގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް ބަލައި ފިޔަވަޅު އެޅުމުގެ ޒިންމާ އޭސީސީއަށް މަތިކޮށްފައިވާއިރު، އޭސީސީއަކީ ވަރަށް ގިނަ ބައެއްގެ އުންމީދުތަކައި ގުޅިފައިވާ ކޮމިޝަނެއްކަމަށެވެ. ކޮމިޝަންގެ މަސައްކަތްތަކާއިމެދު އާންމު ރައްޔިތުންގެ އުންމީދުތައް ވަރަށް މަތީގައި ހުންނައިރު، ގިނަ ފާޑުކިޔުންތަކާއި، ނުރުހުންވެސް ލިބޭ ކޮމިޝަނެއްކަމަށް ޝިއުނާ ވިދާޅުވިއެވެ.
ގިނަފަހަރަށް ފާޑުކިޔުން އަމާޒުވާއިރު، ސިޔާސީ މަސްލަހަތުގައާއި، މައްސަލަ ރައްދުވާ ފަރާތުގެ އަމިއްލަ މަސްލަހަތުގައާއި، އަދި ކޮމިޝަނުން ރަނގަޅު ކުރަންޖެހޭ ފަދަ ފާޑުކިޔުންވެސް ލިބެމުންދާކަމަށެވެ. އޭނާ ވިދާޅުވީ މިހާރު އޮތް ކޮމިޝަނަކީ މަސައްކަތުގެ މާހައުލުގައިވެސް އަދި މައްސަލަތައް ބެލުމުގައިވެސް ސިޔާސީ މަސްލަހަތު އިސްކޮށް އަމިއްލަ މަސްލަހަތުގައި މައްސަލަތައް ނިންމޭނެ ތަނެއް ނޫންކަމަށެވެ. އެޖާގަ ކޮމިޝަންގައި ނޯންނާނެކަމަށް ޝިއުނާ ވިދާޅުވިއެވެ.
އޭސީސީގެ މަސައްކަތްތައް ހަލުވި ކުރުމަށް ކުރަމުންދާ މަސައްކަތުން ފާއިތުވެގެން މިދިޔަ ދުވަސްތަކުގައި ކޮމިޝަނުން ނިންމި މައްސަލަތަކާއިމެދު ހިތްހަމަ ޖެހޭކަމަށް ޝިއުނާ ވިދާޅުވިއެވެ. ނަމަވެސް އާންމު ރައްޔިތުންނާއި، ކޮމިޝަނުންވެސް އެންމެ ބޭނުންވާ ވަރަށް މައްސަލަތައް ނިމިފައި ނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އޭނާ ވިދާޅުވީ 2020 އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ކޮމިޝަނުން 1،400 އަށްވުރެ ގިނަ މައްސަލަ ނިންމާފައިވާކަމަށެވެ. އަދި ދައުވާ ކުރުމަށްޓަކައި، 30 މައްސަލަމި އަހަރުތަކުގެ ތެރޭގައި ފޮނުވިފައިވާކަމަށެވެ. ކޮމިޝަންގެ އަމާޒަކީ މަސައްކަތްތައް ހަލުވިކޮށް ރައްޔިތުންގެ އުންމީދުތަކާއި އެއްވަރަށް މަސައްކަތް ކުރުންކަމަށާއި، އެކަން ކުރުމަށް ރޭ އިފްތިތާހު ކުރެވުނު ވެބްސައިޓުގެ ޒަރީއާއިންވެސް ގިނަ ފަސޭހަތަކެއް ވެގެންދަނެކަމަށް ޝިއުނާ ވިދާޅުވިއެވެ.