ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިސްވެ އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ފުރަތަމަ ޤައުމީ ޖަލްސާ އަންނަ މަހުގެ 2ގައި ބާއްވަން އެޕާޓީގެ އިންތިގާލީ އެގްޒެކެޓިވް ކޮމިޓީން ނިންމައިފިއެވެ.
އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އެޕާޓިއަށް ދިނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2ގައެވެ. އަދި އެޕާޓިގެ މަޤާމުތަކަށް ބޭފުޅުން އައްޔަންކުރައްވާފައިވަނީ ޤައުމީ ޖަލްސާއެއް ބޭއްވެންދެންނެވެ. އެމްއާރުއެމް އިން ބުނީ ކޯވީޑާއި ގުޅިގެން އެޕާޓިގެ ޤައުމީ ޖަލްސާ ބޭއްވުމަށް ލަސްތަކެއްވެފައިވާކަމަށެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތުމުން ޤައުމީ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ދޭ މުއްދަތު ހަމަވެފައިނުވާކަމަށެވެ. އެމްއާރުއެމް އިން ބުނީ ޤައުމީ ޖަލްސާ އޮންނާނީ އޮންލައިންކޮށްކަމަށެވެ.
އެމްއާރުއެމްގެ ޤައުމީ ޖަލްސާގައި މަންދޫބުންގެ ގޮތުގައި ބައިވެރިވުމަށް އެދޭ އެޕާޓީގެ މެންބަރުންނަށް އެ ފުރުޞަތު، މިމަހުގެ 26ގެ ނިޔަލަށް ހުޅުވާލާފައިވާކަަމށްވެސް އެމްއާރުއެމް އިން ބުންޏެވެ.
އެގޮތުން، މަންދޫބުންގެ ގޮތުގައި ނޭޝަނަލް ކޮންވެންޝަންގައި ބައިވެރިވުމަށް އެދޭ ޕާޓީގެ މެންބަރުންނަށް އެ ފުރުޞަތު، 26 އޯގަސްޓް 2021 ވަނަ ދުވަހުގެ 16:00 އިން 09 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 16:00 އާ ހަމަޔަށް ހުޅުވާލައިފީމެވެ.
– އެމްއާރުއެމް
އެހެންކަމުން، ޕާޓީގެ ފުރަތަމަ ޤައުމީ ޖަލްސާގައި މަންދޫބުންގެ ގޮތުގައި ބައިވެރި ވުމަށް އެދޭ މެންބަރުން، މަންދޫބަކަށް ވުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު ޕާޓީ އޮފީހަށް ހުށަހެޅުމަށް އެޕާޓިން ވަނީ އެދިފައެވެ. އެމްއާރުއެމްގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިބީ 3048 މެންބަރުންނެވެ.