ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް 112،000 (އެއްލައްކަ ބާރަ ހާސް) ޑޯޒްގެ އެސްޓްރާޒެނެކާ ކޮވިޑް-19 ވެކްސިން ހަދިޔާކޮށްފިއެވެ. މި ވެކްސިން ހަދިޔާކޮށްފައިވަނީ ޖަޕާންގެ "ލާސްޓް ވަން މައިލް ސަޕޯޓް"ގެ ދަށުންނެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިންއާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ހެލްތު، އަހުމަދު ނަސީމް އެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ނަސީމް ވަނީ ޖަޕާން ސަރުކާރުން ވެދެއްވި ދީލަތި އެހީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ވެކްސިންގެ އިތުރުން، ކޮވިޑް-19ގެ ބަލިމަޑުކަމުގައި މެޑިކަލް އިކުއިޕްމަންޓް އާއި މެޑިކަލް ސަޕްލައިގެ އިތުރުން ޖަޕާން ސަރުކާރުން ދިވެހި ސަރުކާރަށް ފޯރުކޮށްދީފައިވާ އެހެނިހެން ދީލަތި އެހީތަކަށް މިނިސްޓަރ ނަސީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޖަޕާނުން މި ފޯރުކޮށްދިން ވެކްސިންއާއެކު، ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ދިނުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލްވުމަށް އިތުރަށް ފަސޭހަ ވެގެންދާނެކަންވެސް މިނިސްޓަރ ނަސީމް ފާހަގަކުރެއްވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވަނީ ދިވެހިރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދިވެހިރާއްޖެއަށް ބޭނުމެއް ޖެހިއްޖެ ކޮންމެ ހިނދެއްގައިވެސް ޖަޕާނުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.

މިއަދު ރާއްޖެއަށް ލިބުނު ވެކްސިން ޝިޕްމަންޓަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ލިބުނު ވެކްސިންގެ 4 ވަނަ ޝިޕްމަންޓެވެ. ކޮވެކްސްގެ ދަށުން މި އޮގަސްޓްމަހުގެ ކުރީކޮޅު އެމެރިކާއިން ފޯރުކޮށްދިން 128،700 ޑޯޒްގެ ފައިޒާ ވެކްސިން ލިބި، މިހާރު ދަނީ ވެކްސިން ޖަހަމުންނެވެ.

ޖަޕާނުން ހަދިޔާކުރި ވެކްސިން ދިވެހި ސަރުކާރާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދު، އދ އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތެރިން ހެސްވެލް، ޔުނިސެފް ކަންޓްރީ ރެޕްރެޒެންޓޭޓިވް މަރްޖާން މޮންތަޒޭމީގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއާއި މިނިސްޓްރީ އޮފް ހެލްތުގެ އިސް ބޭފުޅުންނާއި، ޑަބްލިޔު.އެޗް.އޯ، އެމް.އެން.ޑީ.އެފް އަދި މާލޭގައި ހުންނަ ޖަޕާން އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.
ކޮމެންޓު ފޮނުވާ