ހިރިލަންދޫ މަޝްރޫޢުތައް އަވަސްކުރުމަށް މަސައްކަތް ކޮށްދެއްވާނަން: ނާއިބް ރައީސް

ހިރިލަންދޫ މަޝްރޫޢުތައް އަވަސްކުރުމަށް މަސައްކަތް ކޮށްދެއްވާނަން: ނާއިބް ރައީސް

Author
މުޙައްމަދު ޝަޒައިމް
16 އޮގަސްޓް 2021 02:40
0

ތ.އަތޮޅު ހިރިލަންދޫގައި ފެށުމަށް ރޭވިފައިވާ މަޝްރޫޢުތައް ވީހާވެސް އަވަހަށް ފެށުމަށްޓަކައި ކަމައި ގުޅުންހުރި އިދާރާތަކައި ވާހަކަ ދައްކައިގެން މަސައްކަތް ކޮށްދެއްވާނެކަމަށް ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މި ބައްދަލުވުމުގައި ކައުންސިލަރުން ހިރިލަންދޫގައި ކުރިން ކުރިމަތިލާންޖެހިފައިވާ ބޭންކިންގެ ދަތިކަމަށް ޙައްލެއްހޯއްދަވައި ދެއްވުމަށް ދެންނެވުމުން ހަލުވިކަމާއި އެކު ޙައްލެއް ހޯއްދަވައިދެއްވާ، މިދިޔަ ހަފްތާގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ރަށުގައި އޭ.ޓީ.އެމް އެއް ބަހައްޓާދެއްވާފައިވާކަން ފާހަގަކުރައްވާ ނައިބު ރައީސްއަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި މިކަމުން ހިރިލަންދޫގެ ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭޙައެއް ލިބޭނެކަން ފާހަގަކުރައްވާ، ހުރިހާ ރައްޔިތުންގެ ފަރާތުން ފަށްފަށުން ޝުކުރު އަދާ ކުރެއްވިއެވެ.

ހިރިލަންދޫގެ ކައުންސިލަރުން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ ރަށުގެ ޖާގައިގެ ދަތިކަމުގެ މައްސަލައެވެ. މިގޮތުން އެމް.ޓީ.ސީ.ސީގެ ބެލުމުގެދަށުން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ބިން ހިއްކުމުގެ މަޝްރޫއު އަދި ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ތަރައްޤީކުރުމުގެ މަޝްރޫއުގެ އެންމެފަހުގެ މަޢުލޫއްމާތު ހިއްސާކޮށްދެއްވުމަށް ކައުންސިލަރުން އެދިލައްވައިފައިވެއެވެ. އަދި، ހިރިލަންދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެކި ދަތިތައް ހިއްސާކޮށްފައިވެއެވެ. މިގޮތުން، ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަންހުރި ކަންކަމާއި، ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމު ފަހިކޮށްދެއްވުމަށާއި، ސްކޫލުގެ އައު އިމާރާތުގެ މަސައްކަތާއި ރައްޔިތުން އާމްދަނީ އިތުރުކުރުމަށް ބައެއް ކަންކަމުގައި. އޮތް ދަތިތަކާ ގުޅިގެން ކަންބޮޑުވުންތައް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރަށުގެ ތަރައްޤީއަށް ރޭވިފައިވާ ބައެއް މަޝްރޫޢުތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. މިގޮތުން، ބިން ހިއްކުމުގެ މަސައްކަތް ވީވަރަކުން ހަލުވިކުރުމަށާއި، ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް އަވަސްކޮށްދެއްވަން މަޝްވަރާކުރައްވާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ފެނަކައިން ބަހައްޓާފައިވާ އައު އިންޖީނާއި، އިރުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓުއުފެއްދުމަށް ހިރިލަންދޫގައި ހިންގަން ނިންމަވާފައިވާ ސޯލާ އައި.ޕީ.ވީ ޕްރޮޖެކްޓްގެ އެންމެ ފަހުގެ މަޢުލޫމާތާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ރަށުގެ ބައެއް މީހުންގެ ފަރުވާއާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާއި ބެހޭގޮތުން ކައުންސިލަރުންނަށް މައުލޫމާތު ހިއްސާކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއި މުއައްސަސާތަކާއި މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.