ރަށްވެހިބާޒާރަށް ދައުލަތުގެ ޓްރެޜަރީ ސެކިޔުރިޓީސް ވިއްކުން އިދާރީ ގޮތުން ފިނޭންސް މިސްޓްރީއަށް ބަދަލު ކޮށްފި

ރަށްވެހިބާޒާރަށް ދައުލަތުގެ ޓްރެޜަރީ ސެކިޔުރިޓީސް ވިއްކުން އިދާރީ ގޮތުން ފިނޭންސް މިސްޓްރީއަށް ބަދަލު ކޮށްފި

Author
ހުސެއިން
16 އޮގަސްޓް 2021 12:40
0

ބައިނަލްއަޤުވާމީ ހަމަތަކާއި، ވާރލްޑް ބޭންކު އަދި އައި.އެމް.އެފް ފަދަ މާލީ އިދާރާތަކުގެ ލަފާގެ މަތިން ދަރަނި ބެލެހެއްޓުމުގެ އިދާރީ އޮނިގަނޑު ހަރުދަނާ ކުރުމުގެ ގޮތުން ދަރަނި ނެމުގެ އެންމެހާ އިދާރީ ކަންކަން އެއްފުރާޅެއްގެ ދަށަށް ގެނައުމުގެ މަސައްކަތުގެ ތެރެއިން ދައުލަތުގެ ޓްރެޜަރީ ބިލާއި ބޮންޑް ރަށްވެހިބާޒާރަށް ވިއްކުމުގެ އިދާރީ މަސައްކަތް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި، ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ފައިސާ ޗާޕްކުރުމުގެ ބަދަލުގައި، ރަށްވެހިބާޒާރު ތަރައްޤީކުރުމަށާއި، ދަރަނީގެ ޕޯޓްފޯލިއޯ ސިންދަފާތުކުރުމަށް، ޓްރެޜަރީ ބިލާއި ބޮންޑް ފުރަތަމަ ތަޢާރަފް ކުރެވުނީ 10 ސެޕްޓެމްބަރ 2006 ގައެވެ. އަދި، މިކަން ކުރުމަށް މިނިސްޓްރީގައި އެކަށީގެންވާ ވަސީލަތާއި އަދި ފަންނު ނެތުމުން، ރާއްޖޭގެ މަރުކަޒީ ބޭންކުގެ ފުރިހަމަ އެއްބާރުލުމާއިއެކު އެޖެންސީ އެޤްރީމަންޓެއްގެ ދަށުން ދައުލަތުގެ ޓްރެޜަރީ ބިލާއި ބޮންޑް ރަށްވެހިބާޒާރަށް މިހާތަނަށް ވިއްކައިދީފައިވަނީ މިމިނިސްޓްރީގެ ފިސްކަލް އޭޖެންޓެއްގެ ހައިސިއްޔަތުން މަރުކަޒީ ބޭންކުން ކަމުގައިެވސް ފިނޭންސް މިނިސްތްރީން ހާމަ ކޮށްފައި ވެއެވެ. އެހެންނަމަވެސް، މަރުކަޒީ ބޭންކުން ދައުލަތުގެ ސެކިޔުރިޓީސް ވިއްކުމުގެ އިދާރީ މަސައްކަތް ކުރިން ކުރި ނަމަވެސް، މި ސެކިޔުރިޓީސް އާއި ގުޅުންހުރި ދަރަންޏާއި، ދައުލަތުގެ ޖުމްލަ ދަރަނި ރިކޯޑްކޮށް ބެލެހެއްޓަމުގެ އެންމެހާ މަސައްކަތް އަބަދުވެސް މިހާތަނަށް ކުރަމުން އައިސްފައިވަނީ މިނިސްޓްރީ އޮފް ފިނޭންސްއިންނެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ދައުލަތުގެ ދަރަނި ބަލަހައްޓާ ނިޒާމު ހަރުދަނާ ކުރުމަށް އެ މިނިސްޓްރީއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ރަށްވެހިބާޒާރަށް ޓްރެޜަރީ ބިލާއި ބޮންޑު ވިއްކުމުގެ ވަސީލަތްތަކާއި، ފަންނު މަރުކަޒީ ބޭންކާއި، ބައިނަލްއަޤުވާމީ އިދާރާތަކުގެ އެހީތެރިކަމާއެކު ފިނޭންސް މިނިސްޓްރީގައި ބިނާކުރެވި، މަރުކަޒީ ބޭންކާއި ހަވާލުކޮށްގެން ކުރަމުން ދިޔަ އިދާރީ މަސައްކަތް މިހާރު މިވަނީ އެމިނިސްޓްރީއަށް ބަދަލުކުރެވިފައެވެ.

މިގޮތުން ފިނޭންސް މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި، މި ގެނެވުނު ބަދަލުގެ ނަތިޖާއެއްގެ ގޮތުން، ޓްރެޜަރީ ބިލާއި ބޮންޑު ވިއްކުމުގެ އަމަލީ މަސައްކަތްތަކަށް ގެނެވުނު ހެޔޮ ބަދަލާއި އެކު، މިނިސްޓްރީ އާއި ދައުލަތުގެ ޓްރެޜަރީ ބިލާއި ބޮންޑު ފަދަ ތަކެތި ގަންނަ ފަރާތްތަކާއި އެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށް ރަށްވެހިބާޒާރު ފުޅާކޮށް ތަރައްޤީ ކުރުމަށް ފަސޭހަވެގެން ދާނެއެވެ. އަދި މިގެނެވުނު ބަދަލާއެކު މަރުކަޒީ ބޭންކުގެ މަނިޓަރީ ޕޮލިސީ ތަންފީޒްކުރުމުގައި މަރުކަޒީ ބޭންކަށާއި، އަދި ދައުލަތުގެ މާލީ ސިޔާސަތު ތަންފީޒުކުރުމަށް ފަސޭހަވެގެންދާނެކަންވެސް އެމިނިސްޓްރީން ފާހަގަ ކޮށްފައި ވެއެވެ.

މިގެނެވުނު ބަދަލާ ގުޅިގެން ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ ނޫސްބަޔާނުގައި، ދައުލަތުގެ ޓްރެޜަރީ ބިލާއި ބޮންޑު ވިއްކުމުގެ އިދާރީ މަސައްކަތް ފިނޭންސް މިނިސްޓްރީއަށް ބަދަލުކުރެވުނު ނަމަވެސް، މިފަދަ ކަންކަމުގައި މަރުކަޒީ ބޭންކާއި މިނިސްޓްރީއިން އަބަދުވެސް މަސައްކަތްކުރާނީ އެއްމިސްރާބަކަށް ދިއުމަށް، އެކީގައި ކަމަށްވެސް ވިދާޅުވެފައި ވެއެވެ. މިގޮތުން ރަށްވެހިބާޒާރަށް ވިއްކާ މިފަދަ ދައުލަތުގެ ސެކިއުރިޓީތަކުގެ ރެގިއުލޭޓަރ އަކީ ކުރިއެކޭވެސް އެއްގޮތަށް މަރުކަޒީ ކަމަށްވުމާއެކު، އަދި ސަރުކާރުގެ ބޭންކަރގެ ހައިސިއްޔަތުން މިސެކިއުރިޓީތަކުގެ ސެޓްލްމަންޓްވެސް ހިންގާނީ މަރުކަޒީ ކަމަށާއި، އަދި މީގެ އިތުރުން މާލީ ރަށްވެހިބާޒާރު އިތުރަށް ހަރުދަނާ ކުރުމަށް މަރުކަޒީ ބޭންކާއެކު ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން ދާކަމަށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. އޭގެ ތެރޭގައި ރަށްވެހިބާޒާރަށް އައު ޓްރެޜަރީ ސެކިއުރިޓީތައް ތައާރަފް ކުރުމާއި، ސެކިއުރިޓީ ވިއްކުމުގެ ކަންކަން ހަރުދަނާ ކުރުމަށް އިންފްރާސްޓަރަކްޗަރ ބިނާ ކުރުމާއި ޤާނޫނީ އޮނިގަނޑު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ހިމެނޭކަންވެސް ފާހަގަ ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.