ރާއްޖޭގެ ތަރައްޤީއަށް އިތުރު ހަލުވިކަމެއް އަންނަނީ އިންޑިޔާގެ އެހީއާއިއެކު: ނާއިބް ރައީސް

ރާއްޖޭގެ ތަރައްޤީއަށް އިތުރު ހަލުވިކަމެއް އަންނަނީ އިންޑިޔާގެ އެހީއާއިއެކު: ނާއިބް ރައީސް

Author
މުޙައްމަދު ޝަޒައިމް
16 އޮގަސްޓް 2021 08:25
0

ރާއްޖެ ތަރައްޤީކުރުމަށް ކުރާ މަސައްކަތަކަށް އިތުރު ހަލުވިކަމެއް ލިބިގެން ދަނީ އިންޑިޔާގެ ސަބަބުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ 75 ވަނަ މިނިވަންދުވަހުގެ މުނާސަބާގައި އިންޑިޔާ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ހޮޓެލްޖެންގައި ރޭ ބޭއްވި ޙަފްލާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ނާއިބް ރައީސް ވިދާޅުވީ އިންޑިޔާއަކީ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ އިތުރުން، ރާއްޖެއިން އެހީތެރިކަމަށް ބޭނުންވާ ކޮންމެ ފަހަރަކު އެންމެ އަވަހަށް އިޖާބަދޭ އެއް ޤައުމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރުވެސް އިޖްތިމާޢީ ތަރައްޤީގެ ދާއިރާއިން އިންޑިޔާގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ މަޝްރޫޢުތަކާ އަދި ޚާއްޞަކޮށް އިންޑިޔާގެ އެހީގައި ގެންދާ" ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ތަކާއެކު ސަރުކާރުން ލާމަރުކަޒީގޮތުން ރާއްޖެ ތަރައްޤީކުރުމަށް ކުރާ މަސައްކަތަކަށް އިތުރު ހަލުވިކަމެއް ލިބި މުޅި ރާއްޖޭގެ އާންމު ދިރިއުޅުމުގެ ޙާލަތަށް ކުރިއެރުންތައް ލިބެމުން އަންނަކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާއިތުވި އަހަރު ކޯވިޑް-19ގެ ބަލި މަޑުކަމާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމުގައި އިންޑިޔާ ސަރުކާރުން އެކިގޮތްގޮތުން ލިބުނު އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އެގޮތުން ކޯވިޑް-19 ފެށިގެން އައިއިރު ވޫހާންގައި ބަންދުވެފައިތިބި ދިވެހިން ޤައުމަށް ގެނެސްދިނުމާއި ބޭހުގެ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާނާގެ އެހީތެރިކަމާއި އަދި އިންޑިޔާއިން ބޭރަށް ފުރަތަމަ ޤައުމަކަށް ހަދިޔާކުރި ވެކްސިންގ ޑޯޒްގެ ގޮތުގައި އިންޑިޔާއިން 200،000 ވެކްސިން ހަދިޔާކުރިކުރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިއުފާވެރި މުނާސަބާގައި އެމަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާއާއި ދިވެހިސަރުކާރާއި ރައްޔިތުންގެ ނަމުގައި އިންޑިޔާގެ ރައީސް ރާމް ނާތް ކޯވިންދާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިޔާގެ ރައްޔިތުންނަށް ތަހުނިޔާއާ ހެޔޮ އެދުންތައް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މީގެ 75 އަހަރު ކުރިން އިންޑިޔާއިން މިނިވަންކަމަށް ކުރި ދިގު ދެމިގެންދިޔަ ބުރަ،މިންނެތް މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން އިންޑިޔާގެ މިނިވަންކަމަށް މަހާތުމާ ގާނދީ ގަދައަޅައި ކުރެއްވި ބުރަ މަސައްކަތްތަކުގެ ސަބަބުން އިންޑިޔާއަށް މިނިވަންކަން ލިބުމުގެ އިތުރުން މަހާތުމާ ގާންދީވެސް ވެގެންގޮސްފައި ވަނީ އެތައްބަޔެއްގެ ލޯބިލިބި އެތައްބަޔަކަށް ގިނަގުނަ އިބްރަތްތަކެއް ލިއްބައިދިން އަދި 20 ވަނަ ގަރުނު ދުނިޔެދުށް އެންމެ ވަރުގަދަ އެއް ލީޑަރަށްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ މިނިވަންކަން ލިބުމަށްފަހު އިންޑިޔާއިން ވަނީ އެތައް ރޮނގަކުން ހޯދިކުރިއެރުންތަކާއެކު ދުނިޔޭގެ ބޮޑެތި ބާރުތަކާ އެއް ސަފެއްގައި ފައިހަމަކޮށްފައި ކަމަށާއި އެހެންކަމުން ރާއްޖެއަކީ އިންޑިޔާގެ އަވަށްޓެރި ޤައުމެއްގެ އިތުރުން އިންޑިޔާގެ ގާތްއެކުވެރި ޤައުމަކަށްވާކަމީ ލިބޭ ވަރަށްބޮޑު ނަސީބެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދެޤައުމުގެ ސިޔާސީ ގުޅުން ޤާއިމުވުމުގެ އެތައް ސަތޭކަ އަހަރެއްގެ ކުރިން ވެސް ދެ ޤައުމުގެ އެކުވެރިކަމުގެ ގުޅުންތައް ފެށިފައިވާކަމަށާއި އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ނެއްޓި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމާއެކު ރާއްޖޭގެ މިނިވަންކަން ފުރަތަމަ ބަލައިގަތް ޤައުމުތަކުގެ ތެރޭގައި ވެސް އިންޑިޔާ ހިމެނޭ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އޭގެ ފަހުން އެކިދާއިރާތަކުން ދެ ޤައުމުގެ ގުޅުންތައް ބަދަހިވަމުން އައިސް ޚާއްޞަކޮށް ފާއިތުވެދިޔަ ތިން އަހަރަކީ އިންޑިޔާއާ ރާއްޖޭގެ ގުޅުން މަތީ ހަރުފަތަކަށް ގެންދެވިފައިވާ އަހަރުތަކެއްކަން ފާހަގަކުރައްވައި މި މުއްދަތުގައި ދެ ޤައުމުގެ އެންމެ މަތީ ފަންތީގެ ބޭފުޅުންގެ ޒިޔާރަތްކުރެއްވުންތައް އިތުރުވުމާއި އިތުރުދާއިރާތަކުން ދެޤައުމުގެ ގުޅުންތައް ބޮޑޮތަނުން ފުޅާވެގެން ގޮސްފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ މި ދެ ޤައުމުގެ ގުޅުމަކީ ދެ ޤައުމުގެ ރަސްމީ ގުޅުންތަކަށްވުރެ މާފުޅާ ވަރަށް ޚާއްޞަ ބަދަހި ގުޅުމެއްކަން ފާހަގަކުރައްވައި އަދި ކުރިމަގުގައި މި ގުޅުން އިތުރަށް ބަދަހިވެ ކުރިއަރައި ދިއުމަށް އެދިވަޑައިގަންނަވާފައެވެ. މި ޙަފްލާގައި ރާއްޖެއާ އިންޑިޔާއާ ދެމެދު އޮތް ގުޅުން ދައްކުވައިދޭ ވީޑިޔޯ ޕްރެޒެންޓޭޝަނަކާއި ސާފުބޯފެނާއި މަގުހެދުމުގެ މަޝްރޫޢާ ގުޅޭ ވީޑިޔޯ ޕްރެންޓޭޝަނެއް ހުށަހަޅައިދިނެވެ. އަދި މި ޙަފްލާގައި އިންޑިއަން ކަލްޗަރަލް ސެންޓަރުގެ އައިޓަމްތައްވެސް ހުށަހަޅައިދިނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބިރުބޮޑު
އިންޑިއާއިން ރާއްޖެއަށްދޭ ތަރަށްގީކުރިއަށްދާނީ ބަރަވެލި ދުވެލީގައި ވަރަށް ވަރަށް ސާފް އިނގޭތޯ