ސީރިޔާގައި ކުރަމުން އަންނަ ހަނގުރާމާގައިގައި ބައިވަރިވި އިތުރު ދިވެއްސަކު މަރުވެއްޖެއެވެ.
ސީރިޔާއަށް ހަނގުރާމައަށްދާ ދިވެހިންގެ މަޢުލޫމާތު ހިއްސާކުރާ ސޯޝަލް މީޑިއާގެ ޕޭޖަކުން ކުރ ޕޯސްޓެގައި ބުނެފައިވަނީ، އެމީހާ މަރުވީ، އިދުލީބްގެ "ފްރޮންޓްލައިނެއް ދިފާއުކުރުމުގައި" އުޅެނިކޮށްކަމަށެވެ. އޭނަ މަރުވީ، އިދުލީބްގެ ޖަބަލުއް ޒަވިއްޔާ ނަމަކަށް ކިޔާ ސަރަހައްދެއްގައިކަމަށްވެސް ބުނެފައިވެއެވެ. އެޕޭޖުން ވަނީ މަރުވިކަމަށް ބުނާ ދިވެހި މީހާގެ ފޮޓޯވެސް ޢާންމުކޮށްފައެވެ. ނަމަވެސް އޭނަގެ މަރާއި ގުޅޭގޮތުން ރަސްމީ އެއްވެސް އިދާރާއަކުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖެއިން ސީރިއާއަށް ހަނގުރާމައަށް ގޮސް ހާލަުގައި ޖެހި އަންނަން ބޭނުންވާ ބައެއް ދިވެހިން ރާއްޖެ ގެނައުމަށް މަސައްކަތްކުރަމުން ދިޔަނަމަވެސް، އެކަމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ސަރުކާރުން ބުނެފައިވެއެވެ. ސީރިޔާއަށް ހަނގުރާމައަށްދާ ދިވެހިން މައިގަނޑުގޮތެއްގައި ގުޅިގެން އުޅެނީ ދެ ޖަމާއަތަކާއެވެ. އެއީ އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ޖަބުހަތުއް ނުސްރާއެވެ.
މީގެ ކުރިން ސީރިއާގައި ހިނގަމުންދާ ދަޚިލީ ހަނގުރާމާގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެއައި 34 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފައިވެސްވެއެވެ.
ހަރުކަށި ފިކުރު ފެތުރުމާއި، ބޭރު ޤައުމުތަކުގައި ހިނގާ ހަނގުރާމަތަކަށް މީހުން ރެކްރޫޓްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި މިދިޔަ އަހަރުވެސް ރާއްޖެއިން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.
ޓެރަރިޒަމްގެ ހަރަކާތްތައް ރާއްޖެއިން ނައްތާލައި ކުރިމަތިވެފައިވާ ނުރައްކަލުން ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓު ފޮނުވާ