ލާމަރުކަޒީ ޤާނޫނުގައި ޖާގަދީފައިވަނީ ސަރުކާރުން ކަންކަން ނިންމުމުގައި ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންގެ އަޑު އެހުމަށްކަމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވިލިމާލޭގެ ރައްޔިތުންނާއެކު ރޭ ބޭއްވި "ރައްޔިތުންގެ ބައްދަލްވުން" ގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ސަރުކާރުން ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ފާސްކޮށްފައިވާ ޤާނޫނުގައި ރައްޔިތުންގެ ބާރުވެރިކަން އިންތިހާއަށް އޮތްކަމަށެވެ. ސަރުކާރުގެ ތަރައްޤީގެ ޕްލޭން އެކުލަވާލާއިރު، ކައުންސިލްތަކާއި މަޝްވަރާ ކުރަންޖެހޭކަމަށާއި، ކައުންސިލްތަކުގެ ޒިންމާއަކީ ރައްޔިތުންގެ މަޝްވަރާގެ މަތީން ރައްޔިތުންގެ ކަންބޮޑުވުން ސަރުކަރާއި ހަމައަށް ގެންދިއުންކަމަށެވެ.
މުއިއްޒު ވިދާޅުވީ ސަރުކަރުން ބޭނުންވާ ކަންކަން ކުރުމުގައި ރައްޔިތުންގެ މަޝްވަރާ ހޯދަންޖެހޭކަމަށެވެ. އެކަން ކުރެވޭނީ ކައުންސިލްތަކަށް ޖާގަދީގެންކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު މިފަދަ ގޮތަކަށް ވިދާޅުވީ ތިމަލާމެ ބްރިޖު އެޅުމަށް ސަރުކާރުން ނިންމައި އެކަމުގެ އެއްވެސް މަޝްވަރާއެއް ސަރުކާރުން ރައްޔިތުންނާއި ނުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
މިތަނުގައި ފާޅު ޚިޔާލެއް އެބައޮތް ކައުންސިލުން ޕްލެއިން ހަދަން ޖެހޭނީ ސަރުކާރުގެ ތަރައްޤީގެ ޕްލޭނާއި އެއްގޮތަށޭ. ނޫން. ރައްޔިތުންގެ އަޑު އަހައިގެން ސަރުކާރުގެ ތަރައްޤީގެ ޕްލެއިން އަންނަންޖެހޭނީ. ތިރިން މައްޗަށް ދަންޖެހޭ އެއްޗެއްއެީ، މަތިން ތިރިއަކަށްނޫން ޕެލޭން އަންނަންޖެހޭނީކީ. ރައްޔިތުންގެ އަޑު އަހަންޖެހޭނީ. ރައްޔިތުން ގެ އަޑު ކައުންސިލް މެދުވެރިކޮށް ސަރުކާރުން އަހަންޖެހޭނީ. ސަރުކާރުން ތަރައްޤީގެ ޕްލޭން ނިންމަންވާނީ ރައްޔިތުން ބޭނުންވާ ގޮތް ބަލައިގެން. ސަރުކާރެއް އުފެދެނީ ރައްޔިތުންގެ ކިބައިން. އެހެން ނޫނީ ރައްޔިތުންގެ ކައިރިއަށް ވޯޓު ހޯދަން އަންނާކަށް ނުޖެހޭނެ.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ބްރިޖްގެ މަސައްކަތް ކުރަން ސަރުކާރުން ނިންމާފައިވާއިރު އެކަމުގައި ކުރީ ކައުންސިލްގެ އަދި މިހާރު ހިނގަމުންދާ ކައުންސިލްގެވެސް އެއްވެސް މަޝްވަރާއެއް ހޯދާފައިނުވާ ކަމަށެވެ. ގާނޫނު ބުނާގޮތުން ކައުންސިލެއްގެ އިހުތިސާސުގެ ތެރޭގައި އެއްވެސް މަޝްރޫއެއް ސަރުކާރުން ހިންގާނަމަ ކައުންސިލް މެދުވެރިކޮށް ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ކަމަށާ އެކަން ސަރުކާރުން ނުކުރާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޤާނޫނު ބުނަނީ ކައުންސިލެއް އޮތްކަމުގައިވާނަމަ އެކައުންސިލެއްގެ އިހުތިސާސްގެ ތެރޭގައި ސަރުކާރުގެ އިދާރާއަކުން، ސަރުކާރުގެ ހިއްސާވާ ކުންފުންޏަކުން، މަސައްކަތެއް ކުރިނަމަވެސް އެކައުންސިލަކާއި މަޝްވަރާ ކުރަންޖެހޭކަށް. އެހެންނަމަވެސް އަޅުގަނޑަކަށް އެގިފައެއްނެތް ރައްޔިތުންގެ ޚިޔާލު އެކަމުގައި ހޯދިކަމެއް.
– މުއިއްޒު ވިދާޅުވިއެވެ.
ތިލަ މާލެ ބްރިޖު އަޅަނީ އިންޑިއާއިން ދޭ 400 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ) ގެ ލޯނަކުންނެވެ. އެ ލޯނު އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފަ އެވެ. އެ ފައިސާގެ ތެރެއަށް އަދި އެހީގައި 100 މިލިއަން ޑޮލަރު އިންޑިއާއިން ލައި ދެއެވެ.
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި ބުރިޖް އަޅާ ކުންފުނި ކަނޑައެޅުމަށް ފަހު ތާވަލާ އެއްގޮތަށް އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް ކަނޑައަޅާފައިވާ އެކި ތާރީހުތައް ފަހަނައަޅާ ދިޔައިރުވެސް ބްރިޖް އަޅާނެ ކުންފުންޏެއް އަދިވެސް އިއުލާނުކޮށްފައެއް ނުވެއެވެ.