މެލޭޝިއާ ކުންފުންޏަށް ފައިސާދެއްކުމުގެ މަޝްވަރާތައް ސަރުކާރާއި ދަނީ ކުރަމުން: އެޗްޑީސީ

މެލޭޝިއާ ކުންފުންޏަށް ފައިސާދެއްކުމުގެ މަޝްވަރާތައް ސަރުކާރާއި ދަނީ ކުރަމުން: އެޗްޑީސީ

Author
މުޙައްމަދު ޝަޒައިމް
09 އޮގަސްޓް 2021 11:20
0

ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އާއިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވާ މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމާމެދު ސަރުކާރާއިއެކު މަޝްވަރާ ކުރަމުންދާ ކަމުގައި ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީން ވަނީ އެކުންފުނިން ކޮށްފައިވާ މަސައްކަތްތަކަށް ފައިސާ ލިބިފައިނުވާތީ، އެޗްޑީސީއާއި އެފަރާތާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލްކޮށް، ލިބުނު ގެއްލުމަށް ބަދަލު ހޯދުމަށް އޭޝިއަން އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓައަށް މިދިޔަ ހުކުރު ދުވަހުގައި މައްސަލައެއް ހުށަހަޅާފައެވެ. މެލޭޝިއާގެ ކުންފުނިން ދައުވާ ކޮށްފައިވަނީ އެކުންފުންޏަށް ދައްކަންޖެހޭ 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) ނުދެއްކުމުންނެވެ.

ޑަބްލިއުޒެޑްއާރުގެ އިސްވެރިއަކާ ހަވާލާދީ މެލޭޝިއާގެ ނޫސްތަކުގައި ވަނީ އާބިޓްރޭޝަންގެ އެންގުމާ އެއްގޮތަށް މިހާތަނަށް ވެސް އެޗްޑީސީން ފައިސާ ދައްކާފައި ނުވާތީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެ ފައިސާ ހޯދަން އެކި ގޮތްގޮތުން ކުރި މަސައްކަތް ވެސް ކާމިޔާބު ނުވާ ކަމަށާއި އެހެންވެ ދިވެހި ސަރުކާރާ ދެކޮޅަށް ދައުވާކުރަން ނިންމީ ކަމަށް މެލޭޝިއާގެ ނޫސްތަކުގައިވެއެވެ. އެ ފައިސާ ހޯދަން އެހީވެ ދިނުމަށް އެދި މެލޭޝިއާގެ ބޮޑުވަޒީރުގެ އޮފީހާއި ފޮރިން މިނިސްޓްރީ އަދި އެ ގައުމުގެ ޓްރޭޑް މިނިސްޓްރީގައި ވެސް ޑަބްލިއުޒެޑްއާރު ކުންފުނިން އެދިފައިވާ ކަމަށް ނޫސްތަކުގައިވެއެވެ.

މިމައްސަލަ ހުށަހެޅުމާއި ގުޅިގެން އެޗްޑީސީން ވިދާޅުވީ މެލޭޝިއާގެ ކުންފުނިން މި އިމާރާތް އެޅުމަށްޓަކައި މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކައި، އެމަސައްކަތުގެ އަގަށްވާ ފައިސާ ވެރިފައި ކުރުމުގެ މަސައްކަތަށްފަހު، އެފައިސާ ދެއްކުމާއި ބެހޭ ގޮތުން ސަރުކާރާއިއެކު މަޝްވަރާ ކުރެވެމުންދާކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އޮފީސް ކޮންޕްލެސް އިމާރާތެއް އެޅުމަށް މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއާ ހަވާލުކުރީ 2016 ވަނަ އަހަރުގެ މާރިޗު މަސް ތެރޭގައެވެ. ނަމަވެސް ސަރުކާރު ބަދަލުވެ މިހާރުގެ ސަރުކާރުންވަނީ މާލޭގެ ޖާގައިގެ ދަތިކަމާއި، ފިނޭންސް މިނިސްޓްރީ މިހާރު ހުރި ސަރަހައްދަކީ ޖާގަތަނަވަސް ބިމަކަށް ނުވުމުން، ހުޅުމާލޭގައި މިއިމާރާތް ކުރުމަށް ނިންމާފައެވެ.

ހުޅުމާލޭގައި މިއިމާރާތް ކުރުމަށް ނިންމައި އެގްރިމަންޓްގައި އެޗްޑީސީއާއެކު ސޮއިކުރީ، 2017 ވަނަ އަހަރު މާޗު މަހެގައެވެ. 25 ބުރީގެ މި އިމާރާތަކީ 123 މިލިއަން ޑޮލަރު މަޝްރޫޢުއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.