ފިނޭންސް 25 ބުރީގެ އިމާރާތުގެ މައްސަލާގައި 22 މިލިޔަން ޑޮލަރު ހޯދަން ކޯޓަށް

ފިނޭންސް 25 ބުރީގެ އިމާރާތުގެ މައްސަލާގައި 22 މިލިޔަން ޑޮލަރު ހޯދަން ކޯޓަށް

Author
މުޙައްމަދު ޝަޒައިމް
08 އޮގަސްޓް 2021 11:46
0

ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް އަޅަން ސަރުކާރުން ހަވާލުކުރި މެލޭޝިއާގެ ކުންފުންޏަށް ދައްކަންޖެހޭ 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) ނުދެއްކުމުން ދިވެހި ސަރުކާރާ ދެކޮޅަށް ދައުވާ ކުރަން އެ ކުންފުނިން ނިންމައިފިއެވެ.

ހުޅުމާލޭގައި އަޅަން ނިންމި 25 ބުރީގެ އޮފީސް އިމާރާތުގެ މަޝްރޫއުގެ އެއްބަސްވުން އުވާލާފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށް ވާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ އުފުލާފައި ވަނީ މެލޭޝިއާގެ ޑަބްލިއުޒެޑްއާރް އިންނެވެ. ޑަބްލިއުޒެޑްއާރް އިން މިމައްސަލަ ހުށަހަޅާފައި ވަނީ އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށެވެ. ދައުވާގައި އެދިފައި ވަނީ ދިވެހި ސަރުކާރުން އެއްބަސްވުން ގާނޫނާއި ހިލާފަށް އުވާލުމުން 22.8 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގެ ނަގައި ދިނުމަށެވެ. އެއީ 352 މިލިއަން ދިވެހި ރުފިޔާއެވެ.

ޑަބްލިއުޒެޑްއާރުގެ އިސްވެރިއަކާ ހަވާލާދީ މެލޭޝިއާގެ ނޫސްތަކުގައި ވަނީ އާބިޓްރޭޝަންގެ އެންގުމާ އެއްގޮތަށް މިހާތަނަށް ވެސް އެޗްޑީސީން ފައިސާ ދައްކާފައި ނުވާތީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެ ފައިސާ ހޯދަން އެކި ގޮތްގޮތުން ކުރި މަސައްކަތް ވެސް ކާމިޔާބު ނުވާ ކަމަށާއި އެހެންވެ ދިވެހި ސަރުކާރާ ދެކޮޅަށް ދައުވާކުރަން ނިންމީ ކަމަށް މެލޭޝިއާގެ ނޫސްތަކުގައިވެއެވެ. އެ ފައިސާ ހޯދަން އެހީވެ ދިނުމަށް އެދި މެލޭޝިއާގެ ބޮޑުވަޒީރުގެ އޮފީހާއި ފޮރިން މިނިސްޓްރީ އަދި އެ ގައުމުގެ ޓްރޭޑް މިނިސްޓްރީގައި ވެސް ޑަބްލިއުޒެޑްއާރު ކުންފުނިން އެދިފައިވާ ކަމަށް ނޫސްތަކުގައިވެއެވެ.

ފިނޭންސްގެ އޮފީސް އިމާރާތް މާލޭގައި އަޅަން 122.7 މިލިއަން ޑޮލަރަށް ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއާ 2016 ވަނަ އަހަރު ހަވާލުކުރުމަށް ފަހު، އޭރުގެ ސަރުކާރުން އެ މަޝްރޫއު ހުޅުމާލޭ ދެ ވަނަ ފިޔަވައްސަށް ބަދަލުކުރުމުން މަޝްރޫއުގެ އަގު 155 މިލިއަން ޑޮލަރަށް އެރި ކަމަށް އެޗްޑީސީ އިން ބުނެފައި ވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.