ހޮނިހިރު ދުވަހު މާލެ ސަރަހައްދުގައި ކޯވިޑް ވެކްސިންގެ ބޮޑު ޕްރޮގްރާމް ފަށަނީ

ހޮނިހިރު ދުވަހު މާލެ ސަރަހައްދުގައި ކޯވިޑް ވެކްސިންގެ ބޮޑު ޕްރޮގްރާމް ފަށަނީ

Author
ޢަލީ އާދަމް
28 ޖުލައި 2021 05:32
0

ކޯވިޑް ވެކްސިންދިނުމުގެ ބޮޑު ޕްރޮގްރާމް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ނިންމާފައި ވާކަމަށް އެޗްއީއޯސީން ބުނެފި އެވެ.

ވެކްސިން ޖަހާން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމް ކުރިއަށް ގެންދާނެކަން އިއުލާންކުރެއްވީ މިނިވަން ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ޚިތާބުގަ އެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިއުނިޒޭޝަން ޕްރޮގްރާމްގެ ޕްރޮގްރާމް މެނޭޖަރ ނާޝިޔާ އަބްދުއްސައްތާރު ވިދާޅުވީ، އިއްޔެއިން ފެށިގެން އަތޮޅު ތެރޭގައި އެސްޓްރާޒެނަކާގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖަހަން ފަށާފައިވާ ކަމަށެވެ. އަދި މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ހަ ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް ނާޝިޔާ ވިދާޅުވިއެވެ. އަތޮޅުތެރޭގައި އިއްޔެއިން ފެށިގެން މި ޕްރޮގްރާމް ފަށާފައި ވާކަމަށްވެސް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދާނީ ސޯޝަލް ސެންޓަރު، އާޓް ގެލަރީ، އިސްލާމީ މަރުކަޒު، ވިލިމާލެ ޔޫތް ސެންޓަރު، ދަމަނަވެށި އަދި ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ.

ނާޝިޔާ ވިދާޅުވީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު، ދެވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް ވެސް އެސްޓްރާޒެނެކާ ވެކްސިން އެ ސެންޓަރުތަކުން ޖެހޭނެ ކަމަށެވެ. އަދި ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް، ދެވަނަ ޑޯޒްގެ ގޮތުގައި ވެސް ކޮވިޝީލްޑް ވެކްސިން ޖެހުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް ވެސް އެޗްއީއޯސީން ބުނެއެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޖެހުން ކުރިއަށް ގެންދާނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އެގޮތުން އެމީހަކަށް ފަސޭހަ ގަޑިއަކަށް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށްވެސް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ތިން ހަފްތާ ވެފައިވާ މީހުންނަށް އެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދިނުން ސެނެހިޔާގައި މިއަދު ވަނީ ފަށާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.