އެޗްޑީސީގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓާއެކު މަސައްކަތުގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް

އެޗްޑީސީގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓާއެކު މަސައްކަތުގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް

މިޒަމާނުގައި ޓެކްނޮލޮޖީއަކީ އެއާ ނުލާ މުޖުތަމައުގައި މަދަނީ އަދި ސަގާފީ ކަންކަމުގައިވެސް ބައިވެރި ނުވެވޭހާ ދިރިއުޅުމަށް މުހިންމު ވެފަވާ އެއްޗެކެވެ. ޑިޖިޓަލް ވަސީލަތްތަކަކީ މިހާރު މަސައްކަތުގެ މައިދާނާއި ތައުލީމު އުނގެނުމަށާއި އަސާސީ ހިދުމަތްތައް ހޯދުމުގައިވެސް އިސް ދައުރެއް އަދާކުރާ ވަސީލަތްތަކެކެވެ.

އެޗްޑީސީގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރ މަޝްރޫއުގެ ތެރެއިން ގްރޭޓަރ މާލެ ސަރަހައްދުގައި މަސައްކަތްތެރިންގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް ގާއިމް ކުރުމުން ވިޔަފާރިތަކާ، ކުންފުނިތައް އަދި ދައުލަތުގެ ވުޒާރާ ތަކުގައި މަސައްކަތްތެރިން މަސައްކަތް ކުރާ ގޮތް މުޅިން ބަދަލު ވެގެންދާނެއެވެ. މިމަޝްރޫގެ ލަނޑުދަނޑި އަކީ އަމިއްލަ ޖަމިއްޔާތަކާއި ވިޔަފާރިތައް އަދި ދައުލަތުގެ އެކި ބޭނުމަށް އުފައްދާ އޮންލައިން އެޕްލިކޭޝަންތަކާއި ވަސީލަތްތައް އުފެއްދުމަށް ބޭނުންވާ އަސާސީ މައިގަނޑު ވަސީލަތްތައް ގާއިމް ކުރުމެވެ.

2010 ގެ ހޯދުންތަކުން ދައްކާގޮތުން ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ބޭނުންކުރަނީ ނުވަތަ ލިބެނީ އާބާދީގެ ދެބައިކުޅަ އެއްބަޔަށެވެ. އޭރުގަ ހުރިހާ ގެއެއްގައި އިންޓާނެޓް ނުހުރެއެވެ. އިންޓަނެޓް ބްރޯޑްބޭންޑް ކަނެކްޝަން ހޯދުން ގިނަ ގޭގޭގައި ވީ މާލީ ގޮތުން ބުރަކަމަކަށެވެ. ސްކޫލުތަކުގެ ކޮމްޕިއުޓަރ ލެބް ނުވަތަ ރައްޓެއްސެއްގެ ނުވަތަ ތިމާގެ މީހެއްގެ ގެއަށް، އިންޓަނެޓް ބޭނުންކުރަން ޖެހޭ ސްކޫލު ނުވަތަ އޮފީސް މަސައްކަތް ކުރަން ދިއުމަކީ އޭރުގައި އާންމު ކެމެކެވެ.

އޭގެ ދިހަ އަހަރު ފަހުން، އިންޓަނެޓްގެ ހިދުމަތް މިވަނީ ކަރަންޓާއި ފެން ފަދަ އަސާސީ ހިދުމަތްތަކާ އެއްވަރުގެ މުހިންމު އެއްޗަކަށް ވެފައެވެ. ކަރަންޓް ކެނޑުމުން ވާ އުނދަގޫ އިންޓަނެޓްގެ ހިދުމަތް މެދުކެނޑުމުންވެސް ވެއެވެ. އާންމު ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ވަނީ އިންޓަނެޓާ ގުޅިފައެވެ. އިންޓަނެޓް އަދި ޑިޖިޓަލް ވަސީލަތްތަކުގެ މުހިންމުކަމާމެދު ޝައްކު ކުރެވޭނެ ޖާގައެއް ނެތެވެ. އަދި ދިރިއުޅުމުގެ އެންމެ އަސާސީ ބޭނުންތަކާގުޅިފަވާ ހިދުމަތެއް ވާން ޖެހޭނީ އާންމު ރައްޔިތުންނަށް ފަސޭހައިން ހެޔޮ އަގެއްގައި ލިބިދޭ ހިދުމަތަކަށެވެ.

މާހިރުން ދެކޭ ގޮތުގައި ހުރިހާ ފަރުދުންގެ ބައިވެރިވުން އޮތް ޑިޖިޓަލް މުޖުތަމައުއެއް އުފެއްދުމަށް ބޭނުންވަނީ ފަސް ކަމެކެވެ. އެއީ ހެޔޮ އަގުގައި އިންޓަނެޓްގެ ހިދުމަތް ލިބުން، ހުރިހާ އުމުރެއްގެ ރައްޔިތުން ހިމެނޭ ގޮތައް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަން ދަސްކޮށްދިނުން، އަދި ޓެކްނިކަލް ސަޕޯޓު ބޭނުންވާ ހިދުމަތްތަކުގައި ޓެކްނިކަލް ސަޕޯޓް ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮއްދިނުމެވެ. މީގެ އިތުރުން އޮންލައިން އެޕްލިކޭޝަންތައް ޑިޒައިން ކުރުމުގަ ހުރިހާ ފަންތިއެއްގެ ރައްޔިތުންނަށްވެސް އަމިއްލައަށް އެކަށީގެންވާ ގޮތުގަ ބޭނުންހިފޭނެހެން އެޕްލިކޭޝަންތައް އުފެއްދުމާއި އިންޓަނެޓްގެ ބޭނުން ކޮއްގެން އޮޓޮމެޓިކުން ކަންކަން ހަމަޖެހޭ ފަދަ ޑިޖިޓަލް ޑިވައިސްތަކުގެ ބޭނުން ކުރުމަށް އާދަކުރުމެވެ.

އިންޓަނެޓްގެ ހިދުމަތް ފުޅާވުމުގެ ސަބަބުން އާންމު ދިރިއުޅުމާއި ވައްޓަފާޅިއަށް އެދެވޭ ގިނަ ބަދަލު ތަކެއް އައިސްފަވެއެވެ. އިންޓަނެޓްގެ ޒަރީއާއިން އެއްޗެހި ގަނެވިއްކުން އިތުރުވުމުން މީހުން އެއްޗެހި ގަންނަ ވަރު އިތުރުވުމާއިއެކު ވިޔަފާރިތައް ފުޅާވެ ވަޒީފާގެ ފުރުސަތުތައްވެސް ގިނަވެގެން ދިޔައެވެ. އަދި ވަޒީފާ ހޯދާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަސޭހައިން ހޯދޭނެ ގޮތްވެ ވަޒީފާ ދޭ ފަރާތްތަކާ ވަޒީފާ ހޯދާ ފަރާތްތަކުގެ މެދުވެރިއަކަށް އިންޓަނެޓް ވެގެން ގޮސްފިއެވެ. އެޗްޑީސީގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރ ގާއިމް ވުމުން އިތުރު ބައިވަރު ކަންކަން ވިޔަފާރިތަކާއި ވިޔަފާރިކުރާ ފަރާތްތަކަށް އަދި ވަޒީފާ ދޭ ފަރާތްތަކަށް މަގުފަހި ވެގެންދާނެއެވެ.

ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރ ގާއިމްވުމުން މަސައްކަތްތެރިންނަށްވެސް އައު ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ. ޓެލެވަރކިން ނުވަތަ އިންޓަނެޓްގެ ޒަރީއާއިން ވަޒީފާ އަދާކުރުމުގެ ފުރުސަތުތައް ފަހިވާނެއެވެ. އަދި މީގެ ސަބަބުން ވަޒީފާއަދާކުރާ ފަރާތްތަކާ ވަޒީފާދޭ ފަރާތްތަކަށްވެސް ލުއި ތަކެއް ލިބިގެންދެއެވެ.

ޓެލެވަރކިންއަކީ މަސައްކަތްތެރިންނަށް އަމިއްލަ މާހައުލެއްގައި ހިތްހަމަޖެހިގެން މަސައްކަތްތައް ނިންމުމަށް ލިބޭ ފުރުސަތެކެވެ. އަދި މިގޮތައް މަސައްކަތް ކުރަން ފުރުސަތު ލިބުމުން މަސައްކަތުގެ ފެންވަރު ރަނގަޅުވެ، ޝައުގުވެރިކަމާއެކެ ވަޒީފާގެ މަސްއޫލިޔަތު އަދާ ކުރުމަށް ހިތްވަރުލިބެއެވެ. މީގެ އިތުރުން ގޭގަ މަސައްކަތް ކުރަން ލިބުމުން ވަޒީފާއަށް ސަލާމް ބުނާ ދުވަސްތައްވެސް މަދުވެއެވެ. ވަޒީފާއާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރުމުގެ މިނިވަންކަން ލިބުމުން ދުޅަހެޔޮ ގޮތުގައި ވަޒީފާ އާއި ޒާތީ ދިރިއުޅުމުގެ ކަންކަން ބެލެންސް ކުރެވޭނެއެވެ. މިގޮތައް ވަޒީފާ އަދާކުރުމަށް ހައި ސްޕީޑް އިންޓަނެޓްއަކީ ލެޕްޓޮޕް ނުވަތަ ކޮމްޕިއުޓަރުގެ އިތުރުން ދެން ބޭނުންވާ އެންމެ މުހިންމު ވަސީލަތެވެ. ހައި ސްޕީޑް އިންޓަނެޓް އާންމުންނަށް އަގު ހެޔޮކޮށް ފަސޭހައިން ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތަކާ ވިއުގައެއް ގާއިމް ކުރުމަކީ އެޗްޑީސީގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރ މަޝްރޫއުގެ ދަށުން ކުރެވެމުންދާ މަސައްކަތެކެވެ.

ޓެލެވަރކިންގެ ފުރުސަތު ފަހިވެ ގިނަ ބަޔަކު ގޭގައި ތިބެގެން އިންޓަނެޓް މެދުވެރިކޮށް ވަޒީފާ އަދާކުރަން ފެށުމުން މަސަތްކަތްތެރިންގެ ވަގުތު ސަލާމަތްވުމުގެ އިތުރުން މަގުމަތީގެ ކާރު ބާރުވެސް ކުޑަވެގެންދާނެއެވެ. އަދި ވެހިކަލްތަކުގެ ޒަރީއާއިން ވައި ނުސާފުވާ މިންވަރުވެސް ކުޑަވެގެންދާނެއެވެ. ޓެލެވަރކިން ވަޒީފާއެއްގައި ރާއްޖޭގެ ނުވަތަ ދުނިޔޭގެ ކޮންމެ ތަނެއްގައި ދިރިއުޅެމުންވެސް ވަޒީފާ އަދާ ކުރެވިދާނެއެވެ. އަދި ރާއްޖޭގެ އެންމެ މީހުން ބައިބޯވެފަވާ މާލެ ސަރަހައްދުން ދުރަށް ދިރިއުޅުން ބަދަލު ކޮށް ހިތްގައިމު ދިރިއުޅުމަކާ މާހައުލެއްގައިވެސް ވަޒީފާ އަދާ ކުރެވޭނެއެވެ.

ރާއްޖޭގައި މިހާރުވެސް ޓެލެވަރކް ނުވަތަ ފްރީލާންސް މަސައްކަތް ކުރާ ފަރާތްތަކެއް އުޅެއެވެ. މީގެ ތެރެއިން ގިނަ ފަރާތްތަކަކީ މިއުޒިކް، އާޓް، އަދި ފޮޓޯގްރަފީ ފަދަ ކްރިއޭޓިވް ދާއިރާތަކުގައި ފްރީލާންސް މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކެވެ. މިފަދަ ފަރާތްތަކުގެ އަމިއްލަ ވިޔަފާރި ނުވަތަ މަސައްކަތްތަކަށްވެސް ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް ލިބޭނަމަ ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

އެޗްޑީސީގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރ މަޝްރޫއަކީ އެކި ދާއިރާތަކުގެ މަސައްކަތްތެރިންނާއި ހުރިހާ އުމުރު ފުރާގެ މީހުން ހިމެނޭ ގޮތަށް މުޅި މުޖުތަމައަށް ފައިދާތަކެއް ލިއްބައިދޭނެ މަޝްރޫއެކެވެ. އަދި މާލެ ސަރަހައްދުގައި ރަށްވެހިންނަށް އަމާން ހިތްގައިމު އަދި ދުޅަހެޔޮ ދިރިއުޅުމެއް މަގުފަހި ކޮށްދޭނެ މަޝްރޫއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *