ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތަކުން ބޭރުގެ އީ-ކޮމާސް ސައިޓްތަކުގައި ވިޔަފާރިކުރުމަށް ކަނޑައަޅާފައިވާ ދުވަހުގެ ލިމިޓް ރިސެޓްވާ ކޮންމެ ދުވަހެއްގެ ހެނދުނު 7:00 ގައި ސިކުންތަކު 70 އަށްވުރެ ގިނަ މުޢާމަލާތް ސިސްޓަމްގެ ތެރެއިން ހިނގާތީ، މަދު ވަގުތުކޮޅެއްގެ ތެރޭގައި މުޅި ދުވަހުގެ ލިމިޓް ހުސްވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްގެ ތަރުޖަމާނު މުޙައްމަދު ސަޢީދު ވިދާޅުވީ، ލިމިޓް ރިސެޓްވާ ގަޑި ކުރިން އާންމުކޮށްފައި އޮތުމުން، ގިނަ ކަސްޓަމަރުން ތަކެތި ކާޓަށް އަޅައި ޕޭމަންޓް ހަދަން ތައްޔާރަށް ތިބޭ ކަމަށާއި، ހެނދުނު 7:00 ޖެހުމާއެކު އެއްފަހަރާ އެންމެން ޕޭމަންޓް ހަދަން ފެށުމުން ޓީމޫ، އަލީބާބާ، އެމެޒޯން އަދި އެޕަލް ފަދަ ސައިޓްތަކުން ވިޔަފާރި ނުކުރެވޭ ޙާލަތު މެދުވެރިވާ ކަމަށެވެ. މިފަދަ ޙާލަތްތަކުގައި ޑޮލަރު ކާޑެއް ބޭނުންކުރުމަށް ނުވަތަ ޖެހިގެން އަންނަ ދުވަހު އަލުން މަސައްކަތް ކުރުމަށް ކަސްޓަމަރުންނަށް މެސެޖުން އަންގަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ދިވެހިން ދުނިޔޭގެ 40,000 އަށްވުރެ ގިނަ އޮންލައިން ޕްލެޓްފޯމުން ދުވާލަކު 20,000 އަށްވުރެ ގިނަ މުޢާމަލާތް ކުރަމުންދާއިރު، ބީއެމްއެލް އިން ވަނީ ބޭރުގެ އޮންލައިން ވިޔަފާރިތަކަށް މަހަކު 16 މިލިއަން ޑޮލަރާ ހަމައަށް ޚަރަދު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ. މީގެ ތެރެއިން މަޤުބޫލު 150 އީ-ކޮމާސް ޕްލެޓްފޯމަށް 3 މިލިއަން ޑޮލަރު، ޒަރޫރީ ސަބްސްކްރިޕްޝަންތަކަށް 3 މިލިއަން ޑޮލަރު، ދަތުރުފަތުރާއި ހޮޓެލް ބުކިންތަކަށް 6 މިލިއަން ޑޮލަރު (ދުވާލަކު 200,000 ޑޮލަރު)، މެޓަ އަދި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާއަށް 1.5 މިލިއަން ޑޮލަރު އަދި އެހެނިހެން އޮންލައިން ވިޔަފާރިތަކަށް 1.8 މިލިއަން ޑޮލަރު ކަނޑައަޅާފައިވެއެވެ. ސިއްޙީ ފަރުވާއަށާއި ތަޢުލީމަށް އެއްވެސް ލިމިޓެއް ކަނޑައަޅާފައި ނުވާ ކަމަށާއި، ދަތުރުފަތުރު ކެޓަގަރީން ކޮންމެ ކަސްޓަމަރަކަށްވެސް ތިން މަހުގެ ތެރޭގައި ހެދޭނީ އެންމެ ގިނަވެގެން ތިން މުޢާމަލާތް ކަމަށް އެ ބޭންކުން ބުނެއެވެ.
ބީއެމްއެލް އިން ބުނީ، ބޭރު ފައިސާގެ ރިޒާވް ހަރުދަނާކޮށް ބެލެހެއްޓުމަށާއި، ޒަރޫރީ ބޭނުންތަކަށް ޑޮލަރު ލިބުމުގައި ދަތި ނުވާނެ ގޮތް ހަމަޖެއްސުމަށްޓަކައި މި އުޞޫލު ތަޢާރަފު ކުރި ކަމަށާއި، ކަސްޓަމަރުންގެ މުޢާމަލާތްތަކާއި ބޭންކަށް ލިބޭ ބޭރު ފައިސާގެ މިންވަރަށް ބަލައި، ލިމިޓްތައް ދޭތެރެދޭތެރެއިން މުރާޖަޢާ ކުރަމުންދާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ