ދަރިންނަކީ ﷲ ދެއްވި އެންމެ މަތިވެރި އެއް ނިޢުމަތްކަމަށާއި، ދަރިންނަށްޓަކައި މައިން ބަފައިން ކުރާ ދުޢާއަކީ، އެކުދިންގެ އިޞްލާޙުގެ ތަޅުދަނޑިކަން ބަޔަންކޮށް ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަށް މިއަދު ދެއްވި ހުކުރު ޚުޠުބާގައި ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި މިއަދު ދެއްވި ހުކުރު ޚުޠުބާ އަލިއަޅުއްވާލައްވާފައިވަނީ ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިންގެ ދައުރުގެ މުހިންމުކަމުގެ މައްޗަށެވެ.
ޚުޠުބާގައި ވިދާޅުވީ، ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވި، ގިނަ ނިޢުމަތްތަކުގެ ތެރެއިން އެއް ނިޢުމަތަކީ، ދަރިންކަމަށާއި، އެހެންކަމުން ބޮޑު ނިޢުމަތަށް
ޝުކުރުވެރިވުމުގެ ގޮތުން، ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާ އަންގަވާފައިވާ ގޮތުގެ މަތިން، އެ ދަރިންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދައިދިނުމަށް ގަދައަޅައި މަސައްކަތް ކުރުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ، އެންމެ މަތިވެރި އެއް ވާޖިބުކަމަށެވެ.
ދަރިން ތަރުބިޔަތު ކުރުމުގައި މައިންބަފައިންގެ ދައުރަކީ، ވަރަށް ނާޒުކު އަދި އެހާމެ ނުރައްކާތެރި ދައުރެއްކަން ބަޔަންކުރައްވާ ޚުޠުބާގައި ވަނީ، ދަރިން ދުނިޔެއަށް އަންނަނީ ފިޠުރަތުގެ ސާފުކަންމަތީގައިކަން ހަނދާންކޮށްދެއްވާފައެވެ.
މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައި ވެއެވެ. "ކޮންމެ ކުއްޖަކު ވެސް އުފަންވަނީ ފިޠުރަތުގެ ސާފު ގޮތުގައެވެ. ފަހެ، އޭނާ ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އޭނާގެ މައިންބަފައިންނެވެ." މި ޙަދީޘާ މެދު ވިސްނާލުމުން ދޭހަވަނީ، ދަރިން ތަރުބިޔަތު ކުރުމުގެ މަސްއޫލިއްޔަތަކީ، ޒިންމާދާރު، ޞާލިޙު ދެމަފިރިއަކަށް މެނުވީ ނުއުފުލޭ ވަރުގެ މަސްއޫލިއްޔަތެއް ކަމެވެ. އެހެނީ، އެފަދަ ދެމަފިރިއަކަށް މެނުވީ، ތައުޙީދުގެ ކަލިމަ ކަމުގައިވާ، "لا إله إلا الله" ގެ މަތީގައި، ތަރުބިޔަތުގެ ބިންގާ އަޅާކަށް ފަސޭހައެއް ނުވާނެއެވެ. އަދި، ކުޑައިރުއްސުރެ އެ ކުދިންގެ ކިބައިގައި ނަމާދު ކުރުމާއި، ޤުރްއާން ކިޔެވުމުގެ އާދަ އަށަގަންނުވާކަށް ފަސޭހައެއް ނުވާނެއެވެ. އަދި އެ ކުދިންގެ ހިތްތަކުގައި ﷲ ގެ ކުޅަދުންވަންތަކަމުގެ ޝުޢޫރު އާލާ ކުރާކަށް ފަސޭހައެއް ނުވާނެ އެވެ. އަދި އެ ކުދިން، ރިވެތި އަޚްލާޤުގެ ވެރި ބަޔަކަށް ހެދުން ތަރުބިޔަތުގެ ބިންގާ އަޅާކަށް ފަސޭހައެއް ނުވާނެއެވެ. އަދި، ކުޑައިރުއްސުރެ އެ ކުދިންގެ ކިބައިގައި ނަމާދު ކުރުމާއި، ޤުރްއާން ކިޔެވުމުގެ އާދަ އަށަގަންނުވާކަށް ފަސޭހައެއް ނުވާނެއެވެ. އަދި އެ ކުދިންގެ ހިތްތަކުގައި ﷲ ގެ ކުޅަދުންވަންތަކަމުގެ ޝުޢޫރު އާލާ ކުރާކަށް ފަސޭހައެއް ނުވާނެ އެވެ. އަދި އެ ކުދިން، ރިވެތި އަޚްލާޤުގެ ވެރި ބަޔަކަށް ހެދުން ވާނީ އުނދަގޫ ކަމަކަށެވެ.
– ހުކުރު ޚުޠުބާ
ޚުޠުބާގައި ވަނީ، ތަރުބިޔަތު ފެށޭ ދަރުސްގަހަކީ، މައިންބަފައިންގެ އުނގުކަމާއި، ދަރިންގެ ޢުމުރުގެ އެންމެ ކުރީކޮޅު، މަންމައާއި ބައްޕަގެ ލޯތްބާއި އަޅާލުން ނިހާޔަތަށް ބޭނުންވާނެކަން ހަނދާންކޮށްދެއްވާފައެވެ. އަދި އެ ކުދިންނަށް އަމާޒުވެގެން އަންނަ ޝައިތާނީ ވަސްވާހާއި، އެސްފިންނާ ފަދަ ކަންތައްތަކުން، އެކުދިން ސަލާމަތް ކުރުމަށްޓަކައި ކެނޑިނޭޅި، ﷲ އަށް ދުޢާ ދެންނެވުމަކީ ވަރަށް މުހިއްމު ކަމެއްކަން ބަޔާންކުރައްވާ ޚުޠުބާގައި ވަނީ، އެއީ ދަރިންނަށްޓަކައި މައިން ބަފައިން ކުރާ ދުޢާއަކީ، އެކުދިންގެ އިޞްލާޙުގެ ތަޅުދަނޑިކަން ފާހަގަކުރައްވާފައެވެ. ދަރިންނަށްޓަކައި މައިންބަފައިން ކުރާ
ދުޢާގެ މުހިއްމުކަން އެންގެވުމުގެ ގޮތުން، ބައެއް ނަބީބޭކަލުން ކުރެއްވި ދުޢާތަކުގެ ވާހަކަ، ކީރިތި ޤުރްއާނުގައި، އައިސްފައި ވާކަންވެސް ޚުޠުބާގައި ބަޔާންކުރެއްވިއެވެ.
މައިންބަފައިންގެ ހެޔޮ ދުޢާތަކުގެ ނަތީޖާއަކަށް ވަނީ، ﷲ ތަޢާލާގެ ޙަޟްރަތުން ދަރީންނަށް ރައްކާތެރިކަމާއި ތެދުމަގު ލިބުމަށް މަގު ފަހިވެގެން ދިއުންކަމަށާއި، އެ ކުދިންނަށް އަމާންކަމާއި ބާއްޖަވެރި ކަމުގެ އިޙްސާސް ކުރެވި، އަމިއްލަ ނަފްސާ މެދު އޮންނަ އިތުބާރު ބޮޑުވެ، ނަފްސާނީ ދުޅަހެޔޮކަން މަތީގައި ބޮޑުވުމަށް މަގުފަހިވުންކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ. މިއާ ޚިލާފަށް، ދަރިން، ކަންބޮޑުވީމައި، މައިންބަފައިންގެ ލޯތްބާއި އަޅާލުމުން މަޙްރޫމުވަމުން ދާނަމަ، އެ ކުދިންގެ ހިތުގައި ނާމާންކަމާއި، ބިރުވެރިކަން އުފެދި، މައިންބަފައިންނާއި ދަރިންނާ ދެމެދު އޮންނަންޖެހޭ މުޤައްދަސް ގުޅުމަށް، ހީނަރުކަން އައުން އޮންނާނީ ދާދި ކައިރީގައިކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ. އަދި ނަތީޖާއަކަށް ވާނީ، ނޭދެވޭ ސުލޫކުތަކަށް މަގު ފަހިވެ، ތަރުބިޔަތުގެ ބިންގަލަށް ލޮޅުން އެރުންކްމަށްވެސް ބަޔާންކުރެއްވިއެވެ.
ދަރިން ތަރުބިޔަތު ކުރުމުގައި، މައިންބަފައިން އަދާކުރަންޖެހޭ އަނެއް ދައުރަކީ، ޢާއިލީ ގުޅުން ބަދަހިކުރުމުގެ ދައުރެވެ. މި ދައުރު ފުރިހަމައަށް އަދާކުރެވިއްޖެ ނަމަ، ޢާއިލާ ބާއްޖަވެރިވާނެއެވެ. މި ގުޅުން ބަދަހިވުން ބިނާވާނީ، މައިންބަފައިންނާއި ދަރިންނާ ދެމެދު ކުރެވޭ މުޢާމަލާތުގައި ހުންނަ ހަރުދަނާ ކަމެއްގެ އެހެންކަމުން، ތަރުބިޔަތުގެ މައިދާނުގައި، މަންމަ އާއި ބައްޕަގެ ޢަމަލާއި ބަސް އެއްގޮތްވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެން ނުވެއްޖެ ނަމަ، އެތަނުން ރަނގަޅު ގޮތަކީ ކޮބައިކަން ދެނެގަންނަން ދަރިފުޅަށް އޮޅިދާނެ އެވެ. އަދި މަންމަ އާއި ބައްޕަގެ ބަހާއި ޢަމަލު ދިމާނުވުމަކީ ވެސް މި އެޅުމަށް މަގު ފަހިވާނެ ސަބަބެކެވެ.
– ހުކުރު ޚުޠުބާ
ހެޔޮގޮތުގައި ދަރިން ތަރުބިޔަތު ކުރުމުގެ ދައުރު މައިންބަފައިންނަށް އަދާކުރެވޭނީ، މައިންބަފައިންގެ ޝަޚްޞިއްޔަތު، އެ ކުދިންގެ ކުރިމަތީގައި ހަރުދަނާވެގެންކަމަށާއި، މި ހަރުދަނާކަމުގެ ބިންގަލަކީ، އިޚްލާޞްތެރިކަމާއި ތަޤުވާވެރިކަންކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ. އަދި ޙިކްމަތްތެރިކަމާއި، ޢިލްމާއި ހުނަރުވެރިކަމާއި، ވިސްނުންތެރިކަމާއި، ޙިކްމަތްތެރިކަމާ އެކު، ދަރިންނާ އޮންނަ ގާތް ގުޅުމުގެ ތެރެއިން، ދަރިންގެ ކޮންޓުރޯލް ނުކުރެވިއްޖެ ނަމަ، އެ ކުދިން މައިންބަފައިންގެ މައްޗަށް އަމުރުކުރަން ފަށާތަން އޮންނާނީ ދާދި ކައިރީގައިވާކަންވެސް ހަނދާންކޮށްދެއްވިއެވެ. މިކަން މިއަދު ދަނީ، ފެންނަމުންކަމަށްވެސް ވިދާޅުވިއެވެ.
ލޮބުވެތި މުސްލިމް އަޚުންނޭވެ! ދަރިން ތަރުބިޔަތު ކުރުމުގެ ނަމުގައި، ރުޅި އަންނަ ކޮންމެ ފަހަރަކު، ދަރިންނަށް ބޮޑެތި ޖިސްމާނީ އަނިޔާތައް ދިނުމަކީ، ޖަރީމާއެއް ކަމުގައި މެނުވީ ނުވެއެވެ. މިފަދަ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން، ދަރިންގެ ހިތްތަކުގައި އުތުރިއަރައިގެން އަންނާނީ ނޭދެވޭ ޖަޒުބާތު ތަކެކެވެ. އެކުދިން އަމާންކަމާ އެކު އުޅޭ ގެ، އެކުދިންނަށް ތަޞައްވުރު ވާނީ، ނާމާން ޖަންގައްޔެއްގެ ގޮތުގަ އެވެ. އަޑި ނޭނގޭ، މާސިންގާ، ބިރުވެރި، ފުން ކަނޑެއްގެ ގޮތުގައެވެ. އަދި ހަމަ އެހެންމެ، ތަރުބިޔަތު ކުރުމުގެ ނަމުގައި، ދަރިން ބޭނުންހާ އެއްޗެއް ހޯދައިދީ، ބޭނުންހާ ކަމެއް ކޮށްދިނުމަކީ ވެސް ރަނގަޅު ގޮތެއް ނޫނެވެ. މިގޮތަށް ކަންތައް ކުރެވޭނަމަ، މައިންބަފައިންނަށް ކުޅަދާނަ ނުވާ މިންވަރަށް، ދަރިން ކަންތައްތަކަށް އެދެން ފަށާފާނެއެވެ.
– ހުކުރު ޚުޠުބާ
މުދަލާއި ދަރިންނަކީ، ކީރިތި އިންސާނުން އިމްތިޙާނުކުރެއްވުމުގެ ގޮތުން ދެއްވާ ދެއްވުންތަކެއްކަމުގައި މެނުވީ ނުވާކަން ބަޔާންކުރައްވާ ޚުޠުބާގައ ވަނީ، އެ ދެއްވުންތަކަށް ރައްކާތެރިވުމަށްޓަކައި، ތެދުވެރިވާންޖެހެއެވެ. މައިންބަފައިންނަކީ ދޮގުހަދައި އޮޅުވައިލާ ބަޔަކަށް ވެއްޖެނަމަ، ދަރިންގެ ކުރިމަތީގައި، މައިންބަފައިންގެ އިތުބާރު ގެއްލިދާކަށް ގިނަ އިރެއް ނުނަގާނެކަމަށްވެސް ވިދާޅުވެފައެވެ. އަދި މިކަން ވާނީ، ދަރިންނަށް ދަސްކޮށްދެވޭ ނުރަނގަޅު ފިލާވަޅަކަށްކަމަށާއި، އެހެންކަމުން ދަރިން ރުއްސުމުގެ ގޮތުން ވިޔަސް އެ ކުދިން ގާތުގައި ދޮގުހެދުމަކީ، ކުރުން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.
އެހެންކަމުން، ދަރިންގެ މަތިން ޣާފިލުވެ ތިބެ، ދުނިޔަވީ މަންފާ ޙާޞިލުކުރުމަށް މަސައްކަތް ކުރުމުގެ ނަތީޖާއަކީ ދަރިންގެ ތަރުބިޔަތު ފަސާދަވެ، އަހަރުމެންގެ ލޮލުގެ ކޮއެ ފަދަ ދަރިން، އަހަރުމެންގެ އަތުން ދޫވެ، މުޅި ޢުމުރަށް ކަރުނަ އަޅައި ރޯން ޖެހުންކަމަށްވެސް މިއަދު ދެއްވި ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ