ނާޒިމްގެ ޕާޓީ އުފައްދަން އުޝާމަށް ހުއްދަ ދީފި

ނާޒިމްގެ ޕާޓީ އުފައްދަން އުޝާމަށް ހުއްދަ ދީފި

Author
މުޙައްމަދު ޝަޒައިމް
15 ޖުލައި 2021 01:11
0

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ އުފައްދަވާ ޕާޓީ އުފެއްދެވުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހުށަހެޅުވުމުން އެޕާޓީ އުފެއްދެވުމުގެ ހުއްދަ ދެއްވައިފިއެވެ.

އީސީން ބުނީ "މޯލްޑިވްސް ނޭޝަނަލް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއަށް ދީފައިވާ ކަމަށެވެ. އުޝާމަކީ ނާޒިމްއާ ދެބެއިންގެ ދެ ދަރި ބޭފުޅެކެވެ.

ޕާޓީ އުފައްދަން ހުއްދަ ދިންކަން ހާމަކޮށް އިލެކްޝަނުން ކުރި ޓްވީޓާ އެކު އުޝާމް ވިދާޅުވެފައި ވަނީ އެމްއެންޕީ އަކީ ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ނޮޅިވަރަމްދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު ގުޅިގެން އުފައްދަން މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ.

ނާޒިމް އުފައްދަވާ ސިޔާސީ ޕާޓީއަށް މަޖިލީހުގެ ބައެއް މެންބަރުން ގުޅިވަޑައިގަންނަވާނެ ކަން ނާޒިމް ވަނީ މީގެ ކުރިން ހާމަކުރައްވައިފައެވެ. އެކަމަކު އެއީ ކޮން މެންބަރުންނެއް ކަމެއް ވެސް ނާޒިމް މިހާތަނަށް ވިދާޅުވެ ދެއްވާފައެއް ނުވެއެވެ.

އަލަށް މި ހަދާ ޕާޓީގެ ލީޑަރުގެ މަގާމަށް އައްޔަންކުރާ މީހަކަށް އެ މަގާމުގައި ހުރެވޭނީ ގިނަ ވެގެން ދެ އަހަރުގެ ގޮތުގައި ކަނޑައަޅާނެ ކަމަށް އެ ޕާޓީގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. އެ ނިންމުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކުގައި މިހާރު ގެންގުޅޭ "ކަލްޓް" އުސޫލު ނުވަތަ އަބަދުވެސް އެއް ލީޑަރެއްގެ ފަހަތުން ޕާޓީ އާއި މެމްބަރުން "ދުވުމުގެ" ވިސްނުން ކަނޑުވައިލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާޒިމްގެ ޕާޓީ ވުޖޫދަށް އައިސްފި ނަމަ އެ ޕާޓީ ވާނީ ރާއްޖޭގެ 11 ވަނަ ސިޔާސީ ޕާޓީއަށެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން މިހާރު ރާއްޖޭގައި 10 ސިޔާސީ ޕާޓީއެއް ހިންގާއިރު، އެންމެ ފަހުން ރަޖިސްޓަރީ ކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.