އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަޚްޤީޤަށް މިދިޔަ ބުރާސްފަތި ދުވަހު އެއްވެސް ކޮމިޝަނަކަށް، އަދި އެއްވެސް އިދާރާއަކަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ހާޒިރުކޮށްފައި ނުވާކަމަށް އެކޯލިޝަނުން ބުނެފިއެވެ.
އޮންލައިން މީޑިޔާއެއްގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައެއްގައި އަބްދުއްރަހީމް އެސެޓް ރިކަވަރީ ކޮމިޝަނަށް މިދިޔަ ބުރާސްފަތި ދުވަހު ހާޒިރުކޮށްފައިވާކަމަށް ބުނެ ލިޔެފައިވާ ޚަބަރު ދޮގުކޮށް، އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ ބުރާސްފަތި ދުވަހު އަބްދުއްރަހީމް އެއްވެސް ކޮމިޝަނަކަށް އަދި ތަޚުޤީޤީ އިދާރާއަކަށް ހާޒިރުކޮށްފައި ނުވާކަމަށެވެ.
އޮންލައިން ނޫހުގައި ބުނެފައިވާގޮތުން އަބްދުއްރަހީމް ހާޒިރުކޮށްފައިވަނީ ކޮމިޝަނުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލަމުންދާ އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލަ އާއި އަގުބޮޑު ފްލެޓާއި ގުޅޭ ގޮތުން ސުވާލު ކުރުމަށެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް ވިދާޅުވެފައިވަނީ މިމައްސަލާގައި މިދިޔަ އަހަރުގެ ޑިސެމްބަރާއި ހަމައަށް ނިންމައި 14 ކަމެއް ފާހަގަކޮށް ރިޕޯޓް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާއާއި ހަވާލުކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވީ މިމައްސަލާގައި ދެބަވަތެއްވާކަމަށެވެ. އޭގެ ތެރޭގައި 77 މިލިޔަން ރުފިޔާގެ މައްސަލަޔަކީ ބަލާ ނިމިފައިވާ މައްސަލަތަކެއް ކަމަށެވެ. މިކަމުގައި މިހާރުވެސް އެންމެބޮޑު މައްސަލައެއް އޮތީ 37 ރިސޯޓާއި، 12 ފަޅެއްގެ މައްސަލަކަމަށެވެ. މީގެ ތެރެއިން ބައެއް ރަށްތައް ރިސޯޓުގެ ގޮތުގައި ތަރައްޤީ ކުރެވިފައިވާއިރު، ބައެއް ރަށްތަށް މިހާރުވެސް ހަދަމުންދާކަމަށެވެ. އަދި ބައެއް ރަށްތަކުގެ މަސައްކަތް އެއްގޮތަށްވެސް ކުރިއަށް ނުދާކަމަށެވެ. މިގޮތަށް މިކަން ހުއްޓައި މިމައްސަލަތައް ބެލުމަށްވެސް ގޮންޖެހުންތަކެއް ހުރިކަމަށެވެ.
މިމައްސަލާގައި އޭސީސީން ވިދާޅުވެފައިވަނީ20 މީހެއްގެ ތަޙްޤީޤު ޚާއްސަ އިސްކަމެއްދީގެން ބަލަމުންދާކަމަށެވެ. ނަަމަވެސް މިމައްސަލަތައް ނިމޭނެ ތާރީޚެއް އޭސީސީންވެސް ވިދާޅުވެފައި ނުވެއެވެ. ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ޚިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅުންހުރި 70،000 އަށްވުރެ ގިނަ މެސެޖް އާންމު ކުރައްވާނެކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.
ކޮމެންޓު ފޮނުވާ