ކޮރަޕްޝަންގެ މައްސަލަތައް ތަޙްގީގްކޮށް ދައުލަތަށް ގެއްލިފައިވާ ފައިސާއާއި މުދާ ހޯދުމުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ކުރީގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ޙާޒިރުކޮށްފިއެވެ.
ނިހާން އެކޮމިޝަނަށް ޙާޒިރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެކަން އެސެޓް ރިކަވަރީކޮމިޝަނުން ވަނީ ޔަޤީންކޮށްދީފައެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލް އެސެޓް ރިކަވަރީ ކޮމިޝަނުންވެސް އަދި ނިހާނުވެސް ހާމަކުރައްވާފައެއް ނުވެއެވެ.
ޕީޕީއެމް ސަރުކާރުގައިވެސް ނިހާން ފާހަގކުރެވުނީ އޭރުގެ ރައީސް ޢަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ. އަދި ނިހާނަށް އޭރުވެސް ކޮރަޕްޝަންގެ އެކި ތުހުމަތުތައް ކުރެވިފައިވާއިރު، ދަރިކަލުންނަށް ފްލެއްޓެއް ބައްލަވައިގަތުމުގައިވެސް ނިހާނަށް ކޮރަޕްޝަންގެ ތުހުމަތުކުރެއެވެ.
ނިހާން ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކޮށް ނާކާމިޔާބުވެވަޑައިގެންފައެވެ. އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބު ނަކާމިޔާބުވެވަޑައިގަތް ހިސާބުން ނިހާން ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާ އެޕާޓީއާއި ގުޅިފައެވެ.
މިހާރުގެ މަޖިލީހުގެ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމްވެސް ވަނީ ދާދިފަހުން ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ 8 ބޭފުޅޭއްގެ ނަން ހާމަކުރައްވާފައެވެ. އޭގެތެރޭގައިވެސް ނިހާން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ