ޖީން އެކްސްޕާޓް 11 މެޝިނާއެކު ގިނަ ޢަދަދެއްގެ ސިއްޙީ ސާމާނު ޑަބްލިއުއެޗްއޯ އިން ހަދިޔާކޮށްފި

ޖީން އެކްސްޕާޓް 11 މެޝިނާއެކު ގިނަ ޢަދަދެއްގެ ސިއްޙީ ސާމާނު ޑަބްލިއުއެޗްއޯ އިން ހަދިޔާކޮށްފި

Author
މުޙައްމަދު ޖިމީ
05 ޖުލައި 2021 03:24
0

ކޯވިޑް-19އަށް ސާމްޕަލް ޓެސްޓްކުރާ 11 ޖީން އެކްސްޕާޓް މެޝިނާއި، ޞިއްޙީ ދާއިރާއަށް ބޭނުންވާ ބައެއް ތަކެތި ޑަބްލިޔު.އެޗް.އޯއިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

މިތަކެތި މިނިސްޓްރީ އޮފް ހެލްތާއި ޙަވާލުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ.ނާޒްނީން އަންވަރެވެ. އަދި ރާއްޖޭގެ ފަރާތުން މިތަކެއްޗާ ޙަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ހަދިޔާކުރެއްވި ތަކެތީގެ ތެރޭގައި ކޯވިޑް-19އާ ގުޅިގެން ބޭނުންވާ ބައެއް ބޭސްތަކުގެ އިތުރުން، 11 ޖީން އެކްސްޕާޓް މެޝިންއާއި، 10 އޮޓޯކްލޭވް، އަދި ކޯވިޑް-19 އާއި ގުޅިގެން ޙަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމްތައް ބޭނުންކުރުމަށް 6 މޮޓޯސައިކަލް ހިމެނެއެވެ. މީގެ އިތުރުންވެސް ކޯވިޑް ވެކްސިން ރައްކާކުރުމަށް ބޭނުންވާ އާލާތްތަކާއި، ޓެސްޓްކުރުމަށް ބޭނުންވާ 19،500 ޓެސްޓްކިޓް ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ހެލްތު މިނިސްޓްރީން ބުނީ،، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ހަދިޔާކުރި 11 ޖީން އެކްސްޕާޓް މެޝިންއާއިއެކު ރާއްޖޭގެ 18 އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލްތަކުގައި މެޝިންތައް ބެހެއްޓި ކޯވިޑަށް ޓެސްޓްކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި އިތުރު 10 ރަށެއްގައި އޮޓޯކްލޭވް ބެހެއްޓި ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންކުރާތަކެތި ރައްކާތެރިކޮށް ނައްތާލުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. ރެޕިޑް ރެސްޕޮންސް ޓީމްތަކުގެ މަސައްކަތް އަވަސްވެ، ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ކޯވިޑުން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއާއި، ބައެއް ޤައުމުތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.