ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މިހާރުގެ ހާލަތާއިމެދު ހަމްދަރުދީވެ ވަޑައިގަންނަވާ ކަމަށާއި، ނަމަވެސް 2023ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހު ވާދަކުރައްވާނަމަ ތާއީދު ކުރައްވާނީ ރައީސް ޞާލިހަށް ކަމުގައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ދައުވާ އުފުލާފައިވާ މަހުލޫފް ވިދާޅުވީ ސިޔާސީ ގޮތުން މަސައްކަތް ކުރައްވަންޖެހޭ ހާލަތްތަކުގައި އެކި ވާހަކަ ދައްކައި، އެކި މަސައްކަތް ކުރަންޖެހޭކަމަށެވެ. އެގޮތުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރެއްވިއިރު، ޔާމީން ޖަލަށްލުމަށާއި، އެނޫންވެސް އެކި ކަންކަމަށް ގޮވާލާފައިވާނެކަމަށެވެ. ނަމަވެސް މިހާރު އެކަންކަމަށް ތާއީދު ނުކުރައްވާފަދަ މޭރުމަކުން މަހުލޫފް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ޔާމީނަށް މައާފް ކުރުމާ ގުޅޭ ދެކިވަޑައިގަންނަވާ ގޮތް ވިދާޅުވުމަށް ގޮތުން ކުލަބް ހައުސްގައި، މީހަކު އެހުމުން މަހުލޫފް ވިދާޅުވީ ޔާމީން ޖަލަށް ދުވަހަކު ވެސް ޖަލަށް ނުގެންދިޔަޔަސް އޭނާއަށް ހެޔޮ ކަމަށެވެ. ބައެއް ވަޒީރުންނާ އެ މައްސަލާގައި މަޝްވަރާ ކުރިއިރު ވެސް ޔާމީން ގެއަށް ބަދަލު ކުރުމަށް ތާއީދު ކުރެއްވި ކަމަށް މަހުލޫފް ވިދާޅުވިއެެވެ. އޭނާ ވިދާޅުވީ ޖަލުގައި އޮންނަން ޖެހުމުން ކުރަންޖެހޭ ތަރުޖިބާއާއި، އިހުސާސަކީ އެތަނަށް ދިއުމުން ވަރަށް ރަނގަޅަށް ކުރެވިފައިވާ އިހުސާސެއްކަމަށެވެ.
މަހުލޫގް ވިދާޅުވީ އޭނާގެ ސިޔާސީ ކުރިމަގާއި ހުޅޭގޮތުން އަދި އެއްވެސް ގޮތެއް ނުނިންމާކަމަށެވެ. ނަމަވެސް މިކަމުގައި ޕީޖީން ދައުވާ އުފުލާ ހިސާބުން އޭނާގެ ޝަރަފްވެރި ކަމާއިއެކު މިނިސްޓަރުގެ މަޤާމުން ވަކިވެ ވަޑައިގަތް ކަމުގައި ވީނަމަވެސް ސިޔާސީ ގޮތުން ކުރަންޖެހޭ މަސައްކަތް ހުއްޓާ ނުލާނެކަމަށެވެ. ވިސްނުންހުރީ އެއްވެސް ޕާޓީއަކާއި ނުގުޅި މަސައްކަތް ކުރައްވަން ކަމަށެވެ. ނަމަވެސް އިދިކޮޅު ޕީޕީއެމްއައި ގުޅިފާނަންތޯ ކުރެބުނު ސުވާލުގައި މިނިސްޓަރ މަހުލޫފް އެއްވެސް ޖަވާބެއް ދެއްވާފައި ނުވެއެވެ.
މަހުލޫފް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވާދަކުރައްވާނަމަ ތާއީދު ކުރައްވާނީ ރައީސް ޞާލިހުއަށް ކަމަށެވެ. ނަމަވެސް ވެރިކަމަށް މަސައްކަތް ކުރެއްވުމުގެ ކުރިން ރައީސް ޞާލުހުވެސް އެމްޑީޕީގެ އެތެރޭގައި މިހާރު ހުރި މައްސަލަތައް ހައްލު ކުރަން ޖެހޭކަމަށް މަހުލޫފް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މިިނިސްޓަރ މަހްލޫފްގެ މައްޗަށް ދެ ދަޢުވާއެއް ކުރުމަށް އޭސީސީން ވަނީ ފޮނުވާފައެވެ. އެއީ ރިޝްވަތު ނެގިކަމުގެ ދައުވާއަކާއި ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެކެވެ. މިމައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާ މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ.
ކޮމެންޓު ފޮނުވާ