ޖަރުމަނުގައި ހުރެފަ، އިތުރު ބޭސް ފަރުވާއަކަށް އިނގިރޭސިވިލާތަށް ނުދާނެ: މަލީހު

ޖަރުމަނުގައި ހުރެފަ، އިތުރު ބޭސް ފަރުވާއަކަށް އިނގިރޭސިވިލާތަށް ނުދާނެ: މަލީހު

Author
މުޙައްމަދު ޝަޒައިމް
03 ޖުލައި 2021 11:27
0

ޖަރުމަނުވިލާތުގައި ބޭސްފަރުވާ ކުރަމުންދާ މީހަކު އިތުރު ބޭސް ފަރުވާޔަކަށް އިގިރޭސިވިލާތަށް ނުދާނެ ކަމަށާއި، ރައްޔިތުންނަށް އޮޅުވާލަން ނޫޅުއްވުމަށް ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މޭއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައިސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޙަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތަށް އިއްޔެ ވަނީ ވަޑައިގެންފައެވެ. ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމުގެ ކުރިން ފަރުވާ ހޯދަމުންދިޔައީ ޖަރުމަނުގައެވެ. ޖަރުމަނުގައި ފަރުވާ ހޯއްދެވުމަށްފަހު ލިބުނު ޒަހަމަށްތައް ފަސޭހަވެ، ރަސްމީ މަސައްކަތްތަކުގައިވެސް ހަރަކާތްތެރި ވެފައިވެއެވެ.

އިތުރު ފަރުވާ ހޯދުމަށް ޖަރުމަނު ދޫކޮށް، އިނގިރޭސިވިލާތަށް ނަޝީދު ވަދައިގެންނެވުމުން މަލީހު ވިދާޅުވީ ޖަރުމަނުން ނުލިބުނު ފަރުވާއެއް ހޯދަން އިނގިރޭސިވިލާތައް ދާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. ރައްޔިތުންނަށް ކަންކަން އޮޅުވާލައިގެން ކުރެއްވުމަށް މަސައްކަތް ކުރިނަމަވެސް މިއަދު ރައްޔިތުން އެކަންކަމެއް ގަބޫލު ނުކުރާނެކަމަށް މަލީހު ވިދާޅުވިއެވެ.

ރައްޔިތުން މޮޔަ ނޫން. ޖަރުމަނުވިލާތުގައި ހުރެފަ އިތުރު ބޭސް ފަރުވާޔަކަށް އިގިރޭސިވިލާތަށް ނުދާނެ. އެއީ ދޮގެއް. މަސް ބާނަން ރާއްޖޭގައި ހުރެފަ ބޫޓާނަށް ދާނެތޯ? އަވަސް ޝިފާއަކަށް އެދެން.

– މަލީހު ވިދާޅުވިއެވެ.

ޙަމަލާއަށްފަހު އޭޑީކޭގައި 16 ގަޑިއިރުގެ ތެރޭގައި ގިނަ އޮޕަރެޝަންތަކެއް ކުރެއްވުމަށްފަހު ޙާލުކޮޅު ރަނގަޅުވަމުން އައިނަމަވެސް އިތުރަށް ފަރުވާ ހޯއްދެވުމަށް މޭއި މަހުގެ 13 ވަނަ ދުވަހު ރައީސް ނަޝީދު ވަނީ ޖަރުމަނަށް ފުރާވަޑައިގަންނަވާފައެވެ. އެގޮތުން ޖަރުމަންވިލާތުގެ ބަރލިންގ ބުންޑެސްވެއަރ ހޮސްޕިޓަލުގައި އެމަނިކުފާނު ވަނީ ފަރުވާ ހޯއްދަވާފައެވެ. އެހޮސްޕިޓަލުގައި ފަރުވާގައި ޙަރަކާތްތެރިވެވަޑައިގަތް ޑޮކްޓަރުންގެ ޓީމުގެ ލަފާގެ މަތިން އިތުރު ފަރުވާއަށް މިއަދު އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވާފައިވާކަމަށް ރައީސް ނަޝީދުގެ އޮފީހުން ވިދާޅުވެއެވެ.

ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަންނަވާފައިވާއިރު އިތުރު އޮޕަރޭޝަނެއް ކުރައްވަން ޖެހިދާނެކަމަށް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

މޭއިމަހުގެ 6 ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނިކުމެވަޑައިގެން ހިންގަވާފައި މަޖީދީމަގުގައި ޕާކުކޮށްފައިއޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލައިގެން ދިން ޙަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންފައެވެ. އެމަނިކުފާނަށް އެންމެ ފުރަތަމަ ފަރުވާދެއްވި އޭޑީކޭގެ ސްޕެޝަލިސްޓުންގެ ޓީމުންވެސް ވަނީ އެކަން ހާމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.