ހިތަދޫގައި އިއުލާންކޮށްފައިވާ ކާފިއު ގަޑިއަށް އަނެއްކާވެސް ބަދަލުތަކެއް

ހިތަދޫގައި އިއުލާންކޮށްފައިވާ ކާފިއު ގަޑިއަށް އަނެއްކާވެސް ބަދަލުތަކެއް

Author
މުޙައްމަދު ޝަޒައިމް
03 ޖުލައި 2021 10:49
0

އައްޑޫ ސިޓީ ހިތަދޫގައި އިއުލާންކޮށްފައިވާ ކާފިއު ގަޑި ކުރުކުރަން ނިންމައިފިއެވެ.

އައްޑޫ ސިޓީގައި ކޯވިޑް-19ގެ ކޭސްތައް ފެނުމާއި އެކު އެ ސިޓީ މޮނީޓަރިންއަށް ލާފައިވަނީ މިދިޔަ މޭއިމަހުގެ 1 ވަނަ ދުވަހުއެވެ. ހިތަދޫގެ ކޯވިޑްގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނައިރު، ހިތަދޫ އިން ފާއިތުވި ހަތަރު ދުވަހު ވެސް ޕޮޒިޓިވް ކޭހެއް ފެނިފައެއް ނުވެއެވެ. ހިތަދޫގެ ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު އުޅެނީ 54 ގައެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވީ ހިތަދޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެގޮތުން ދެން ކާފިއު ގަޑިއަކީ ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް ކަމަށެވެ. ފާއިތުވި ހަފްތާގައި ހިތަދޫގައި ކާފިއު ހިންގާފައިވަނީ ހަވީރު ހަތަރަކުން ފަތިހު ހަތަރަކާއި ހަމައަށެވެ.

އަދި ހިތަދޫގެ މިސްކިތްތަކުގައި ވަކިވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރުމަށް ވެސް ހުއްދަ ދީފައިވާ ކަމަށާއި އަދި ކާފިއު ގަޑިއަށް ގެނެސްފައިވާ ބަދަލާއެކު ފިހާރަތައް ވެސް ހުޅުވައިގެން ރޭގަނޑު 9 ޖެހުމާ ހަމައަށް ހިދުމަތް ދެވޭނެ ކަމަށް ޝުއާއު ވިދާޅުވިއެވެ. ނަމަވެސް ރޭގަނޑު 10 ޖެހުމާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.

މީގެއިތުރުން ހޮޓާ، ރެސްޓޯރެންޓް އަދި ގާޑިޔާތަކަށް އަދިވެސް ރޭގަނޑު 10 ޖެހުމާ ހަމައަށް ދެވޭނީ ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް އެކަނި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިތަދޫގައި އެސްއެސްޑީން ހުއްދަ ދީފައިވާ ފަރާތްތަކަށް ކޮންސްޓްރަކްޝަން މަސައްކަތް ހެނދުނު 7:00 ހަވީރު 6:00 ޖެހުމާއި ހަމައަށް ކުރިއަށް ގެންދެވޭނެ ކަމަށް އައްޑޫ އީއޯސީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.