ޤާނޫނު އަސާސީން ކަށަވަރު ނުކުރާ ކޯލިޝަން ވެރިކަންތަކުގައި އަވަށްޓެރި ޤައުމުތަކާއި އޮންނަ ގުޅުން އަބަދުވެސް ހީނަރުވަމުންދާނެ ކަމަށާއި، މިކަންކަމަށް އޮތް ހައްލަކީ މިހާރު އޮތް ނިޒާމު ބަރުލަމާނި ނިޒާމަށް ބަަދަލު ކުރުންކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
އަވަށްޓެރި އިންޑިއާގެ ޑިޕްލޮމެޓުންނަށް ފާޑުކިޔާކަމަށްބުނެ ރާއްޖޭގެ ބައެއް މީީޑިއާތަކާއިމެދު ފިޔަވަޅު އެޅުމަށް އެދި އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީގައި އެދިފައިވާ މިދަނޑިވަޅުގައި ބޮންޑޭ ވިދާޅުވީ ކޯލިޝަން ވެރިކަމެއްގައި މިފަދަ ކަންކަން ހިނގުމަކީ ދުރުކަމެއް ނޫންކަމަށެވެ. ކޯލިޝަން ވެރިކަމަކީ ޤާނޫނު އަސާސީ ދަންނަ ވެރިކަމަށް ނުވާއިރު އެފަދަ ވެރިކަމެއްގައި މީޑިއާތަކުންވެސް އަވަށްޓެރި ޤައުމުތަކަށް ފާޑުވިދާޅުވެ ވާހަކަ ދެއްކުމަކީ ފުރުސަތު ތަނަވަސް ވެގެންދާނެ ކަމެއްކަމަށެވެ. އޭނާ ވިދާޅުވީ މިކަމަށް އޮތް ހައްލަކީ ބަރުލަމާނީ ނިޒާމުކަމަށެވެ.
ގާނޫނު އަސާސީ ނުދަންނަ ކޯލިޝަން ވެރިކަމެއްގައި އަވައްޓެރި ގައުމުތަކާ އޮންނަ ގުޅުން އަބަދުވެސް ހީނަރުވާނެއެވެ. ދޭދޭ ގައުމުތަކުގެ ގުޅުމަށް އަސަރު ނުކުރާނެ ފަދަ ހަރުދަނާ އުސޫލަކުން މީޑިޔާތަކަށް ވެސް މަސައްކަތް ކުރެވޭނީ ބަރުލަމާނީ ނިޒާމެއްގައެވެ.
– ބޮންޑޭ ވިދާޅުވިއެވެ.
ދޭދޭ ޤައުމުތަކާއެކު ރާއްޖެއިން އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރު ނުކުރާނެހެން ދިވެހިރާއްޖޭގެ މީޑިއާތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް ދިވެހި ރާއްޖޭގެ ޚާރިޖީ ވުޒާރާއިންވެސް ވަނީ މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ މިފަހަކަށް އައިސް، ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ބޭރު ޤައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމަޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހަގީގަތާ ޚިލާފު ޚަބަރު ރާއްޖޭގެ ބައެއް ނޫސްތަކުގައި ތަކުރާރުކޮށް ޝާޢިއުކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.
ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ހިންގުން އަންނަ އަހަރު ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ އަރިހުގައި ވަނީ އެދިވަޑައިގެންފައެވެ. ރައީސް ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުއްވެވި މެސެޖުގައި ވަނީ، އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. އަދި ރައީސްއާއި އެކަމުގައި މަޝްވަރާކުރައްވަން ބޭނުންފުޅުވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝިދުގެ އެ މެސެޖާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ރައީސް ނަޝިދުގެ މެސެޖު ލިބިވަޑައިގެންފައިވާކަމަށާއި، މިހާރު ޢަމަލަުކުރެވެމުންދާ ވެރިކަމުގެ ނިޒާމަކީ ސީދާ ރައްޔިތުންގެ ވޯޓަުން ޢަމަލުކުރުމަށް ނިންމާފައިވާ ނިޒާމަކަށްވާތީ، މިކަމަށް ބަދަލެއް ގެނެވޭނީ ޢާންމު ރައްޔިތުންގެ ވޯޓަކުންކަމަށެވެ.
ކޮމެންޓު ފޮނުވާ