މި ސަރުކާރަކީ ޒުވާނުންގެ ކުރިމަގަށް ހޮޅިލާ ބިންދާލި ރާޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު (ހަސަނާ) ވިދާޅުވެއްޖެއެވެ.
ދިވެހި ޒުވާނުންނަކީ އުފެއްދުންތެރި މަސައްކަތްތެރި ބަޔަކަށް ހެދުމަށް މީގެ ކުރިން ދުވަހަކުވެސް މަސައްކަތް ކޮށްފައިނުވާ މިންވަރަށް މިސަރުކާރުން މަސައްކަތް ކޮށްފައިވާކަމަށް ނާއިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެ ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުން ހަަސަނާ ވިދާޅުވީ މިސަރުކާރު އައިފަހުން ޒުވާނުންގެ މުސްތަޤްބަލު އަނދިރިވެ ބަނަވެފައިވާކަމަށެވެ.
މިއަދު އެތައް ޒުވާނުންނެއް ވަޒީފާއެއްނެތި މަގުމަތި ވެފައިވާއިރު ވަޒީފާއެއް ލިބޭނެ ގޮތެއް ތަނަވަސް ކޮށްނުދެވި، ރަނގަޅު މުޖުތަމައެއް ބިނާކުރުމަށްވެސް މިސަރުކާރު ނުކުޅެދިފައިވާކަމަށް އޭނާ ވިދާޅުޅުވިއެވެ. ޒުވާނުންނާއި މިހާދުރު، ބީރައްޓެހި ސަރުކާރެއް އޮވެގެން ދުވަހަކުވެސް ޒުވާނުންގެ މުސްތަޤުބަލު އުޖާލާ ނުވާނެކަށާއި، ޒުވާނުންނަށް ޤައުމުގެ ކަންކަމުގައި ބަސްކިޔައި ފުރުސަތު ލިބޭނީ މި ސަރުކާރު ނިމުމުންކަމަށް ހަސަނާ ވިދާޅުވިއެވެ.
މި ސަރުކާރަކީ ޒުވާނުންގެ ކުރިމަގަށް ހޮޅިލާ ބިންދާލި ރާޅެއް! އަދި މި ސަރުކާރު އައިފަހުން ޒުވާނުން މިވަނީ މާޔޫސީ އޮއިވަރުގައި ގޮތް ހުސްވެ މަގުމަތި ވެފަ. މީތޯ ތި ވިދާޅުވާ އުފެއްދުންތެރި ކަމަކީ؟ މި ސަރުކާރު ދެމި އޮވެގެން ދުވަހަކުވެސް ޒުވާނުންގެ ކުރިމަގު އާރާސްތު ނުކުރެވޭނެ.
– ހަސަން މުފީދު
އިމާމު ސެޓިފިކެޓް އަދި ޑިޕްލޮމާ ކޯސް ފެށުމަށް އިސްލާމީ މަރުކަޒުގައި ޞޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ މިސަރުކާރުގެ ސިޔާސަތަކީ އެމީހަކު މަސައްކަތްކުރަން ޚިޔާރުކުރާ އަދި އެމީހަކު ބޭނުންވާ ކޮންމެ ދާއިރާއަކުން އެމީހަކަށް ކުރއިަށްދެވޭނެ މަގު ފަހިކޮށްދިނުންކަމަށެވެ. އަދި ދިވެހި ޒުވާނުންނަކީ މަސައްކަތްތެރި، އުފެއްދުންތެރި އަދި ޤައުމަށް ބޭނުންތެރި، އަމިއްލަ ދިރިއުޅުމެއް ބިނާކޮށް އެހެން މީހުންނަށް ބަރޯސާވުން ކުޑަ ދިރިއުޅުމެއް އުލޭވޭ ބަޔަކަށް ހެދުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ނައިބް ރައީސް ވަނީ ވިދާޅުވެފައެވެ.
ޒުވާނުންގެ ދުވަހާއި ގުޅިގެން އިދިކޮޅުގެ ބޮޑެތި ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެންމެބޮޑު އެއްސަބަބަކީ ހެލްތް މިނިސްޓަރަކަށް އުމުރުން ދޮށީ ބޭފުޅަކު އައްޔަން ކުރުމުންނެވެ. އިދިކޮޅުން ބުނެފައިވަނީ މި ނަސީމު އައްޔަން ކުރުމާއިއެކު ޒުވާނުންނަށް ޖާގަ ނެތްކަން ހާމަވެފައިވާކަމަށެވެ. އަދި މިއީ ޒުވާން ތައުލީމީ ބޭފުޅުންނަށް ކުރި ފުރައްސާރައެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ