6 މޭގެ ބޮމުގެ ހާދިސާގައި ރައީސް މުޙައްމަދު ނަޝީދު އަށް ލިބިވަޑައިގެންފައިވާ ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތަށް ވަޑައިގަންނަވައިފިއެވެ.
ރައީސް ނަޝީދުގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖްލިސްގެ ރައީސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް 6 މޭގައި މަޖީދީމަގުގައި ދެވުނު ބޮމުގެ ހަމަލާގެ ޝިކާރައަކަށްވެ މުޅިހަށިކޮޅު އެކީގައި ވަނީ ޒަޚަމްވެފައިކަމަށެވެ. އަދި އިތުރު ފަރުވާއަށް ވަޑައިގެންނެވި ޖަރުމަންވިލާތުގެ ބަރލިން ބުންޑެސްވެއަރ ހޮސްޕިޓަލްގެ ޕްރޮފެސަރ ޑރ.ސީ.ވިލީ އާއި ޑޮކްޓަރުންނާއި އެހީތެރިންގެ ނުހަނު އޯގާތެރި ކަމާއި އެކުގައި ފަރުވާ ލިބިވަޑައިގެންފައިވާކަމަށެވެ.
ޖަރުމަންގެ ބުންޑެސްވެއަރ ހޮސްޕިޓަލް އާއި ޑޮކްޓަރުންނާއި އެހީތެރިންނަށް ނަޝީދުގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ. ޖަރުމަނުވިލާތުގެ ޑޮކްޓަރުން ރިފަރ ކުރައްވައިގެން އިތުރު ފަރުވާ ހޯއްދެވުމަށް މިއަދު މަޖްލިސްގެ ރައީސް އިގިރޭސި ވިލާތަށް ވަޑައިގަންނަވާނެކަމަށް އެއޮފީހުން ބުނެއެވެ.
މޭ މަހުގެ 6 ވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީ ކޮޅަށް ހިންގަވާފައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންފައެވެ. މިއަނިޔާތަކާއި ގުޅިގެން 16 ގަޑިއިރުގެ ނުރައްކާތެރި އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލުގައި ވަނީކޮށްފައެވެ.
އަދި އެމަނިކުފާނުވަނީ ޖަރުމަންވިލާތުގެ ހޮސްޕިޓަލަކުންވެސް އިތުރު ފަރުވާ ހޯއްދަވާފައެވެ.
ކޮމެންޓު ފޮނުވާ