ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރުމުގައި ނުފޫޒު ނުފޯރުވުމަށް ގޮވާލައިފި

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރުމުގައި ނުފޫޒު ނުފޯރުވުމަށް ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
02 ޖުލައި 2021 10:15
0

ކައުންސިލްތަކުގެ ސެކެޓްރީ ޖެނެރަލުން ޢައްޔަން ކުރުމުގައި ސިވިލް ސަރވިސް ކޮމިޝަނަށް ނުފޫޒު ނުފޯރުވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.

ކައުންސިލް އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް ކުރިމަތިލުމަށް ސިވިސް ސަރވިސް ކޮމިޝަނުން ހުޅުވާލައިފައިވަނީ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ. ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލުތައް ހިމެނޭހެން ޖުމްލަ 200 ކައުންސިލް އިދާރާއަކަށް ސެކްރެޓަރީ ޖެނެރަލުން ނެގުމަށް އެ ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ ކަމަށްވާ ސެކެޓްރީ ޖެނެރަލުން ޢައްޔަން ކުރުމަށްޓަކައި ކުރި އިއުލާނުގެ މުއްދަތު މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާއިރު، މިސަރުކާރުން ބޭނުންވާ ބައެއް ފަރާތްތަކަށް ގުޅާ އިތުރު ފުރުސަތު ދެމުންދާ ކަމުގެ ޝަކުވާތައް އެކޯލިޝަނަށް ލިބެމުންދާކަމަށެވެ.

މިއީ ކަނޑައެޅިގެން ކޮރަޕްޝަންގެ ޢަމަލެއްކަން ފާހަގަކޮށް މިކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ. ކައުންސިލްތަކުގެ ހިންގުމުގެ އިދާރީ ވެރިން ޢައްޔަންކުރަންވާނީ އިންސާފުވެރި ކަމާއެކު ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިންނެވެ. ސަރުކާރުން ބޭނުންވާ ބަޔަކު ޢައްޔަންކުރުމަށާއި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ސެކެޓްރީ ޖެނެރަލުން ޢައްޔަން ކުރުމުގެ ކަންކަން ކުރިއަށް ނުގެންދިއުމަށް ސިވިލް ސަރވިސް ކޮމިޝަނަށްވެސް އެކޯލިޝަނުން ވަނީ ގޮވާލާފައެވެ.

އަދި  ސުންގަޑި ހަމަވުމަށްފަހު އިތުރު ފަރާތްތަކަށް ހުޅުވާލާނަމަ އެކަންކުރަންވާނީ ހާމަކަންބޮޑުގޮތެއްގައި އެކަން އިއުލާން ކުރެވިގެން ކަމުގައިވެސް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލެވޭނީ ބެޗެލަރސް ޑިގްރީއެއް އޮތުމާއެކު މަޤާމުގެ މަސައްކަތާގުޅޭ 8 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ. ނުވަތަ މާސްޓަރސް ޑިގްރީއެއް އޮތުމާއެކު މަޤާމުގެ މަސައްކަތާގުޅޭ 6 އަހަރު ދުވަހުގެ ތަޖުރިބާއާއެކުވެސް މި މަޤާމަށް ކުރިމަތިލެވޭނެކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ. ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް 20500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި 15000 ރުފިޔާއާއެކު ޖުމްލަ 35500 ރުފިޔާ ލިބޭނެއެވެ. އަދި އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް 12130 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި 8870 ރުފިޔާއާއެކު ޖުމްލަ 21000 ރުފިޔާ ލިބޭނެއެވެ. ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް މުސާރައަކީ 9300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި ދޭ 6800 ރުފިޔާއާއެކު ޖުމްލަ 16100 ރުފިޔާއެވެ.

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ފުރިހަމަވާންޖެހޭ ޝަރުތުތަކާއި، މަޤާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކާއި، މަޤާމަށް މީހަކު އައްޔަނުކުރުމުގައި އަމަލުކުރަންޖެހޭ އުޞޫލުތަކާއި މިންގަނޑުތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުގައި ވަނީ އާއްމުކުރައްވާފައެވެ. ރާއްޖޭގެ 178 ރަށު ކައުންސިލަކާއި، 18 އަތޮޅު ކައުންސިލެއްގެ އިތުރުން 4 ސިޓީ ކައުންސިލް ހިމެނޭހެން މި މަޤާމަށް ޖުމްލަ 200 މުވައްޒަފުން ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 28 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ކޯވިޑްގެ ޙާލަތާއިގުޅިގެން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ އޮންލައިންކޮށެވެ. އެގޮތުން ސީ.އެސް ވިއުގަ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެކަމަށާއި، އެނޫންގޮތަކަށް މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.