އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް 3 މިލިއަން ޑޮލަރުގެ ޓާސްކެއް ދިން މައްސަލަ މާރިޔާއާއި ހިއްސާކުރިކަން އެމްޑީޕީގެ "މެއި 6″ ކޮމެޓީން ކުރި މަސައްކަތުން އެނގިފައިވާކަމަށް އެކޮމިޓީން ބުނެފިއެވެ.
ރައީސް ނަޝީދަށް ދެވުނު ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ކޮންމެ ހަފްތާއާކު އެއްފަހަރު ބާއްވަމުންދާ ޤައުމީ މަަޖިލީހުގެ ބައްދަލުވުންތަކުގެ ތެރެއިން ރޭގެ ބައްދަލުވުމުގައި ކޮމެޓީގެ މުޤައްރިރު ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައުލޫމާތު ސާފުކުރުމަށް މެމްބަރު އިލްޔާސް ލަބީބާ ބައްދަލު ކުރެއްވި ކަމަށެވެ. ޢަފީފު ވިދާޅުވީ، މެއި 3 ވަނަ ދުވަހުގެރޭ އިލްޔާސް ލަބީބަށް މީހަކު ގުޅައި ވަރަށް މުހިއްމު ކަމަށް ބުނެ ބައްދަލުކުރަން އެދުނު ކަމަށާއި، އެމީހާއާ ބައްދަލު ކުރުމުން، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް 3 މިލިއަން ޑޮލަރުގެ ޓާސްކެއް ބަޔަކާ ހަވާލުކޮށްފައިވާ ކަމުގެ މައުލޫމާތު އެމީހާ އިލްޔާސަށް ދިން ކަމަށެވެ. އަދި އޭރު ކުރިއަށްދަނީ އެޑްވާންސް ޕޭމެންޓްގެ ކަންކަން ކަމަށް އެމީހާ އިލްޔާސަށް މައުލޫމާތު ދިން ކަމަށެވެ.
ހަމަ އެރޭ ރައީސް ނަޝީދާ ބައްދަލުކޮށް އެ މައުލޫމާތު ހިއްސާ ކުރުމުން، ޑިފެންސް މިނިސްޓަރަށް ގުޅުއްވުމަށް ވިދާާޅުވި ކަމަށެވެ. އެރޭ ޑިފެންސް މިނިސްޓަރ މާރިއާ އަޙުމަދު ދީދީއަށް ގުޅުއްވި ކަމަށާއި، އެރޭ އެކަމަނާ ފޯނަށް ޖަވާބު ނުދެއްވާ ކަމަށް އިލްޔާސް ވިދާޅުވި ކަމަށެވެ. ޖެހިގެން އައި މެއި 4ވަނަ ދުވަހު ހެނދުނު މިނިސްޓަރ އިލްޔާސަށް ގުޅުއްވި ކަމަށާއި، އެވަގުތު އެ ވާހަކަ ހިއްސާ ކުރެއްވި ކަމަށެވެ.
އިލްޔާސް އަރިހު ނަޝީދުގެ ސެކިއުރިޓީ ހުރީ އެންމެ މަތީ ލެވެލްގައި ކަމަށް މާރިޔާ ވިދާޅުވި ކަމަށް ވެސް އަފީފް ވިދާޅުވިއެވެ.
ނަޝީދު އަވަހާރަކޮށްލަން މެއި މަހުގެ 06 ވަނަ ދުވަހު ދިން ހަމަލާ އާއި ގުޅިގެން މިހާތަނަށް އަށް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. މީގެތެރެއިން ފަސް މީހެއްގެ މައުލޫމާތު ފުލުހުން ވަނީ އާއްމު ކޮށްފައެވެ. ނަމަވެސް މީގެތެރެއިން އެއްވެސް މީހަކީ މިހަމަލާ ދިނުމަށް ފަންޑް ކުރުމުގައި ބައިވެރިވި މީހެއްކަން އަދި ފުލުހުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
މިދިޔަ މެއި މަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީ ކޮޅަށް ހިންގަވާފައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންފައެވެ.
މިއަނިޔާތަކާއި ގުޅިގެން 16 ގަޑިއިރުގެ ނުރައްކާތެރި އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލުގައި ވަނީކޮށްފައެވެ. އަދި އެމަނިކުފާނު މިހާރުގެންދަވަނީ ޖަރުމަންވިލާތުގެ ހޮސްޕިޓަލަކުންވެސް އިތުރު ފަރުވާ ހޯއްދަވަމުންނެވެ.
ކޮމެންޓު ފޮނުވާ