އަންނަ ހަފްތާގައި މެމްބަރުން މަޖިލީހަށް ހާޒިރުވެ، ޖަލްސާތައް ބާއްވަނީ

އަންނަ ހަފްތާގައި މެމްބަރުން މަޖިލީހަށް ހާޒިރުވެ، ޖަލްސާތައް ބާއްވަނީ

Author
މުޙައްމަދު ޝަޒައިމް
30 ޖޫން 2021 12:32
0

ކޯވިޑް-19 އާއި ގުޅިގެން އޮންލައިންކޮށް ބާއްވަމުންދިޔަ މަޖިލީހުގެ ޖަލްސާތައް އަންނަ ހަފްތާއިން ފެށިގެން މަޖިލިސްއަށް މެމްބަރުން ހާޒިރުވެ ބޭއްވުމަށް މަސައްކަތް ކުރައްވަމުންދާކަމަށް މަޖިލިސް ނާއިބް ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އީވާ ވިދާޅުވީ މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް މަދުވުމާ ގުޅިގެން ސަރުކާރުން އަންގާރަ ދުވަހު ލުއިތަކެއް ދީފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ވެސް މެންބަރުން ހާޒިރު ވެގެން ބާއްވާ ގޮތަށް ހަމަޖެއްސުމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އަދި ކުރިއަށް އޮތް ހަފްތާގައި އެގޮތަށް ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އީވާ ވިދާޅުވީ މެންބަރުން ހާޒިރުވެގެން ޖަލްސާ ބޭއްވި ނަމަވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން ކަނޑައަޅާފައިވާ ގަވާއިދުތަކާ އުސޫލުތަކަށް އަމަލުކުރަމުން ދާނެ ކަމަށެވެ. އެގޮތުން މާސްކު އެޅުމާއި އިޖުތިމާއީ ގައިދުރުކަން ބަހައްޓާނެ ކަމަށް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ހާލަތު ގޯސްވެ މަޖިލީހުގެ ޖަލްސާތައް މިފަހުން އޮންލައިންކޮށް ބާއްވަން ނިންމާފައިވަނީ މެއި މަހުގެ 24 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.