ކަންކަން ނުކުރެވޭ، ނާޤާބިލް މީހުން މަޤާމުތަކަށް އިންތިޚާބު ކޮށްގެންނުވާނެ: ރޮޒޭނާ

ކަންކަން ނުކުރެވޭ، ނާޤާބިލް މީހުން މަޤާމުތަކަށް އިންތިޚާބު ކޮށްގެންނުވާނެ: ރޮޒޭނާ

Author
މުޙައްމަދު ޝަޒައިމް
30 ޖޫން 2021 11:27
0

ކަންކަން ނުކުރޭ، ނާޤާބިލް މީހުން މަޤާމުތަކަށް އިންތިޚާބުކޮށް އައްޔަން ކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅިފައިވާ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކަށް ތާއީދު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރޮޒޭނާ ވިދާޅުވީ ޤާނޫނު ހަދަންޖެހެނީ ވަށައިގެން ހުންނަ ކަންކަމަށް ބަލައި، ޤައުމުގެ ސަލާމާތާއި ރައްކާތެރިކަމަށް ކަމުގައެވެ. ކަންކަން ނުކުރެވޭ މީހުން މަޤާމުތަކަށް ނުލުމާއި، މަޤާމުތަކަށް އިންތިޚާބު ނުކުރުމަކީ މިއަދު ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭކަމެއްކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

މާޒީގައި ކަންކަން ވެގެންދިޔަ ގޮތަށް ވެރިޔަކަށް ހުންނަ މީހާގެ އޯޑަރަށް މީހުން ހިފައި ހައްޔަރުކޮށް، މީހުންނަށް ޤާނޫނުން ބޭރުން އަދަބުދީ ހަދާ ވެރިން އިންތިޚާބު ކޮށްގެން ނުވާނެކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

މިއަދުގެ ޤައުމުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކަކީ އެހާލަތަކާއި ބަލައި ހުށަހެޅޭ އިސްލާހުތަކަކަށްވާއިރު، މިކަން ތަންފީޒުކުރަން ތިބޭ މީހުންނަކީ މިކަން ކުރެވޭ ޤާބިލް މީހުންނަށް ވާންޖެހޭކަމަށް ރޮޒޭނާ ވިދާޅުވިއެވެ. ފުލުހުންނާއި ސިފައިންނަށްވެސް ޤާނޫނުތަކުގެ ތެރެއިން ބޮޑެތި ބާރުތަކާއި އިހުތިޔާރުތައްދޭއިރު، ވިސްނާލަންޖެހޭ ކަމަކީ ރާއްޖޭގައި ހުރި މައްސަލަތައް ހައްލު ކުރުމަށް އެބޭފުޅުންނަށް މަސައްކަތް ކުރެވޭތޯކަމަށެވެ.

ޤާނޫނުތައް ހަދާއިރު، ވަކި މީހަކަށް ބަލައިގެން، ނުވަތަ ވެރިއަކަށް ބަލައިގެން ޤާނޫނުތައް ހަދާނަމަ އޭގެ ނަތީޖާ ރަނގަޅު ނުވާނެކަމަށް މާޒީން އެގިފައިވާކަމަށް ރޮޒޭނާ ވިދާޅުވިއެވެ. ރޮޒޭނާ ވަނީ ހުށަހެޅިފައިވާ އިސްލާހުތަކަށް ތާއީދުކޮށް، ކޮމެޓީ މަރުހަލާގައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަށް ގެނައުމަށް ދަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.