މަހުލޫފްގެ މައްސަލާގައި އަންނަ ހަފްތާގައި ގޮތެއް ނިންމަނީ

މަހުލޫފްގެ މައްސަލާގައި އަންނަ ހަފްތާގައި ގޮތެއް ނިންމަނީ

Author
މުޙައްމަދު ޝަޒައިމް
29 ޖޫން 2021 12:46
0

އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚުލޫފު މައްޗަށް ދައުވާ ކުރުމަށް އޭސީސީން ފޮނުވި މައްސަލާގައި ޕީޖީން އެދުނު ކަންކަން އިސްލާހުކޮށް، ދައުވާކޮށް ދިނުމަށް ފޮނުވި މައްސަލާގައި އަންނަ ހަފްތާގައި ގޮތެއް ނިންމާނެކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

މިމައްސަލާގައި ވީހާވެސް އަވަހަށް ގޮތެއް ނިންނުމަށް މަހުލޫފްވެސް ވަނީ އެދިފައެވެ. މައްސަލާގައި އެންމެ ފުރަތަމަ އޭސީސީން ފޮނުވި ލިޔުންތައް އިސްލާހު ކުރުމަށް ޕީޖީން އޭސީސީގައި އެދުމުން އޭސީސީން ވަނީ އެމަސައްކަތް ކުރުމަށްފަހު ޕީޖީ އޮފީހަށް އަލުން ފޮނުވާފައެވެ. އަދި މިހާރު މިމައްސަލާގައި ފޮނުވި ލިޔުންތައް ދިރާސާކޮށް އަންނަ ހަފްތާގައި ގޮތެއް ނިންނޭނެކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މިނިސްޓަރު މަހްލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ދެފަހަރެއްގެ މަތިން ޕީޖީ އޮފީހުގައި ވަނީ އެދިފަ އެވެ. ނަމަވެސް އިދާރީ ބައެއް ކަންކަން ހުރުމުން ޕީޖީ އޮފީހުން ވަނީ އެކަންކަން ރަނގަޅު ކުރުމަށް އެ ކޮމިޝަންގައި ދެ ފަހަރު ވެސް އެދިފައެވެ. އެދުނު ކަންކަން ރަގަޅު ކުރުމަށްފަހު އޭސީސީ އިން އަނބުރާ މައްސަލަ ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ އާދީއްތަ ދުވަހުއެވެ.

މަހުލޫފްވަނީ މިމައްސަލާގައި އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާއަށް ހޫނު ރައްދެއްވެސް ދެއްވާފައެވެ. މަހުކޫފްވިދާޅުވީ އޭނާއަކީ އޭސީސީގެ ރައީސާ ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫންކަމަށެވެ. މައްސަލަތައް އެތައް ދުވަހު ބެލުމަށްފަހު ފުރިހަމަ ނުކޮށް، ދައުވާ ކުރަން ފޮނުވުމަކީ އަމިއްލަ މީހާގެ ނާގާބިލް ކަމުގެ ސަބަބުން ދިމާވާ ކަންތައްކަމަށާއި، މިކަން މިގޮތަށް ކުރުމަށްވުރެއް އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވުން މާ ރަނގަޅުވާނެކަމަށް މަހުލޫފް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އެތައް ބަޔަކަށް ލިބުނުކަމަށް ބުނެފައިވާއިރު، މިނިސްޓަރ މަހުލޫފްގެ މައްސަލަ ވަރަށް އިސްކަން ދެއްވައިގެން ބަލާކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. މިމައްސަލައަކީ ސިޔާސީ ކުލަޖެހިފައިވާ ވަކި މަޤްސަދެއްގައި އަވަސް އަރުވާލައިގެން ބަލަމުންދާ މައްސަލައެއްކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.