މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އިސްލާމިކް މިނިސްޓްރީއިން މަޝްވަރާކުރަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކޯވިޑްގެ ހާލަތު މާލޭ ސަރަހައްދުގައި ގޯސްވުމުން މިސްކިތްތަކުގެ ޖަމާޢަތް ހުއްޓާލަން ނިންމާފައިވާ ނިންމުން ނިމުމަކަށް ގެނެސް މިސްކިތްތައް ހުޅުވާލައި ޖަމާއަތުގައި ނަމާދުކުރަން ހުއްދަ ދޭން މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް އެގޮތަށް ހުއްދަދެވޭނެ ސީދާ ދުވަހެއް ހާމައެއް ނުކުރެއެވެ.
އޭޕްރިލް މަހާއި މެއި މަހު މާލެ ސަރަހައްދުގައި ކޯވިޑް ކޭސްތައް އިންތިހާއަށް އިތުރުވުމާއި ގުޅިގެން މޭ މަހުގެ 26 ވަނަ ދުވަހު ވަރުގަދަކުރި ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކޮށް ޖަމާޢަތުގައި ނަމާދުކުރުން ވަނީ ހުއްޓާލާފައެވެ. އެހެންނަމަވެސް އޭގެ ފަހުން ކޯވިޑްގެ ހާލަތު ރަނގަޅުވާން ފެށުމުން ބައެއް މިސްކިތްތަކުގައި ވަކި ވަކިން ނަމާދުކުރެވޭނެގޮތަށް ލުއިތަކެއް ވަނީ ދީފަ އެވެ.
ކޯވިޑް ކޭސްތަކުގެ އަދަދުތަށް އިތުރުވާ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ ފިޔަވަޅު އަޅައި ބަންދުކުރާތަނަކަށް މިސްކިތްތައް ހެދުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ރާއްޖޭގެ ގިނަ ދީ އިލްމުވެރިން ގެންދަނީ ބުނަމުންނެވެ.
ކޯވިޑް ކޮންޓްރޯލްކުރުމަށް މާލޭ ސަރަހައްދުގައި ހަރުކަށިކޮށްފައިވާ ފިޔަވަޅުތަކާއެކު ބަލިޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ދަށްވެފައި ވާކަން ފާހަގަކޮށްލެވެއެވެ. ހަމަ އެއާއެކު ކަމާބެހޭ ފަރާތްތަކުން އަންނަނީ ލަސްލަހުން އެކިއެކި ލުއިތައް ދެމުންނެވެ.