އިތުރު ކާމިޔާބާއި ކުރިއެރުމަށް، ޕާޓީއަށް އޮތް އިތުބާރު ނަގަހަށްޓައި ދަމަހައްޓަން ޖެހޭ: އީވާ

އިތުރު ކާމިޔާބާއި ކުރިއެރުމަށް، ޕާޓީއަށް އޮތް އިތުބާރު ނަގަހަށްޓައި ދަމަހައްޓަން ޖެހޭ: އީވާ

Author
މުޙައްމަދު ޝަޒައިމް
26 ޖޫން 2021 11:43
0

އެމްޑީޕީއަށް އިތުރު ކާމިޔާބާއި ކުރިއެރުން ލިބޭނީ ޕާޓީއާއިމެދު އޮތް އިތުބާރު ނަގަހައްތައި ދަމަހައްޓައިގެން ކަމުގައި އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރު، މަޖިލިސް ނާއިބް ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން އީވާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމްޑީޕީގެ މާޒީވި ދުވަސްތަކުގައި ވަރަށް ފޮނި އަދި އެހާމެ ހިތާމަވެރި ދުވަސްތައްވެސް ކަަޑައްތު ކޮށްފައިވާކަމަށެވެ. ކޮންމެ ކާމިޔާބީއެއްގައިވެސް އެމްޑީޕީ ފެނިގެން ގޮސްފައިވަނީ ހިތްތިރިކޮށް ނާކާމިޔާބީގައި ހިތްވަރު ކުރާތްނަކަމުގައި އީވާ ވިދާޅުވިއެވެ.

މި ޕާޓީ ފުރާވަރަށް އެޅިއިރު ހާސިލުކޮށްފައިވާ ގިނަގުނަ ކާމިޔާބީތަކާއި ކުރި ހިތި އަދި ފޮނި ތަޖުރިބާތަކާއި މެމްބަރުން ދައްކަމުން އައި ހިތްވަރު އާދަޔާޚިލާފު. އިތުރު ކާމިޔާބާއި ކުރިއެރުމަށް، މިޕާޓީއަށް އޮތް އިތުބާރު ނަގަހަށްޓައި ދަމަހައްޓަން ޖެހޭ.

– އީވާ ވިދާޅުވިއެވެ.

އީވާގެ ޓްވީޓުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ޕާޓީގެ އާންމު މެމްބަރުން ދައްކުވައިދޭ ފޮޓޯތަކެއް ހިއްސާ ކުރެއްވިއިރު، ރައީސް ޞާލިހު ފެންނަ އެއްވެސް ފޮޓޯއެއް ހިއްސާ ކުރައްވާފައި ނުވެއެވެ. ރައީސް ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށްފަހު ރައީސް ޞާލިހުއާއި، ރައީސް ނަޝީދުގެ ގުޅުންވަނީ ވަރަށް ބޮޑަށް ހީނަރުވެފައިކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް އެޕާޓީގެ ޤައުމީ މަޖިލީހުގައި ވަނީ މަޝްވަރާކޮށްފައެވެ.

ޕާޓީގެ ޗެއަރޕާސަން ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހާއްސަ ހަރަކާތެއް މާދަމާ ރޭ އޮންނާނެކަމަށެވެ. އަދި އަހަރީ ދުވަހާއި ގުޅުވައިގެން ހިންގާ ހަރަކާތްތައް އަންނަ މަހުގެ 24 ވަނަދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާކަމަށްވެސް ޗެއަރޕާސަން ވިދާޅުވިއެވެ.

މީގެއިތުރުން "ގްރާސް ރޫޓް އަޑު" ގެ ނަމުގައި ފޯން ކޯލްގެ ޒަރިއްޔާއިން ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި އެމްޑީޕީގެ އާންމު މެންބަރުންގެ އަޑާއި އެ މެންބަރުން އެކި ކަންކަމުގައި ދެކޭ ގޮތުގެ ޝުޢޫރު ފާޅު ކުރުމުގެ ހަރަކާތެއް ތިން ދުވަހަށް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާކަންވެސް ޗެއަރޕާސަން ހަސަން ލަތީފު ވަނީ ވިދާޅުވެފައެވެ. އަދި ޖުލައި މަހު ފަހުކޮޅު ބާއްވާ ހަރަކާތްތަކުގައި ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވަޑައިގަންނަވާނެކަން ހަސަން ލަތީފު ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.