އަލީ ވަހީދުގެ މައްސަލަ އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި ނިންމުން އިސްތިއުނާފްކޮށްފި

އަލީ ވަހީދުގެ މައްސަލަ އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި ނިންމުން އިސްތިއުނާފްކޮށްފި

Author
މުޙައްމަދު ޝަޒައިމް
26 ޖޫން 2021 11:26
0

ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި ނިންމުން އިސްތިއުނާފްކޮށްފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ އަލީ ވަހީދު ކޯޓުގެ އިހްތިސާސް ނެތް ތަނެއްގައި ހުއްޓާ، އޮންލައިންކޮށް ޝަރީއަތް ހިންގަވަން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވި ނިންމެވުމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާކަމަށެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އަލީ ވަހީދުގެ ޝަރީޢަތުގައި އޮންލައިންކޮށް ބައިވެރިވާން އޭނާ އެދުމުން ކޯޓުން ވަނީ އެފުރުސަތު އަލީ ވަހީދަށް ދެއްވާފައެވެ. ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަނީ އެ ނިންމުން ބަލައި ނުގަނަވޭނަކަމަށް ވިދާޅުވެ، އެ ނިންމުން އިސްތިއުނާފް ކުރައްވާނެކަމަށް އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވިދާޅުވެފައެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި ނިންމުން އިސްތިއުނާފްކޮށްފައިވާއިރު، އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ފުލުހުން މެދުވެރިކޮށް ކޯޓުގައި ޕީޖީ އޮފީހުން ވަނީ ދެވަނަ ފަހަރަށް އެދިފައެވެ.

ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމަށްފަހު، އަމުރު މުރާޖައާ ކުރަން ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި އަލީ ވަހީދުގެ ފަރާތުންވަނީ އޭނާގެ ސިއްހީ ހާލަތު ބަޔާން ކޮށްދިނުމަށް ޑޮކްޓަރަކު ހާޒިރުކޮށްފައެވެ. ޑޮކްޓަރުވަނީ ޢަލީ ވަޙީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާކަމަށް ވިދާޅުވެފައެވެ. ޢަލީ ވަހީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާތީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަންޖެހޭކަމަށް ވިދާޅުވެ ޑރ.ޔޫސުފް ޝާން ދެއްވި ހެކިބަހުގެ މައްޗަށް ރިޢާޔަތްކުރައްވާ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު ޢަމުރު ޝަރީޢަތުން ވަނީ ބާޠިލްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ. އަދި އެ މައްސަލަތަކުގެ އަޑުއެހުންތައްވެސް ވަނީ ފަށާފައެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އަމިއްލަ ފުޅަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ޢަލީ ވަޙީދު ހުންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.