ޢިލްމުވެރިންގެ ވާޖިބަށް ހުރަސް އެޅިގެން ނުވާނެ: ޝައިޚު އަލީ ޒާހިރު

ޢިލްމުވެރިންގެ ވާޖިބަށް ހުރަސް އެޅިގެން ނުވާނެ: ޝައިޚު އަލީ ޒާހިރު

Author
މުޙައްމަދު ޝަޒައިމް
26 ޖޫން 2021 10:17
0

އިޚްލާސްތެރި ޢިލްމުވެރިންގެ ވާޖިބަށް ހުރަސް އެޅިގެން ނުވާނެ ކަމުގައި ޝެއިހް އަލީ ޒާހިރު ބިން ސައީދު ގާސިމް ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖްލީހުގެ މެމްބަރު އައްޝައިޚް މުޖްތަބާ ޙަމީދު މަޖިލިސް މެމްބަރުންނަށް ނަސޭހަތްތެރިވެ ކުރެއްވި ޓްވީޓަކާއި ގުޅިގެން ފުލުސް އޮފީހަށް ހާޒިރުކުރުމުގެ މައްސަލާގައި ސަލަފަށް ނިސްބަތްވާ އިލްމުވެރިން ދަނީ މިކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ޝައިޚު އަލީ ޒާހިރު ވިދާޅުވީ ދީނީ ގޮތުން ކަންކަމުގައި އޮންނަ ރަނގަޅު ގޮތް ރައްޔިތުންނާއި ހަމައަށް ގެނެސްދީ ބުނެދި ހެދުމަކީ ދީނީ އިލްމުވެރިން ކުރަންޖެހޭ ކަމެއްކަމަށެވެ. ހެޔޮލަފާ ނަސޭހަތްދީ، ކަންކަން ސާފުކޮށް ދިނުމުން އެކަމުގައި އަދަބުދީ ބިރު ދެއްކުމަކީ އޮތްކަމެއް ނޫންކަމަށް ޝައިޚު ވިދާޅުވިއެވެ.

ދީނީ ގޮތުން ޤައުމަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ޤަބޫލު ކުރެވޭނަމަ އެކަމާ މެދު ވާހަކަ ދައްކާ ނަސޭޙަތް ތެރިވެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަަށް އެކަމެއް ގެންނަަން އެންމެ އެކަށީގެންވާ ބަޔަކީ ޢިލްމުވެރިން. އިޚްލާސްތެރި ޢިލްމުވެރިންގެ ވާޖިބަށް ހުރަސް އެޅިގެން ނުވާނެ.

– ޝައިޚު އަލީ ޒާހިރު ވިދާޅުވިއެވެ.

ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖްލީހުގެ މެމްބަރު އައްޝައިޚް މުޖްތަބާ ޙަމީދު ފުލުސް އޮފީހަށް ހާޒިރުކޮށް ބިރު ދެއްކި ކަމުގައި ވީނަމަވެސް “ނަފްރަތު” ބިލާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ކުޑަކޮށްވެސް ފަހަތަށް ޖެހުމެއް ނެތްކަމުގައި ޖަމްއިއްޔަތުއް ސަލަފުންވެސް ވަނީ ބުނެފައެވެ.

މަޖިލީހުގެ މެމްބަރުންނޭވެ! ތިޔަބޭފުޅުންގެ ކުރިމައްޗަށް ހުށަހެޅޭ ބިލަކީ އިސްލާމްދީނާއި އެދީނުގެ ހަމަތަކަށް ގޮންޖެހުން ކުރިމަތިކުރުވާ ފަދަ ބިލެއް ނަމަ އެފަދަ ބިލަކަށް ވޯޓުދީ ތާއިދު ކުރުމަކީ ތިޔަބޭފުޅުންގެ އިސްލާމްކަން ގެއްލިގެން ހިނގައިދާނެ ކަމެއްކަން ހަނދާން ކުރައްވާށެވެ.

– ޝައިޚު ކުރެއްވި ޓްވީޓު.

ސަލަފުން ބުނީ އެ ޓްވީޓަކީ ދީނީޢިލްމުވެރިއެއްގެ ޙައިޘިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދެއްވާފައިވާ ޢާއްމު ނަޞޭޙަތަކަށް ވީހިނދު، ދީނީޢިލްމުވެރިން ދައްކަވާ ވާހަކަފުޅުތަކާމެދު ނުތަނަވަސްކަމެއް އުފެދިއްޖެނަމަ، އެމީހަކާ އެންމެ ފުރަތަމަ ސުވާލުކުރަންޖެހޭ ފަރާތަކީ އިސްލާމިކް މިނިސްޓްރީ ކަމަށްވެފައި، އެމިނިސްޓްރީގެ އެއްވެސް އިޝާރާތެއް ނެތި، ފުލުސްއޮފީހަށް ޙާޒިރުކޮށް، މިކަމާ ސުވާލުކޮށް ބަޔާން ނެގުމަކީ ކަނޑައެޅިގެން ބިރުދެއްކުމުގެ ޢަމަލެއްކަމުގައި މެނުވީ މިޖަމްޢިއްޔާއިން ދޭކަމަށެވެ.

ދިވެހިރައްޔިތުންނަށާ، އަދި ނަފްރަތުގެ ބިލް ބަލައި ނުގަތުމަށް މިކުރަމުންދާ ކެމްޕޭންގައި ބައިވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ޖަމްޢިއްޔަތުއްސަލަފުން ޔަޤީންކަންވަނީ، ﷲ ނޫންފަރާތެއްގެ ބިރެއް ނުގަންނާނެކަމާއި، އިސްލާމްދީނަށް ގޮންޖެހުން ކުރިމަތިވެދާނެ ކޮންމެކަމަކާ، ކުރިމަތިލުމުގައި އެކަލާނގެ ވާގިފުޅާއެކު އަޅުގަނޑުމެން ސާބިތުވެތިބޭނެކަމެވެ.

އައްޝައިޚް މުޖްތަބާ ޙަމީދު ދެއްވާފައިވާ ނަޞޭޙަތަކީ ޢިލްމީގޮތުން ރަނގަޅު ނަޞޭޙަތެއްކަމުގައި ވީހިނދު، ޢާއްމުކޮށް ޢިލްމުވެރިޔަކު ދެއްވާ ހެޔޮ ނަޞޭޙަތަކީ މިގައުމުގައި ކުށްވެރިވެދާފަދަ ބަސްފުޅަކަށް ވާނަމަ، މިހާރު މިއޮތް ނަފުރަތުގެ ބިލު ފާސްވެއްޖެނަމަ، މުޅި އިސްލާމީދަޢުވަތަށް ގޮންޖެހުން ކުރިމަތިވެ، އިސްލާމްދީންވެސް ދިވެހިރާއްޖެއިން ފުހެވިގެން ހިނގައިދާނެކަމީ މިހާރު ދިވެހިރައްޔިތުންނަށް ޔަޤީންވާންޖެހޭނޭ ކަމެއްކަމަށް ސަލަފުން ވަނީ ބުނެފައެވެ.

އަދި އޭގެ އިތުރުން މިޢަމަލަކީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް ނިގުޅައިގަތުންކަމުގެ ޢަމަލެއްކަމުގައި ޖަމްޢިއްޔަތުއް ސަލަފުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.