އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް 18 އެއަރލައިނަކުން ދަތުރުކުރާނެ: ޑރ.މައުސޫމް

އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް 18 އެއަރލައިނަކުން ދަތުރުކުރާނެ: ޑރ.މައުސޫމް

Author
މުޙައްމަދު ޖިމީ
23 އޮކްޓޯބަރ 2020 08:48
0

އަންނަ ނޮވެމްބަރު މަސްނިމޭއިރު ރާއްޖެއަށް މަދުވެގެން 18 އެއަލައިނަކުން ދަތުރުކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އަށް ފަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއެކު މިހާރު ރާއްޖެއަށް ދަތުރުކުރަމުން އަންނަނީ 12 އެއަރލައިނަކުންނެވެ. އޭގެތެރޭގައި އެއީ އޭރޯފްލޮޓް، އެއަރ އިންޑިއާ، ބްރިޓިޝް އެއަރވޭސް، އެޑްލްވެއިސް، އެމިރޭޓްސް، އިއްތިހާދު އެއަރވޭސް، އިންޑިގޯ، ޤަތަރު އެއަރވޭސް، ސްޕައިސްޖެޓް، ސްރީލަންކަން އެއަރލައިން، ޓާކިޝް އެއަރލައިން އަދި ރާއްޖޭގެ ޤައުމީ އެއަރލައިން ހިމެނެއެވެ. މޯލްޑިވިއަނުންވެސް އަންނަނީ ބައިނަލްއަޤްވާމީ ދަތުރުތައް ބައެއް މަންޒިލްތަކަށް ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ ނޮވެމްބަރު މަހު ރާއްޖެއަށް ބައިނަލްއަޤްވާމީ 18 އެއަރލައިނަކުން ދަތުރުތައް ފަށާ، ދުނިޔެއާއި ރާއްޖެ ގުޅުވާލަދޭނެކަމަށެވެ. އޭގެތެރޭގައި ނޯޑްވިންޑް، އަޒުރު އެއަރ ރަޝިއާ، ގޯއެއަރ، ޗައިނާ ސަދަން އެއަރލައިން، ފްލައި ދުބާއީ، ގަލްފް އެއަރ، ލުފްތަންސާ އަދި އޮސްޓްރިއަން ހިމެނެއެވެ.

ރާއްޖެއަށް އަންނަ މަހު ދަތުރުފަށާ އެއަރލައިންތަކާއި މިމަހުގެ ފަހުކޮޅު ފަށާ ބައެއް އެއަލައިންތަކުން މިހާރު ވަނީ ޝެޑިއުލްކޮށްފައެވެ. ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއެކު ކުރިން ރާއްޖެއަށް ޝޭޑިއުލް ދަތުރުތައް ކުރަމުން އައި އެއަރލައިންތަކުން އަންނަނީ ދަތުރުތައް އަލުން ފަށަމުންނެވެ. އަދި ބައެއް ޤައުމުތަކުގެ ފަތުރުވެރިން ދަތުރުކުރުން އެންމެ ރައްކާތެރި މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމަނާފައިވެސް ވެއެވެ. އެގޮތުން އިނގިރޭސިވިލާތުން ދަތުރުކުރުން ރައްކާތެރި ޤައުމުތައް ނުވަތަ "ޓްރެވެލް ކޮރިޑޯ"ގެ ތެރެއަށް މިހާރު ރާއްޖެ ވަނީ އިތުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.