މިސްކިތްތަކުގެ ޙުރުމަތް ކެނޑުން ހުއްޓުވުމަށް މަޖިލީހަށް މައްސަލައެއް

މިސްކިތްތަކުގެ ޙުރުމަތް ކެނޑުން ހުއްޓުވުމަށް މަޖިލީހަށް މައްސަލައެއް

Author
ޢަލީ އާދަމް
23 ޖޫން 2021 08:19
0

މިސްކިތްތަކުގެ ޙުރުމަތް ދަމަހައްޓައި ބެލެހެއްޓުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށައަޅައިފި އެވެ.

މިސްކިތްތަކުގެ ޙުރުމަތް ކެނޑޭފަދަ އަމަލުތަށް މިދުވަސްވަރު އާންމުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް މިމައްސަލަ ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު ޢާދަމް ޝަރީފު ޢުމަރެވެ.

މަސްތުގެ ހާލަތުގައި މިސްކިތްތަކަށް ވަދެ ތިބި 15 މީހަކުން މިހާތަނަށް ފުލުހުން ހައްޔަރުކޮށްފައިވާއިރު، މާލޭގެ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި، މަސްތުގެ ހާލަތުގައިތިބެ ނިދައި ކައިބޮއި، މިސްކިތްތަކުގެ ޙުރުމަތް ކަނޑަމުންދާމީހުން އާންމު ރައްޔިތުންވެސް ނުކުމެ ހުއްޓުވައި ފުލުހުންނާއި ހަވާލުކޮށްފައި ވެއެވެ.

މީގެ އިތުރުން މިސްކިތުގައި ހަޑި ހުތުރުބަހުން ވާހަކަދައްކައި މާރާމާރީ ހިންގާ ވީޑިއޯއެއް އެއްވެސް އިއްޔެ ވަނީ އާންމުވެފަ އެވެ. މިސްކިތުގެ ހުރުމަތް ކެނޑޭފަދަ ޢަމަލުތައް ހިންގަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު ހުށައެޅުއްވި މައްސަލާގައި ވިދާޅުވީ މިސްކިތްތަކަކީ މި ބިންމަތީގައި ހުރި އެންމެ ހުރުުމަތްތެރިވެގެންވާ ތަންތަނަށްވާއިރު، މިސްކިތްތަކުގައި ހިންގާ ނޭއްގާނީ އަމަލުތައް ކަމާގުޅުން ހުރި މުއައްސަސާތަކުން ހުއްޓުވަންޖެހޭކަމަށެވެ.

"މިބާވަތުގެ ނުރައްކާތެރި، އަަޅުގަނޑުމެން އުއްމީދުނުކުރާ ކަހަލަ ކަންތައްތަކެއް މިސްކިތްތަކުގައި ހިނގަމުން ދާއިރު އަޅުގަނޑު ހިތުން އެތަންތަނުގެ ސަލާމަތާ ރައްކާތެރިކަން، އަދި އެތަންތަން ހިމާޔަތްކުރުމަށްޓަކައި، އެތަންތަނުގައި އެބާވަތުގެ އަމަލުތައް ނުހިންގޭނެ ގޮތަކަށް ކަންތައްތައް ކުރުމަކީ ވަރަށް މުހިއްމު ކަމެއް،"

– އާދަމް ޝަރީފް

މިސްކިތްތަކުގެ ހުރުމަތް ދަމަހައްޓައި، އެތަންތަނުގެ ރައްކާތެރިކަން ކަށަވަރުކޮށް، މިސްކިތްތައް ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާ ކުރުމަށާއި، މިސްކިތްތަކުގައި ހިންގާ ހަޑި މުޑުދާރު ޢަމަލުތައް ވަގުތުން ހުއްޓުވައި، މިސްކިތުގެ ޤަދަރު ކުޑަވާގޮތަށް އަމަލު ހިންގާ ފަރާތްތަކަށް ނަސޭހަތްދީ ސަރުކާރަށް ގޮވާލުމަށް މި މައްސަލަ ހުށަހެޅުއްވީކަމަށް ޢާދަމް ޝަރީފު ވިދާޅުވިއެވެ.

މިމައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައި ވަނީ މިފަދަ އަމަލުތައް ހުއްޓުވޭނީ ހަމައެކަނި ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްތަކުގެ މަސައްކަތުން ނޫން ކަމަށާއި، އެންމެން ގުޅިގެން ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެން މިކަން ހުއްޓުވަން ޖެހޭކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.