ފުރަތަމަ މަހުވެސް، މާލެސިޓީ ކައުންސިލަކީ ނަތީޖާނެރޭ ކައުންސިލެއްކަން ހާމަކޮށްދީފި

ފުރަތަމަ މަހުވެސް، މާލެސިޓީ ކައުންސިލަކީ ނަތީޖާނެރޭ ކައުންސިލެއްކަން ހާމަކޮށްދީފި

Author
މުޙައްމަދު ޝަޒައިމް
23 ޖޫން 2021 02:59
0

މާލެ ސިޓީގެ އައު ކައުންސިލު ހުވައިކުރި ފަހުން ފާއިތުވެގެންދިޔަ 1 މަސްދުވަހުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތުގެ ތަފުސީލު ހާމަކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ސިޓީ ކައުންސިލު ވެގެން ގޮސްފައިވަނީ މަސައްކަތް ގިނަ ވަރަށް ބިޒީ ކައުންސިލެއްގެ ގޮތުގައެވެ. ހުވާ ކުރި ދުވަހުން ފެށިގެން ނިމިގެންދިޔަ އެއްމަސް ދުވަސް ވެފައިވަނީ ސިޓީ ކައުންސިލުން ފަހުގެ ތާރީހެއްގައި އެންމެ ގިނަ މަސައްކަތްތަކެއް ކުރި މަހުގެ ގޮތުގައެވެ.

މާލެ ސިޓީ ކައުންސިލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މާރުކޭޓުގައި 4 ފާޚާނާ ހެދުމާއި، އިންޑަސްޓްރިއަލް ވިލެޖު ސާފުކޮށް، ޗައިނާ އެމްބަސީ ކުރިމަތީ އާޓިފިޝަލް ބީޗުގައި ޕާކިން ޒޯނެއް ހެދުމާއެކު މަސް މާރުކޭޓުގައި ވިއްކާ މަސްތައް އަށިމަތީގައި އައިސް އަޅައިގެން ވިއްކަން ފެށިއެވެ. އަދި މަސް މާރުކޭޓުން މަސްވެރިންނަށް އައިސް ގަންނަން ލިބޭނެ ގޮތް ހަމަޖެއްސުމާއެކު މަސްވެރިންގެ މެދުގައި ގުރުލައިގެން މާރުކޭޓުގައި މަސްވިއްކުމުގައ ޚިދުމަތް ދޭން ފަށައިފާވާކަމަށް ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްޞަކޮށް 5 ޒޯނެއް ކުރަހާފައިވާއިރު، 698 ސައިކަލު ޒޯނު ކުރަހައި، 3 އެމްބިއުލާންސް ޒޯނުކުރަހައި، 2 ކާރު ޒޯނުވެސް ކުރަހާފައިވެއެވެ. އަދި 7 ރޭމްޕު ހަދާފައިވާ ކަމަށާއި، 24873 އަކަފޫޓުގެ މަގު މަރާމާތުކުރެވިފައިވާ ކަމަށާއި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ބޭނުންކުރުމަށް 5 ރޭމްޕު ހަދާފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރިއެވެ. މީގެ އިތުރުން 189 އުޅަނދަކަށް ކައުންސިލުންވަނީ މަސްވެރިކަމަށް ނުކުތުމަށް ހުއްދަ ދީފައިވެއެވެ. އަދި 756 މީހަކަށް މަސްވެރިކަން ކުރުމުގެ ހުއްދަ ދީފައިވާއިރު، 210 އުޅަނދެއް ފަޅުތެރޭ އުޅަނދުފަހަރު އެޅުމާ ގުޅޭ ޤަވާޢިދާ ޚިލާފުވެގެން ސްޓިކާ ޖަހާފައިވެއެވެ.

ކޮންސްޓްރަކްޝަން މަސައްކަތާ ގުޅިގެން މަސައްކަތްކުރާ ތަންތަނުގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް 44 ސައިޓެއްގެ ސޭފްޓީ ބެލި ކަމަށް ބުނެފައިވެއެވެ. އަދި 10 ކޮންސްޓްރަކްޝަން ސޭފްޓީ މައްސަލަ ބަލައި ހައްލުކޮށްފައިވެއެވެ. އުމްރާނީ މަސައްކަތްކުރުމަށް 78 ހުއްދައާއި 896 ބޯޑާއި 1 ނޯ އެންޓްރީ ބޯޑާއި މަގު ކޮންނަން 547 ހުއްދަ ދޫކޮށްފައިވެއެވެ. އަދި 44 ސަރަހައްދެއްގައި ގަސްކޮށާފައިވާއިރު، 572 ކާނު ސާފުކޮށްފައިވެއެވެ. އަލަށް 19 މަގެއްގައި 44 މަގުބައްތި ހަރުކޮށްފައިވެއެވެ. 14 މަގެއްގައި ހުރި 125 ލައިޓު މަރާމާތުކޮށްފައިވެއެވެ. 1،240 އަކަފޫޓުގެ ކޭބަލް، ލައިޓުގެ މަސައްކަތަށް ވަޅުލާފައިވެއެވެ.

މަދިރި ކޮންޓުރޯލުކުރުމަށް 1092 ތަނެއް ބަލައި، މަދިރި އުފެދޭ ގޮތަށް ހުރި 139 ތަނަކަށް ބޭސް އަޅައި، 121 ތަނެއް މަދިރި އުފެދޭ ގޮތަށް ހުރުމުން އިސްލާހުކުރަން އަންގާފައިވެއެވެ. އަދި މަދިރިފަނި 128 ތަނަކުން ފެނިފައިވާ ކަމަށާއި، 2649 ކާނަކަށް މަދިރިބޭސް އަޅައި، 311 ބުލޮކެއްގައި ފޮގުކުރި ކަމަށް ކައުންސިލުން ބުންޏެވެ. ޚާއްޞަ މަސައްކަތްތަކުގެ ގޮތުގައި ވިޔަފާރިވެރިންގެ މިސްކިތުގެ އިތުރަށް އޮންނަ ހުސްބިން ސާފުކުރުމާއެކު، ބިއްލޫރިޖެހިގޭ ޕާކިން ޒޯން ހަދައި، ބޮޑުގެ މިސްކިތުގެ ޕާކިން ޒޯން ނިންމާފައިވާ ކަމަށް ކައުންސިލުން އާންމު ކުރި މައުލޫމާތުތަކުން ދައްކައެވެ.

މާލެ ސިޓީ ކައުންސިލާއި މިހާރު ތިއްބެވި ކައުންސިލަރުން ހަވާލުވިފަހުން ގިނަ މަސައްކަތްތަކެއްކޮށް، ސިޓީ ކައުންސިލަކީ އޮތްތަނެއްކަން ހާމަކޮށްދެމުންދާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.