ސަރުކާރުގެ ތެރެއިން ފެންނަނީ އެމްޑީޕީގެ ބާރުވެރިކަން ކަނޑައެޅުމަށް ކުރެވޭ މަސައްކަތް: ސައީދު

ސަރުކާރުގެ ތެރެއިން ފެންނަނީ އެމްޑީޕީގެ ބާރުވެރިކަން ކަނޑައެޅުމަށް ކުރެވޭ މަސައްކަތް: ސައީދު

Author
މުޙައްމަދު ޝަޒައިމް
23 އޮކްޓޯބަރ 2020 04:44
0

މިއަދު ސަރުކާރު ހިންގުމުގެ ތެރެއިން ފެނިގެންދަނީ ރައްޔިތުންނަށް ފައިދާހުރި ގޮތަށް ކަންކަން ކުރުމުގެ ބަދަލުގައި ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީ ތެރޭގައި ދެ ރައީސުންގެ ބާރުވެރިކަން ކަނޑައެޅުމަށް ކުރެވޭ މަސައްކަތް ކަމުގައި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރުގެ މަޤާމަށް ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ނަސީމް އައްޔަން ކުރުމާއި ގުޅިގެން ސައީދު ވިދާޅުވީ މިއީ ދިވެހި ޒުވާނުންނާއި، ރާއްޖޭގެ ޞީއްޚީ ދާއިރާއަށް ސަރުކަރުން ކުރި ވަރަށް ބޮޑު މަލާމާތެއްކަމަށެވެ. ރާއްޖޭގައި ތައުލީމީ ޤާބިލް އެތައް ޒުވާނުން ތިއްބައި، ވަކި މަޤްސަދެއް ހާސިލްކުރުމަށް ދައުލަތުގެ ވުޒާރާތަކަށް ބޭފުޅުން އައްޔަން ކުުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ.

މިއަދު ސަރުކާރުގެ ތެރޭގައި އޮތް ވާދަވެރިކަމަކީ އެމްޑީޕީގެ ތެރޭގައި އޮތް ވާދަވެރިކަން ބޮޑުވެ ރައީސް ޞާލިހުއާއި ރައީސް ނަޝީދުގެ ބާރުވެރިކަން ޕާޓީތެރެއިން ކަނޑައެޅުމަށްޓަކައި ފެނިގެންދާ ވާދަވެރިކަމެއްކަމަށް ސައީދު ވިދާޅުވިއެވެ. ނަމަވެސް މިއީ އަމިއްލަ ބާރާއި ހައިބަތު ދެއްކުމަށްވުރެ ޤައުމަށާއި، ރައްޔިތުންނަށް ހެޔޮއެދިގެން ހިދުމަތްކޮށްދެއްވަންވީ ވަގުތުކަމަށް ސައީދު ވިދާޅުވިއެވެ.

މިއީ ޞިއްޚީ ދާއިރާއަށް ކުރި ވަރަށްބޮޑު މަލާމާތެއް. ޒުވާނުންނާއި، ތައުލީމީ ދިވެހި ދަރީން ބާކީކޮށް، އާއިލާގެ މެމްބަރުން ބާރުވެރިކުރަނީ ރައީސް ނަޝީދާއި، ރައީސް ޞާލިހުގެ ބާރު ޕާޓީ ތެރޭ ކަނޑައެޅުމަށް ހިންގާ ވާދަވެރިކަމުގެ ތެރެއިން.

– މުހައްމަދު ސައީދު

ރައީސް ޞާލިހުގެ މި މަޤާމަށް ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ނަސީމް އައްޔަން ކުރައްވާފައިވަނީވެސް ޖުމްހޫރީ ޕާޓީން 3 ބޭފުޅެއްގެ ނަންވެސް މިމަޤާމަށް އައްޔަން ކުރެއްވުމަށް ފޮނުވާފައިވަނިކޮށެވެ. ނަމަވެސް ރައީސް ޞާލިހުވަނީ މިނަންފުޅުތައް އެއްފަރާތްކޮށް، ހެލްތު މިނިސްޓަރަކަށް ނަސީމް އައްޔަން ކުރައްވާފައެވެ.

ހެލްތު މިނިސްޓަރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމް އައްޔަންކުރައްވީ އިންޑިޔާއިން ތައްޔާރުކުރާ ވެކްސިން ދިވެހިންގެ ގަޔަށް ޖެހުމަށް ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވަނީ އިއްޔެ ވިދާޅުވެފައެވެ. ނަސީމް މިމަޤާމަށް އައްޔަން ކުރުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ގިނަ ފާޑުކިޔުންތަކެއް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.